ނޭދެމޭ ވަކިވުމެއް

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 24)

"އަހަރެން ޤަބޫލުކުރަން އަހަރެންގެ ކުށް.. މިކަން ސިއްރު ކުރުމަކީ އަހަރެންނަށް ހެދުނު ގޯހެއް. އެކަމު މިފްރާހު... އަންހެނަކަށް ވެހުރެ، އަހަރެންނަށް މި ނޫން ގޮތެއް ހަދަން އަހަރެންގެ ސިކުނޑި އިތުރު ފުރުޞަތެއް ނުދިން.." ހައުލާ ގެންދިޔައީ މިފްރާހުގެ ފައި ދަށަށް ތިރިވެ، ރޮއި ގިސްލަމުންނެވެ.

"އަހަރެންނަށް މާފު ކުރޭ.." ހައުލާގެ އަޑުގައި އެކުވެފައިވާ ވޭނީ ރާގުން މިފްރާހަށް އަށް ދިޔައީ ވަރަށް އަސަރު ކުރުވަމުންނެވެ.

"ހައު.. ހައުލާ.." މިފްރާހު ވަރަށް އުނދަގުލުން ހިފައިލީ ހައުލާގެ އަތުގައެެވެ. އަދި މަޑުމަޑުން ހައުލާ ކޮޅަށް ނެގިއެވެ. އެއާއި އެކު މިފްރާހު އޭނާގެ ކަޅި އަމާޒު ކޮށްލީ ހައުލާގެ ސީދާ ދެލޮލަށެވެ. މިފްރާހާއި ހައުލާގެ ލޮލުގެ ކަޅިން ފެންނަނީ އެދެމީހުންނަށް ލިބިފައިވާ ގިލަންވެރިކަމެވެ.

"މި ވޭތުވެގެން ދިޔަ ކޮންމެ ސިކުންތެއް.. ކޮންމެ މިނެޓެއް އަހަރެން ހޭދަ ކުރީ ހައުލާގެ ހަނދާނުގަ. އަހަރެން ދިރިއުޅުނީ ހައުލާގެ ޚިޔާލީ ދުނިޔޭގަ. ހައުލާއާ އެކު. އަހަރެންނަށް ހައުލާއާ ނުލައި ދިރިއުޅުން ވަރަށް އުދަނގުވި.. އަބަދުވެސް ފެންނަނީ ހައުލާ، ބަލާލި ކޮންމެ ދިމާލަކުން.." މިފްރާހަށް ކޮށްފައިވާ އަސަރު އޭނަގެ އަޑުން އެކަނި ވެސް ހެކިވެއެވެ.

"ހައުގެ ކުށެއް ނެތް. އަހަރެން ހައުއަށް މާފު ދީފިން، އެއީ އަހަރެންނަށް އެންމެ އުނދަގޫ ހާލަތުގައި ވެސް އަހަރެންގެ ގާތުގައި ވީ މީހަކީ ހަމަ ތީ.." މިފްރާހު އެހެން ބުނެ ނިކަން ބާރަށް ހައުލާގެ ގައިގައި ބައްދައިގަތެވެ. އެޔާއި އެކު މުޅި ގޭތެރެއަށް ހީވީ ލޯބީގެ ވާރޭގެ ތިކިތަކެއް ޖަހަން ފެށިހެންނެވެ. ހައުލާގެ ބަނޑުގައި ވަނީ ކޮއްކޮގެ ދަރިއެއްކަން އެނގި، މިފްރާހުގެ ހިތުގެ އަޑިން ހައުލާ ޤަބޫލު ކުރީ، ހައުލާ ވަރަށް ބޮޑަށް ބޭނުން ވާތީއެވެ.

