ވާހަކަ

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 11)

ލިއުޝާގެ ހިތަށް ޙަޤީޤަތުގައި ވެސް ވަރަށް އަސަރު ކޮށްފިއެވެ. ހިތަށް ކުރުވީ ބަޔާން ކުރަން ދަތި އިޙްސާސެކެވެ.

"ލިއު. ނުރޮއި." ހައިޝަމް މަޑުމަޑުން ލިއުޝާގެ އަތުގައި ހިފައިލިއެވެ. އޭރު ވެސް ހައިޝަމްގެ ލޮލުގެ ތެރޭގައި ވަނީ ކަރުނައިގެ ހިލަމެވެ. ނުރޯން ކިތައްމެ މަސައްކަތެއް ހައިޝަމް ކުރި ކަމުގައި ވިޔަސް، އެކަން އޭނާއަށް ވެސް ކާމިޔާބެއް ނުވެއެވެ. ބައެއްގެ ނުބައި ރޭވުމެއްގެ މަޅީގައި ހައިޝަމް ބެދިގެން ދިޔައީ އޭނާ ހީވެސް ނުކޮށް ހުއްޓައެވެ.

"ކިހިނެއް ނުރޮއި ހުންނާނީ؟ ދެން ނޭނގެ ވާނެ ގޮތެއް ވެސް." ލިއުޝާ ރޮމުން ރޮމުން ގޮސް ހައިޝަމްގެ ގައިގައި އޮޅުލައިގަތެވެ. އެއާއި އެކު ލިއުޝާ ބޭނުންވީ ހިތް ފުރޭ ވަރަށް ރޯލާށެވެ.

***

"ހައްހައްހާ!" މިފްޒާލް ނިކަން ބާރަށް ހިނިގަނޑެއް ޖަހައިލިއެވެ. އޭނާ ފޯނުން ވާހަކަދައްކަމުން ދިޔައީ ޒީނާއަށެވެ.

"ސާބަހޭ! ސާބަހޭ! މިއޮތީ މިކަން ނިމިފަ ކަމަށް ބަލާ. އަހަރެންގެ ލިއު އަހަރެންނަށް ދެން ލިބޭނީ. ހައިޝަމާ އެކު ލިއު އުޅޭކަށް ދެން ބޭނުމެއް ނުވާނެ." މިފްޒާލް ވަރަށް އުފަލުން ބުނެލިއެވެ. އެއްވެސް އެެއްޗެއް ނުބުނެ، ޒީނާ އިނީ ހިމޭނުންނެވެ. ބުނަންވީ ކީކޭ ކަމެއް ނޭނގޭތީއެވެ. ހެދުނު ގޯހުގެ މޮޅުކަން ދައްކާކަށް ޒީނާގެ ހިތެއް ނުރުހެއެވެ. އެއީ ޒީނާ ކުރަން ބޭނުންވާ ކަމެއް ވެސް ނޫނެވެ.

"ދެން ކޮން އިިރަކުން އަހަރެންގެ ފޮޓޯތައް ޑިލީޓް ކޮށްލާނީ." ވަގުތު ކޮޅަކު އެއްޗެއް ނުބުނެ ހުރެފައި، ޒީނާ ދެއްކީ އޭނާ ބޭނުންވާ ކަންތަކުގެ ވާހަކައެވެ. އެ ނޫން ކަމަކަށް ޒީނާގެ މިސްރާބެއް ނެތެވެ. ޒީނާގެ އެދުމަކީ އޭނާގެ އަބުރާއި، އިއްޒަތް ސަލާމަތް ކުރުމެވެ.

"ހެހެ. ސާބަސް! ތި ހާދަ އަވަސް އަރުވާލާފަ ތި އުޅެނީ." މިފްޒާލް ހެމުން ހެމުން ބުނެލިއެވެ.

"އަދި މިކަން އެއްކޮށް ކޮޅެއްގަ ނުޖެހެއްނު؟ ޕޮލިހަށް ރިޕޯޓު ކޮށްފިންތަ؟" މިފްޒާލްގެ އަޑުގައި ވަނީ ވިހަ ކަމެކެވެ. ޒީނާ ފުންކޮށް ނޭވާއެއް ލަމުން ދެލޯ މަރައިލީ ފޯނު ހިތްމަތީގައި ޖައްސައިލަމުންނެވެ. އިތުރަށް މިފްޒާލް ދައްކާ ވާހަކަތައް އަޑު އަހަން ބޭނުން ނުވާތީއެވެ.

