ދިވެހިންގެ އުފެއްދުންތަކާއި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކެއް ތަކެތި އެއްތާކުން ހޯދަން ބޭނުންނަމަ އެ ފުރުސަތު އެންމެ ފަހިކޮށް އޮތީ މާވެޔޮމަގުގައި ހުޅުވާފައިވާ "ފަތަހަ މޯލް" އިންނެވެ. ތިން ފްލޯގެ މައްޗަށް އެކުލެވޭ އެ ފިހާރައިން ވަރަށް ގިނަ ބާވަތްތަކެއްގެ މުދާ އަގުހެޔޮކޮށް ލިބެން އެބަހުއްޓެވެ. ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް އޮތް "ފަތަހަ" އިން އެންމެ ފަހުން ހުޅުވި ފިހާރައަކީ "ފަތަހަ މޯލް" އެވެ.
މިފަހަރު އާންމުންގެ ނަޒަރު "ފަތަހަ މޯލް" އަށް ހުއްޓިފައި މިވަނީ ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރަމުންދާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓީސް) ގެ ކުޅުންތެރިން އެ ފިހާރައަށް ކުރި ޒިޔާރަތަށެވެ. "ފަތަހަ" އަކީ ސަސްޕަޓީސްގެ މެއިން ސްޕޮންސަރެވެ.
ސަސްގެ ކުޅުންތެރިން އެ ފިހާރައަށް ކުރި ޒިޔާރަތުގެ ތެރެއިން ނަގާފައިވާ ފޮޓޯތައް މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ކުޅިވަރުގެ ދަނޑުން ފާހަގަކޮށްލެވޭ ކުޅުންތެރިން ލޯކަލް ވިޔާފަރި ބުރޭންޑް "ފަތަހަ" ގެ މައި ފިހާރައަށް ޒިޔާރަތްކޮށް އެ ތަނުން ލިބެން ހުރި ތަކެތި އެކި ގޮތްގޮތަށް އާންމުންނަށް ދައްކާލާފައިވެއެވެ. މިކަން ވީ ގިނަ ބައެއްގެ ނަޒަރުގައި ވަރަށް ތަފާތު ކަމަކަށެވެ. ވަރަށް ސަޅި ކަމަކަށެވެ.
ބައެއް ކުޅުންތެރިން ތިބީ ހުނިގާނާ ގޮޑީގައި އިށީންދެ ހުނިގާނާށެވެ. ބައެއް ކުޅުންތެރިން ފެނުނީ ރޮށި ދަމާ ގޮނޑިއާ މޯ އަދި ބަދިގޭގައި ބޭނުންކުރާ އެކި ބާވަތްތަކުގެ ތަކެތި ހިފައިގެންނެވެ. ގޭތެރޭގައި ބޭނުންކުރާ ތަފާތު ސާމާނުތަކާއި ކާބޯތަކެތި ގުދަން ކުރުމުގައި ބޭނުންކުރާ ތަފާތު އައިޓަމްތައް އެކި ގޮތްގޮތަށް ހިފައިން ކުޅުންތެރިން ތިބުންވީ ގިނަ ބަޔަކު ވަރަށް ޝައުގުވެރި ކަމަކަށެވެ.
އެންމެ ގިނަ ބަޔަކަށް ކަމުދިޔައީ ސަސްގެ ބިދޭސީ ކުޅުންތެރިޔާ ހުނިގާނަށް އިން މަންޒަރު ފެންނަ ފޮޓޯއެވެ. ވަރަށް ގިނަ މީހުން އެ ފޮޓޯއަށް ޝައުގުވެރިކަމާއެކު ކޮމެންޓް ކޮށްފައިވެއެވެ.
"ފަތަހަ މޯލް"ގެ އެއް ފްލޯ މިހާރު ހާއްސަ ކޮށްފައި ވަނީ ރީތިވާ ސާމާނަށެވެ. ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑް ތަކުގެ ވަރަށް ގިނަ އަދަދެއްގެ ރީތިވާ ސާމާނުގެ އޮރިޖިނަލް އެ ފިހާރައިން ލިބެން އެބަހުއްޓެވެ. ސަސްގެ ކުޅުންތެރިން ވަނީ "ފަތަހަ" އިން ލިބެން ހުރި ރީތިވާ ސާމާނުވެސް ތަފާތު ޕޯސްތަކުގައި ތިބެ ބެލުންތެރިންނަށް ދައްކާލާފައެވެ.