***

ހަވީރުގެ މަރިޔާދު ވަގުތެވެ. ހޮސްޕިޓަލުން ޒީނާ ދޫކޮށްލުމާއި އެކު، އޭނާ ޓެކްސީގައި މިސްރާބު ޖެހީ ފުލުހުންގެ މައި މަރުކަޒަށް ދާށެވެ. ޒީނާގެ ގާތުގައި އޭނާގެ މަންމަ ޒުހުދާ ވެސް އިނެވެ. ޒީނާ މިއިން އެއްވެސް ކަމެއް ޒުހުދާއަށް ވެސް ކިޔައި ނުދީ ފުލުހުންގެ މަރުކަަޒަށް ދާން ނިންމުމުން، ޒުހުދާ ވެސް ވަނީ ކޮންމެ ވެސް ވަރަކަށް ހާސްވެފައެވެ. ނަމަވެސް ދަރިފުޅުގެ ފަރާތުން މިކަމަށް ކުރިމަތިލުމަށް ހިތްވަރު ފެންނަމުން ދާތީ ޒުހުދާ އެކަމާ އުފާ ކުރެއެވެ.

ޒީނާގެ ފަަހަތުން ޒުހުދާ ވެސް ހިނގައިގަތީ ފުލުހުންގެ މަރުކަޒަށް ވަންނާށެވެ. ޒީީނާގެ ހިތުގައިވާ މަޖުބޫރީ އިޙްސާސްތައް ފުލުހުންގެ ކުރިމަތީގައި ބަންޑުންކޮށްލަން ޒީނާ ހުރީ ނުހަނު ބޭނުން ވެފައެވެ.

"ވަދޭ!" މައްސަލައިގެ ބަޔާން ނަގާ ސެކްޝަނަށް ވައްދަން ހުއްދަ ލިބުނީ ޒީނާއަށް އެކަނި ކަމުން ޒުހުދާ ބޭރުގައި މަޑުކޮށްލިއެވެ. ޒުހުދާގެ ހިތަށް އިތުރަށް ލިބުނީ ބޮޑު މާޔޫސް ކަމެކެވެ. ވާން މިއުޅޭ ގޮތް ހަމަ އެއްގޮތަކަށް ވެސް ނޭނގޭތީއެވެ.

ޒީނާ އިސް އުފުލާލަމުން ބަލައިލީ އޭނާގެ ކުރިމަތީގައި ހުރި ފުލުސް މީހާއަށެވެ. އެމީހާގެ މޫނަށް ރަނގަޅަށް ބަލައިލަމުން ޒީނާ ވާހަކަ ދައްކަން ފެށީ އިތުރަށް ލަސްކުރަން ބޭނުން ނުވާތީއެވެ.

"އަހަރެންނަށް މަޖުބޫރު ވީ.. މަޖުބޫރު ކުރީ މިފްޒާލް.." ޒީނާ އެންމެ ފުރަތަމަ ވެސް ބުނީ އެހެންނެވެ. ފުލުސް މީހާ ޝައުޤުވެރިކަމާއި އެކު ޒީނާގެ ވާހަކަ އަޑު އަހަން އިނެވެ.

"އަހަރެންނާ އެކު ކިޔެވި މީހެއް މިފްޒާލަކީ.. ދެން ހުންނާނީ ލިއުޝާ. އެއީ ވެސް އަހަރެންނާ އެކު ކިޔެވި މީހެއް. އަދި އެއީ އަހަރެންގެ ބެސްޓު ފުރެންޑު.. މިފްޒާލް ކިޔެވި ދުވަސްތަކުގަ ލިއުޝާ ދެކެ ލޯބިވި.. ލޯބި ވެސް ހުށައެޅި. ނަމަވެސް ލިއުޝާ އެކަމަށް އެއްބަސް ނުވީ.. ދެން ކުރިން އަހަރެންނާ މިފްޒާލާ ވެސް ރައްޓެހިވާނެ. އެއްކޮށް ޕާޓީ ތަކަށް ވެސް ދިޔައިން. ލިއުޝާއަށް ނޭނގި. އެގޮތަށް އުޅުނު އިރު މިފްޒާލް ވަނީ އަހަރެންގެ ފޮޓޯތަކެއް ނަގާފަ. އަހަރެން ހަމައިގަ ނެތް ވަގުތުތަކު. ނަމަވެސް އަހަރެން ފަހުން އެ ގޮތަށް ޕާޓީ ކުރުން ހުއްޓާލީ.. އޭގެ ފަހުން އަހަރެން އޭރުގެ ހަނދާންތައް ބޮލުން އެއްކޮށް ނެރެލިން.." ޒީނާ ވާހަކަދައްކަމުން ދިޔައީ ފުލުސް މީހާއަށް ބަލަމުންނެވެ.