***

ހަވީރުގެ މަރިޔާދު ވަގުތެވެ. ލިއުޝާ އާއި ހައިޝަމްގެ ފަރާތުން ފެންނަނީ މުޅިން ހިމޭން ކަމެކެވެ. އެދެމީހުން ތިބީ ކޮޓަރިން ނުކުންނަށް ވެސް ބޭނުން ނުވެފައެވެ. ހައިޝަމްގެ އެކި އެކި ރައްޓެހިން ދިޔައީ ކަމުގެ ދެކޮޅު ނުބަލައި، ފާޑުފާޑުގެ އެއްޗެހި ކިޔާފައި، އޭނާއަށް މެސެޖުތައް ކުރަމުންނެވެ. އެއިން ކޮންމެ މެސެޖަކުން ހައިޝަމްގެ ހިތްވަރު ދިޔައީ އެލެމުންނެވެ. މުޖުތަމަޢުގެ ވިސްނުން ހުރި ގޮތް ކިތަންމެހާ ވެސް ބޮޑަށް ހައިޝަމަށް އެނގުނެވެ. އަންހެނަކު އެއްޗެއް ބުނެފި ނަމަ، އެވާހަކަތައް ޤަބޫލު ކުރާ މީހުންގެ ނިސްބައި ބޮޑެވެ. އެކަމުން ހައިޝަމަށް ލިބެމުން ދިޔައީ ބޮޑު ތަކުލީފެކެވެ.

ކުއްލިއަކަށް ލިއުޝާ އާއި ހައިޝަމަށް ސިއްސައިގެން ގޮސް ދޮރަށް ބަލައިލެވުނީ، ގޭގެ ދޮރުގައި މީހަކު ޓަކިދޭ ފެށި އަޑަށެވެ. ދެމީހުންނަށް އެއްކޮށް ކޮޅަށް ތެދުވެވުނެވެ. ހައިޝަމް ހިނގައިގަތީ ދޮރު ހުޅުވުމަށެވެ. ހައިޝަމްގެ ފަހަތުން ލިއުޝާ ވެސް ދިޔައެވެ.

ދޮރު ހުޅުވައިލުމާއި އެކު، ހައިޝަމްގެ ދެލޯ ބޮޑުވިއެވެ. ލިއުޝާއަށް ކުރުވީ ހިތްދަތި އަސަރުތަކެކެވެ. މިއީ ވާނެ ކަމެއްކަން މާ ކުރިން ވެސް ލިއުޝާއަށް ހީވިއެވެ. ދޮރު ކުރިމަތީގައި ހުރީ 3 ފުލުހެވެ. އެމީހުން އެދުނީ ހައިޝަމް އެމީހުންނާ އެކު ފުލުހުންގެ މަރުކަޒަށް ދިޔުމަށެވެ. އަސަރުން ފުރިފައިވާ ނަޒަރަކުން ހައިޝަމް ބަލައިލީ ލިއުޝާގެ މޫނަށެވެ. އެ މޫނުން ފެންނަމުންދާ ގިލަންވެރިކަން ބަލާކަށް މާގިނަ އިރަކު ހައިޝަމަކަށް ކެތެއް ނުވިއެވެ. އެހިތްވަރެއް، އެހާ ވަގުތެއް ވެސް ހައިޝަމަކަށް ނުލިބުނެވެ. ފުލުހުންނާ އެކު، ލިއުޝާ ފަސްދީ ހައިޝަމް ހިނގައިގަތީ ލިއުޝާގެ ދިިރިއުޅުން އެކަނި ކޮށްފައެވެ. ލިއުޝާއަށް ހިތްދަތިކަން ގެނުވަމުންނެވެ.

***

"އަހަރެން މި ދަނީ." މިފްރާހު ވަރަށް އަވަސްކޮށް ފޯނު ބާއްވަމުން، ގެއިން ނުކުންނަން ހިނގައިގަތެވެ. މިފްރާހުގެ ފަރާތުން ފެންނަނީ އަވަސް ކަމެވެ.

