ރާއްޖެ ކުޅިވަރު

ތަފާތު ބޮޑުކޮށް މަހިބަދޫ ބަލިކޮށް، ވިކްޓަރީ ހަތަރަކަށް

ޓޭބަލުގެ ފުލުގައިވާ މަހިބަދޫ ތަފާތު ބޮޑު ނަތީޖާއެއް ކަމަށްވާ 5-1އިން ބަލިކޮށް، އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ތާވަތުގެ ހަތަރު ވަނަ އަށް ވިކްޓަރީ ޖެހިލައިފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުން މޮޅުވުމުން ވިކްޓަރީ އަށް ވަނީ އަށް މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. މަހިބަދޫ އަށް މިހާތަނަށް ލިބިފައިވަނީ މާޒިޔާއާ އެއްވަރުކޮށްގެން ލިބުނު ޕޮއިންޓް އެކަންޏެވެ. ވިކްޓަރީ ހަތަރު ވަނަ އަށް އެރީ ހަތަރުވަނާގައިވާ އީގަލްސް ރޭ ލީގުގައި ޗެމްޕިއަން ނިއު އަތުން ބަލިވެފައިވާތީ އެވެ. އީގަލްސް އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.

މި މެޗުގައި ވިކްޓަރީގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ބިދޭސީ ފޯވަޑް އޮމަދޫ ވެސްޓް ގޮޑްފްރޭ އެވެ. އަދި އިބްރާހީމް ޝާތިރު ވެސް ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑު ޖެހީ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒެވެ. މަހިބަދޫގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފުގައި ގާސިމް ސައްމާމެވެ.

މި މެޗުގައި މަހިބަދޫ ޓީމަށް އިރުޝާދުދިނީ އެސިސްޓެންޓް ކޯޗު ހުސައިން އައްބާސް އެވެ. އެއީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗަށް ފަހު ބަލްގޭރިޔާގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް މަގާމުން ވަކިކޮށްފައިވާތީ އެވެ.

މެޗަށް ފަހު ވިކްޓަރީގެ ކޯޗު އަހުމަދު ނާޝިދު ބުނީ މޮޅުވުމަކީ ގަދަ ހަތަރެއްގައި އޮވެ ލީގު ނިންމާލަން ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ލީގުގައި މިރޭ ކުޅޭނީ ނިއު އާއި ޓީސީ އެވެ. މި މެޗަށް ފަހު ލީގުގެ ކުޅުން ފަށާނީ މެދަށް ތިން ދުވަސްދީފަ އެވެ.