"ކިޔެވުން ނިމި، ރާއްޖެ އައި ގޮތަށް ލިއުޝާ ކައިވެނި ކުރީ.. އެޔަށްފަހު ކަންތައް ދިޔައީ މުޅިން ގޯހުން ގޯހަށް.. މިފްޒާލް މަސައްކަތް ކުރީ ލިއުޝާ ހޯދަން.. އެކަމު އަހަރެން ވެސް އެރީ މިފްޒާލާ ދެކޮޅަށް. އެންމެ ފަހުން މިފްޒާލަށް ލިއުޝާ ނުލިބޭނެކަން ޔަޤީން ވުމުން އޭނާގެ އަތުގައި ހުރި ފޮޓޯތައް ދައްކައިގެން އަހަރެންނަށް ބިރުދެއްކީ... ލީކު ކޮށްލާނެ ކަމަށް ވެސް ބުނި.. އަހަރެންނަށް ގޮތް ހުސްވީ.. އަހަރެންނަށް އަހަރެންގެ އަބުރާ އިއްޒަތް މުހިންމު ވީ.." ޒީނާގެ ލޮލުގެ ތެރޭގައި މަޑުމަޑުން ފެންތައް ޖަމާވާން ފެށިއެވެ.

"އަހަރެން މެދުވެރިކޮށްގެން ލިއުޝާގެ ދިރިއުޅުން ހަލާކު ކުރަން މިފްޒާލް މަސައްކަތް ފެށީ.. އެ މަސައްކަތުގެ ތެރޭގަ އަހަރެން އެންމެ ލޯބިވާ އަހަރެންގެ ބެސްޓު ފުރެންޑު އަަހަރެންނަށް ގެއްލުނީ. އެ ލޯބި ނެތިގެން ދިޔައީ..." ޒީނާގެ ލޮލަށް ޖަމާވި ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ.

"ނަމަވެސް... އަހަރެން ބޭނުންކޮށްގެން ވެސް ލިއުޝާގެ ދިރިއުޅުން ހަލާކުކޮށެއް ނުލެވުނެ.. ދެން އޭނަ ނިންމީ ސިހުރު ހަދަން.." ޒީނާއަށް އެހެން ބުނުމާއި އެކު ހުއްޓުން އެރިއެވެ. ފުލުސް މީހާގެ ދެލޯ ވެސް ވީ ބޮޑެވެ.

"ސިހުރޭ؟" ފުލުސް މީހާ ހައިރާންވެ ހުރެ އަހައިލިއެވެ.

"އާދެ! ސިހުރު ހެދީ.. ތަސްބީނާ ކިޔާ މީހެއް ކައިރިއަށް ގޮސްގެން.. ލިއުޝާ އާއި ހައިޝަމްގެ ދިރިއުޅުން ހަލާކުކޮށް އެދެެމީހުން ނެތިކޮށްލަން.. އެކަމު އެ ސިހުރު އެ ޖެހުނީ އޭނައަށް. ޚަބަރުންނާ، އެތަން މިތަނުން އެ ކިޔަނީ އޭނަ އޮތީ ކާލާފައޭ. އާނ! އެއީ ރޫހާނީ ކަމެއް.. ސަބަބަކީ ސިހުރު.." ޒީނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ.

***

"ހައު ތި ވާހަކަ މީހެއް ގާތުގަ ނުބުނާތި! އޭރުން ހައު ކުށްވެރި ވެދާނެ.. ކޮންމެ ގޮތެއް ވިޔަސް މިފްޒާލަށް އެ ލިބުނީ އޭނަ ކުރި ކުށުގެ ހައްޤު ސަޒާ.. މީހަކަށް ދެރައެއް ދީފަ އަނެއްމީހާ އަކަށް ނެތް އުފަލެއް." ހައުލާގެ ބުރަކަށީގައި ފިރުމަމުން މިފްރާހު އެދުނީ ހައުލާ އެ ސިހުރު މިފްޒާލަށް ކާން ދިން ކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަށެވެ.