"ދޮންބޭ! މާ އަވަސްކޮށްލާފަ ކޮންތާކަށް؟" ސިޓިންގރޫމްގައި އިން މިފްޒާލް އަހައިލިއެވެ.

"މިދަނީ ފުލުހުން ގުޅައިގެން. ހައުލާގެ ކަންތަކުގަ." މިފްރާހުގެ އަޑުގައި ވަނީ ރާޅުކަމެެކެވެ. މިފްރާހު އަބަދު ހިތާމަ ކުރާއިރު، އެކަން އެނގި ހުރެ މިފްޒާލް އޭނާގެ ދޮންބެގެ ހިތާމައިގައި ބައިވެރިއެއް ނުވެއެވެ. މިފްރާހަށް ވަގުތެއް ވެސް ނުދެއެވެ. އޭގެ ބަދަލު މިފްޒާލްގެ މަޤުޞަދަކީ މީހުންގެ ދިރިއުޅުން ހަލާކު ކުރުމެވެ. ހަމަ އެކަނި އޭނާގެ އަމިއްލަ އެދުމުގައެވެ.

"ވާނުވާ އަންގައްޗޭ!" މިފްޒާލް އެހެން ބުނެ، ސޯފާގައި ޖައްސައިލިއެވެ. މިފްރާހު ވަރަށް އަވަސްކޮށް ސައިކަލަށް އަރައި މިސްރާބު ޖެހީ ފުލުހުންގެ މަރުކަޒަށެވެ.

***

އެނދުގައި ބަންޑުން އޮވެ، ލިއުޝާ ރޮއިރޮއި ހަލާކު ވަނީއެވެ. ލިއުޝާއަށް ޙަޤީޤަތުގައި ވެސް ވަރަށް އަސަރުކޮށްފިއެވެ. ޓީވީ، ރޭޑިއޯ ތަކުން ވެސް މިހާރު ދައްކަނީ ހައިޝަމްގެ ވާހަކައެވެ. ހައިޝަމް ވަޒީފާ އަދާކުރާ ތަކުން، ހައިޝަމް ވަޒީފާއިން ކަނޑައިލި ކަމުގެ ލިޔުން ވެސް ގެއަށް ފޮނުވައިފިއެވެ. އެކަންކަން ހައިޝަމަށް އެނގެއްޖެ ނަމަ، ވަރަށް ދެރަވާނެކަން ލިއުޝާއަށް އިޙްސާސްވެއެވެ.

ލިއުޝާ އޭނާގެ ލޮލުން އޮހެމުންދާ ކަރުނަތައް ފޮހެލަމުން، އޭނާގެ ފޯނު ނެގިއެވެ. އަދި ޒީނާއަށް ގުޅައިލިއެވެ. ލިއުޝާ ބޭނުންވީ ޒީނާގެ ގާތުން ހަމަ އެންމެ ސުވާލެއް ކުރާށެވެ. ލިއުޝާ އެނގެން ބޭނުންވީ އޭނާގެ ދިރިއުޅުން މިހާލަތަށް ޒީނާ ވައްޓައިލީ ލިއުޝާ ކޮން ކުށެއް ކޮއްގެންތޯ ބަލާށެވެ. ނަމަވެެސް ލިއުޝާ ހަވަަރަކަށް ފަހަރު ގުޅި އިރުވެސް، ޒީނާ ފޯނަށް ޖަވާބެއް ނުދެއެވެ. ޒީނާގެ ގާތުގައި ފޯނު އޮވެ ވެސް، ފޯނަށް ޖަވާބު ދޭން ޒީނާ ބޭނުން ނުވީއެވެ. ދައްކަންވީ ކޮންވާހަކައެއްކަން ނޭނގޭތީއެވެ. މިއަދު ލިއުޝާއާ ވާހަކަދައްކަން ޒީނާ ފަސްޖެހެއެވެ. ލަދު ގަނެއެވެ. ހިތްވަރު އެލުވާލަމުން، ލިއުޝާ އޭނާގެ ފޯނު އެނދުމައްޗަށް ހޫރައިލިއެވެ.