"އަހަރެން ދުވަހަކުވެސް ކޮއްކޮއަށް މާފެއް ނުކުރާނަން" މިފްރާހު އެހެން ބުނެލީ ހިތުގައި ކޮއްކޮއަށް ރޯވި އަލިފާންގަނޑުގެ ހޫނު ކަމާއި އެކުގައެވެެ.

"އަހަރެން އުޅުނީ ލިއުޝާއަށް ގުޅަން ވެގެން.." ހައުލާ އެހެން ބުނެ، ބަލައިލީ މިފްރާހަށެވެ.

"ނޫން. ބުނާނެ ކަމެއް ނެތް.. އެއީ ރަނގަޅު ގޮތެއް ނޫނެއްނު؟" މިފްރާހު، ހައުލާގެ ވިސްނުން ހުރި ގޮތާއި އެއްބަހެއް ނުވިއެވެ.

"ނޫން މިފްރާހު. އޭގަ ނެތޭ މައްސަލައެއް.. އޯކޭ ދޯ ދިމާކޮށްލިޔަސް.. އަހަރެން ބޭނުން ލިއުޝާއާ ބައްދަލުކޮށްލަން.." ހައުލާ ކުރުނުކޮށް އެހެން ބުނުމުން، މިފްރާހު ބޯޖަހައިލީ އާނއެކޭ ބުނާފަދަ ގޮތަކަށެވެ.

***

ރޭގަނޑުގެ ވަގުތެވެ. ލިއުޝާގެ ގެއަށް ހައުލާ ދިޔައީ އެކަނި މާއެކަންޏެވެ. އަޒްކާގެ އެހީތެރިކަމާއި އެކުގައެވެ. މިހާރު އަޒްކާ ވެސް ހުރީ ނިކަން އުފާވެފައެވެ. އޭނާގެ ލޯބިވެރިޔާ ނުބައި ރައްޓެއްސެއްގެ މަޅިން ސަލާމަތް ވީތީއެވެ. ޝިޔާދަށް ނަޞޭހަތް ދެމުން ޝިޔާދު ހަމައަކަށް އަޅުވަން ވެސް އަޒްކާ މަސައްކަތް ކުރަމުން ދެއެެވެ. އަޒްކާ އެންމެ އުފާ ވަނީ މިފްޒާލާ ގުޅިގެން ބޮޑު ފާފައަކަށް ޝިޔާދު އަރައި ނުގަތް ކަމެވެ.

"އައްސަލާމް އަލައިކުމް.." ލިއުޝާގެ ގޭގެ ދޮރު ހުޅުވައިލީ ޒަޔާނެވެ. ދޮރު ކުރީމަތީގައި ސަލާމް ގޮވި ހައުލާއަށް ބަލައިލަމުން ޒަޔާން ހިނިތުންވުމެއް ދެމުން ސަލާމަށް ޖަވާބު ދިނެވެ.

"ކާކުތަ؟" ޒަޔާންގެ ފަހަތުން އިވުނީ ލިއުޝާގެ އަޑެވެ. ލިއުޝާ ބަލައިލީ ހައުލާގެ މޫނަށެވެ. އެގެއަށް ވަދެ ހައުލާ މޫނު ބުރުގާ ނަގައި އޭނަގެ އަތް ދަބަހަށް ލާފައި ވުމުން ހައުލާގެ މޫނު ވަނީ ފައުޅުވެފައެވެ.

"ހާދަ ދަންނަ ފާޑު ޖަހައޭ. ކޮންމެވެސް ތާކުން ދުށް ހަނދާނެއް ވޭ.." ލިއުޝާ ބަލަން ހުރީ ހައުލާގެ ސީދާ މޫނަށެވެ.

"ހޫނ! ވެދާނެ! އެއް އިރެއްގެ ޓީވީ އިން ކަމަށް.." މިފްރާހަށް ހައުލާގެ ހަޤީީޤަތް އެންގުމަށްފަހު ވެސް ހައުލާ މޫނު ބުރުގާ އަޅަނީ އިތުރު ބަޔަކަށް ހައުލާ ފެނުމުން ވާނެ ގޮތަކުންނެވެ. އަދި ފުލުހުންނަށް ކަމުގެ ހަޤީޤަތް ބަޔާން ކޮށްފައި ނުވާތީއެވެ.

"ޓީވީއިން؟؟" ލިއުޝާގެ ސިކުނޑިއަށް ނަގައި ނުގަނެވުނެވެ.

"އާނ!" ހައުލާ ބޯޖަހައިލުމުން ލިއުޝާ އެދުނީ ގެއަށް ވަންނާށެވެ. ހައުލާ މަޑުމަޑުން އައިސް ސޯފާގައި އިށީންނެވެ. ޒަޔާން ވެސް ސޯފާގައި އެމީހުންނާ އެކު ތިއްބެވެ.

"އާނ! އަހަރެން މީ ގެއްލިގެން ޓީވީ ތަކަށް އެރި މީހެއް.." ހައުލާ އެހެން ބުނުމާއި އެކު، ލިއުޝާއަށް ވިސްނުނެވެ. ނަމަވެސް ޒަޔާނަށް އެކަން އެނގޭ ކަމަކަށް ނުވިއެވެ.

"ކީއްކުރަން މިގެއަށް؟؟" ލިއުޝާ ވަނީ ވާނުވާ ނޭނގި ހައިރާން ކަމެއްގެ ތެރޭގައެވެ. ހައުލާ ލަސްކުރާކަށް ބޭނުމެއް ނުވިއެވެ. މިފްޒާލްގެ ވާހަކަތަކާއި، މިފްޒާލާ މެދު ހައުލާ ކަންތައް ކުރިގޮތް އޭނާ ކިޔައިދިނެެވެ. މިފްރާހު ދެކޮޅު ހެދިކަމުގައި ވިޔަސް، ހައުލާ ޤަބޫލު ކުރީ މިކަންތައް ލިއުޝާއަށް އެނގެން ވާނެކަމަށެވެ.

"ހައުލާ ކޮށްދިން ކަމެއްތަ؟ ހައުލާތަ އަހަރެންނާ ހައިޝަމް ސަލާމްކޮށްދިނީ.." ލިއުޝާ އަނގަ ހުޅުވި، ހައިރާން ކަންމަތީ އިނދެ އަހައިލިއެވެ.

"އާނ. އަހަރެން.." ހައުލާ ގަދަކަމުން ހިނިތުންވެލިއެވެ.

"ޝުކުރިއްޔާ.." ލިއުޝާ ހިނިތުންވެލިއެވެ.

"ހައުލާ ކުޑަކޮށް އިންޓްރޮޑިއުސް ވެލަން ވީނު؟" ލިއުޝާ ހިނިތުންވުމަކާއި އެކު ބަލަން އިނީ ހައުލާއަށެވެ. ހައުލާގެ މުޅި މޫޑް ބަދަލުވިއެވެ. ނަމަވެސް ހައުލާ އަކީ ކާކުކަން ލިއުޝާއަށް ކިޔައިދިނުމަކީ އޭނާގެ ނަސީބުކަން ނޭނގި، އޭނާވި އަމިއްލަ ތަޢާރަފުން ލިއުޝާއަށް ބޭއިޚުތިޔާރުން ކޮޅަށް ތެދުވެވުނެވެ. ޒަޔާނަށް ހީވީ ސީލިންގ އޭނާގެ ބޯމައްޗަށް ވެއްޓުނު ހެންނެވެ.

"ކީކޭ ނިލަންދޫއޭ؟ ތަމްސީހާގެ ދަރިއެކޭ؟ މަންމަ އަމިއްލައަށް ދަން ޖެހުނީއޭ؟" ޒަޔާންގެ މުޅި މޫނުމަތިން ފެންނަނީ ހައިރާންކަން ކޮޅުނެތް ކޮޅަށް ގޮސްފައިވާ ތަނެވެ. ހައުލާ ޖެހިލުންވިއެވެ. ޒަޔާނަށް އެފަދަ ހައިރާންކަމެއް ލިބުނީމައެވެ. ޒަޔާނަށް ކުރެވެން ފެށީ ބުނެދޭން ނޭނގޭ ފަދަ އިޙްސާސެކެވެ. ޒަޔާންގެ މަންމަ އަކީ ވެސް ނިލަންދޫއެވެ. މަންމަގެ ނަމަކީ ތަމްސީހާއެވެ.