***

"ވަރަށް ދެރަ ޚަބަރެއް ދޭން އޮތީ." ފުލުސް މީހާ ބަލައިލީ މިފްރާހުގެ މޫނަށެވެ. މިފްރާހު އިނީ ފުލުހުންގެ މަރުކަޒުގައި އިންނަ ކުޑަ ބިއްލޫރި ކޮޓަރިއެއް ކަހަލަ ތަނެއްގައެވެ.

"ކޮން؟" މިފްރާހު ހިތް ދިޔައީ ހަލުވި މިނުގައި ގުޑެމުންނެވެ. ހީވަނީ އޭނާގެ ހިތަށް އާދަޔާ ޚިލާފު ބޮޑު ލޮޅުން ގަނޑެއް އަރަން އުޅެނީހެންނެވެ.

"ހައުލާ މަރުވީ ކަމަށް ބެލެން އޮތީ." އެހެން ބުނެ ފުލުސް މީހާ ދައްކައިލީ ހައުލާ އެދުވަހު ލައިގެން އުޅުނު ހެދުމެވެ.

"އަޅުގަނޑުމެން ކަނޑު އަޑިން މި ހެދުން ނެގީ." ފުލުސް މީހާ ދެއްކި ވާހަކަތައް ޤަބޫލު ކުރަން މިފްރާހަކަށް ފަސޭހައެއް ނުވިއެވެ. މިފްރާހު އަނގަ ހުޅުވި، ދުލުގެ ހަރަކާތް ހުއްޓުނެވެ. އެއްވެސް އެއްޗެއް ނުބުނެ މިފްރާހު އިން ގޮތަށް ހަމަ އިނީއެވެ. މިހާރު މިފްރާހު ހީވަނީ ޖެހި ބުދެއް ހެންނެވެ.

"ނޫން! ނޫން! ތިހެން ނުބުނޭ. ހައުލާ މަރެއް ނުވާނެ." މިފްރާހަށް ލަތްކަކަށް ކޮޅަށް ތެދުވެވުނެވެ. މަރުވެފައިވާ މިފްރާހުގެ ދޫ ހަރަކާތް ކުރަން ފެށީ ހަމަ ކުއްލިއަކަށެވެ. ހައުލާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މިފްރާހު، ހައުލާ ދެކެ ވަރަށް ލޯބިވެއެވެ. ހައުލާއާ މިފަދަ ގޮތަކަށް ވަކިވާކަށް މިފްރާހުގެ ހިތެއް ތައްޔާރެއް ނޫނެވެ. މިފްރާހު މޫނުމަތީގައި އަތް އަޅައި ރޯން ފެށީ އަންހެން ކުއްޖެއް ފަދައިންނެވެ. ހައުލާ މަރުވީކަން ޤަބޫލު ކުރާނެ ހިތްވަރެއް، މިފްރާހުގެ ނެތެވެ. ފުލުސް މީހާ ގޮސް މިފްރާހުގެ ކޮނޑުގައި އަތް ޖަައްސައިލަމުން ހިތްވަރު ދިނެވެ.

"އަހަރެން ބޭނުން މި މަރު ތަޙުޤީޤު ކުރަން. ހައުލާ އަމިއްލައަށް މަރެއް ނުވާނެ." ރޮމުން، މިފްރާހަށް ބުނެވުނީ އެވަރަށެވެ.

"އަޅުގަނޑުމެން މިކަން ބަލާނަން. ދެރަ ނުވޭ!" މިފްރާހުގެ ކޮނޑުގައި ފުލުސް މީހާގެ އަތް ކާއްތައިލީ އޯގާވެރި ކަމާއި އެކުގައެވެ.

"ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް!" ފުލުސް މީހާ ގެންދިިޔައީ މިފްރާހަށް ހިތްވަރު ދެމުންނެވެ.

***

ރޮމުން ގެންދިޔަ ލިއުޝާ ކޮޅަށް ތެދުވީ، ހަލުވި ކަމާއި އެކުގައެވެ. ލިއުޝާގެ ސިކުނޑި އޭނާގެ ގާތުގައި އެދުނު އެދުން، ފުއްދުމަށެވެ. ރުއިމަކީ މިކަމުގެ ހައްލު ނޫންކަން އެނގޭތީއެވެ. ބައެއްގެ ނުބައި ރޭވުމުން، ލިއުޝާގެ ދިރިއުޅުން ހަލާކު ވާން ނުޖެހޭނެކަން ވިސްނުމުންނެވެ. އަމިއްލަ ދިރިއުޅުން ޙިމާޔަތް ކުރަން ހަނގުރާމަ ކުރަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރަން ޖެހޭނެ ކަން ލިއުޝާއަށް ވިސްނުނެވެ.

"މީ ނިމުމެއް ނޫން." ލިއުޝާ ގޮސް ހުއްޓުނީ ލޯގަނޑުގެ ކުރިމަތީގައެވެ. ބެހިގެންދާން ފެށި އޭނާގެ އުފާވެރި ދިރިއުޅުން އަލުން ހޯދަން ލިއުޝާ މަސައްކަތް ކުރަން ފެށިއެވެ. ވަގުތު ފާއިތު ނުވަނީސް އޭނާގެ ލޯތްބަށްޓަކައި، ދިިރިއުޅުމުގެ ގަދަ ކަނޑަށް ލިއުޝާ ޖެހިލުމެއް ނެތި ނުކުންނަން ބޭނުންވިއެވެ. ލިއުޝާ ވެސް ބޭނުންވީ އެފްބީ ލައިވްއެއް ގެނެސްދޭށެވެ. އެގޮތަށް ވިސްނައިގެން ލިއުޝާ އޭނާގެ ފޯނުން އެފްބީ ލައިވް ފެށިއެވެ.

"މީ ލިއުޝާ. ހައިޝަމްގެ އަންހެނުން. އަހަރެން މި ލައިވް މިގެނެސްދެނީ ހުރިހާ އެންމެންނަށް ކަމުގެ ޙަޤީޤަތް އަންގަން. ޒީނާ އަަހަރެމެންގެ ގެއަށް އައި. ނަމަވެސް، ހައިޝަމް ޒީނާއަކަށް އެއްވެސް ކަމެއް ނުކުރޭ. ޒީނާ އުޅުނީ އަހަރެންގެ ފިރިމީހާގެ އަގު ވައްޓާލަން! ޒީނާ ރޭޕެއް ނުކުރޭ. އަހަރެން އެކަން ސާބިތު ކޮށްދޭނަން މުޅި ދުނިޔެއަށް. ސޯ... ޕްލީޒް ސޮޓްޕް ޖަޖިން! ހައިޝަމް އިޒް އިނޮސެންޓް ގައި. އޭނައަށް ތިހެން ކަންތައް ނުކުރޭ!" ލިއުޝާއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. ރޮވޭ ވަރުން އެންެމެ ފަހުން ލިއުޝާ ލައިވް ނިންމާލީއެވެެ. ލިއުޝާގެ ލައިވްގެ ރިކޯޑިން ބަލާފައި، ޒީނާ ވަރަށް ރުއެވެ. ވަރަށް ހިތާމަ ކުރިއެވެ.

***

ގޭގެ ސިޓިންގރޫމްގައި ލިއުޝާގެ ލައިވްގެ ރިކޯޑިން ބަލަން މިފްޒާލް އިނީ ހިނި އައިސްފައެވެ. އެއްވެސް އަސަރެއް މިފްޒާލްގެ ހަރު ހިތަކަށް ނުކުރެއެވެ. މިފްޒާލް ހެމުން ހެމުން ބަލައިލީ ކޮމެންޓު ތަކަށެވެ.

"ލޮލް! އަމިއްލަ ފިިރިމީހާ ކުށް ކުރީމަ ދިފާޢު ކުރަނީތޯ؟"
"ލިއުޝާމެން ލަދު ކޮބާ؟ ތި ވާހަކަތައް ޤަބޫލެއް ނުކުރެވޭ."
"ލިއު. ޑޯންޓު ބީ ސޭޑް. އެވްރިތިންގ ވިލްބީ އޯލް ރައިޓް. އިންޝާ ﷲ"
"ހައިޝަމް ރޭޕް ކުރީ ޒީނާ."

ގިނަ ކޮމެންޓުތައް ހުރީ ހައިޝަމްއާ ދެކޮޅަށެވެ. މިފްޒާލް "ޕަކާސް" ކިޔާފައި ހިނިގަނޑެއް ޖަހައިލި ވަގުތަކީ މިފްރާހު ގެއަށް އައިސް ވަތް ވަގުތެވެ. މިފްޒާލް ކުއްލިއަކަށް ސޯފާއިން ތެދުވިއެވެ. އަދި ވަރަށް ހައިރާންވެ ހުރެ، ދޮރު ކައިރީގައި ހުރި މިފްރާހަށް ބަލައިލިއެވެ. މިފްރާހުގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނުމަތީގައި އެއްވެސް ތާޒާ ކަމެއް ނެތެވެ. އޭރުވެސް މިފްރާހުގެ ތިރީ ތުންފަތް ދިޔައީ ހިތާމައިގެ ވޭނުން ތުރުތުރު އަޅަމުންނެވެ.

"ދޮންބޭ..." މިފްޒާލް ލަސްކޮށް ފިޔަވަޅު ނަގަމުން ހިނގާފައި ގޮސް ހުއްޓުނީ މިފްރާހުގެ ކުރިމަތީގައެވެ.

"ދޮންބޭ! ކިހިނެއްވީ؟" މިފްޒާލް ހިފައިލީ މިފްރާހުގެ އަތުގައެެވެ.

"ކޮއްކޯ. ހައުލާ." މިފްރާހަށް ބުނެވުނީ އެވަރަށެވެ. ކުއްލިއަކަށް އަޑު ނުކުމެގެންދާ ގޮތަކަށް މިފްރާހަށް ރޮއިގަނެވުނީ މިފްޒާލްގެ ގައިގައި އޮޅުލައިގަންނަމުންނެވެ.

"ކޮއްކޯ. ހައުލާ މަރުވީ. އެކަމު އަހަރެން އެކަން ޤަބޫލެއް ނުކުރަން." މިފްރާހު އެހެން ބުނި ވަގުތު މިފްޒާލްގެ ކަކުލު ހުޅުން ވާގި ދޫވި ފަދައެވެ. ކުއްލިއަކަށް މިފްރާހު ގަޔާ ދުރުކޮށްލަމުން، މިފްޒާލް ދެލޯ ބޮޑުކޮށްގެން ބަލައިލީ މިފްރާހުގެ މޫނަށެވެ.

"ތިބުނީ؟" މިފްޒާލް ވަރަށް އުދަނގުލުން އަހައިލިއެވެ. މިފްރާހު ރޮމުން ހުރިހާ ވާހަކައެއް މިފްޒާލަށް ކިޔައިދިނެވެ.

***

ރޭގަނޑުގެ ހިމޭން ވަގުތެވެ. ގަޑިން 9 ޖަހައި ބޮޑުވެއްޖެއެވެ. ހިމަ ގޯޅިތަކުން ވަރަށް ލަސްލަހުން ހިނގާފައި އައި އަންހެން މީހާ ގޮސް ވަނީ އެތަނުގެ ކައިރީގައި ހުރި ގެސްޓު ހައުސްއަކަށެވެ. ކަޅު ބޮޑު ފޭރާމުން، ގައި ނިވާކޮށްފައި ވަނީ މޫނާ ވެސް އެކުގައެވެ. ބަލާ ބެލުމަށް އެއީ ދީންވެރި، މޫނު ބުރުގާ އަޅައިގެން ހުރި އަންހެނެކެވެ. އެ އަންހެން މީހާ ގޮސް ވަނީ އެ ގެސްޓު ހައުސްގެ 111ވަނަ ނަމްބަރު ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމާއި އެކު، ވަރަށް އަވަސްކޮށް އެމީހާ ކޮޓަރި ތަޅުލިއެވެ.

މަޑުމަޑުން ހިނގާފައި އެ އަންހެން މިހާ ގޮސް ކޮޓަރީގެ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އަދި މޫނު ބުރުގާ ނަގަމުން، ލޯގަނޑުން އޭނާ މޫނު ބަލައިލިއެވެ. ލޯގަނޑުން ފެންނަން ހުރީ ހައުލާއެވެ. ހައުލާގެ ތުންފަތުން ދުވެލީ ބަދަލު ހިފުމުގެ ރޫހު ހުރި ހިނިތުންވުމެކެވެ. (ނުނިމޭ)