"ތީ..." ޒަޔާނަށް ބުނެވުނީ އެވަރަށެވެ. ލިއުޝާ ބަސް ހުއްޓި ބަލަން ހުރީ ޒަޔާންގެ މޫނަށެވެ.

"ތިބުނީ.." ހައުލާގެ ދެލޯ ވަނީ ބޮޑުވެފައެވެ.

"ހައުލާގެ އިތުރު ކޮއްކޮއެއް ހުރޭތަ؟" ވަގުތުކޮޅެއްގެ ހިމޭން ކަމަކަށް ފަހު، ލިއުޝާ ސުވާލުކޮށްލިއެވެ.

"އާނ! ހުންނާނެ. އެކަމު ނޭނގެ މިހާރު ވީތަނެއް. ކޮއްކޮ ގެއްލުނީ.." ހައުލާ އެހެން ބުނުމާއި އެކު ލިއުޝާ އާއި ޒަޔާންގެ ހިތުގައި ވާ ޝައްކުތަކަށް ނިމުން އައެވެ. އާނއެކެވެ. ޒަޔާންގެ ކުރިމަތީގައި އެހުރީ އޭނަގެ ދައްތަ ނޫން ދެވަނަ މީހެއް ނޫނެވެ.

"ދައްތާ.." ޒަޔާން ލަތްކަކަށް ޖެހިގަތީ ހައުލާގެ ގަޔަށެވެ. ލިއުޝާގެ ތުންފަތުން ކުއްލި ހިނިތުންވުމެއް ދުވެލި އިރު، ހައުލާ ވަނީ ސުވާލުމާރކެއްގައެވެ. ޒަޔާނަކީ ހައުލާގެ ކޮއްކޮކަން ޒަޔާން ކިޔައި ދިނީ އުފަލުން ރޮމުންނެވެ. އެއީ ހައުލާގެ ވާހަކަތަކަށް ބިނާ ކޮށެވެ.

***

މުޅިން އައު ދުވަހަކަށް ދުނިޔެ ހޭލީ ލިއުޝާއަށް އާދަޔާ ޚިލާފު އުނދަގޫ ތަކެއް ވަމުންނެވެ. ހައިޝަމް ގާތުގައި އެވާހަކަ ދެކެވި، އެންމެ ފަހުން އެމީހުން ނިންމީ ހޮސްޕިޓަލަށް ދާށެވެ. ޑޮކްޓަރުން ދިން ޚަބަރުން ހައިޝަމް އާއި ލިއުޝާއަށް ލިބުނީ އިންތިހާއަށް ބޮޑު އުފާވެރި ކަމެކެވެ. ލިއުޝާ އެންމެ އުފާވީ އޭނާގެ ބަނޑަށް ވީ ދުވަހުން، އެއީ މިފްޒާލްގެ އަނިޔާގެ ނަތީޖާއަށް ނުވީކަން ކަށަވަރު ވުމުންނެވެ.

***

ހައުލާ ފުލުހަށް ގޮސް އޭނާއަށް މިފްޒާލް ދިން އަނިޔާގެ ވާހަކަ ޙިއްޞާ ކުރިއެވެ. އަދި ހައުލާގެ ކޭސް ނިންމައި، އެކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހިއްޞާ ކުރިއެވެ. މިފްޒާލަށް އެހީވި ސިހުރުވެރިޔާ ތަސްބީނާ ހައްޔަރުކުރިއެވެ. އަދި ޒީނާ އޭނާގެ ކުށް ޤަބޫލުކޮށް މާފަށް އެދުމުން، ލިއުޝާ ޒީނާއަށް މާފު ކުރިއެވެ. ނަމަވެސް ލިއުޝާއާ ކުރިން އޮތް ގާތް ގުޅުން ބޭއްވެން ނެތްކަމަށް ބުނެ، ލިއުޝާގެ ޙަޔާތުގައި ޒީނާއަށް ދެވިފައިވާ ގާތްކަން އިތުރަށް ކުރިއަަށް ގެންދަން ލިއުޝާ ބޭނުމެއް ނުވިއެވެ.

***

1 އަހަރު ފަހެވެ. މިހާރު ހައިޝަމް އާއި ލިއުޝާ އުޅެނީ އެމީހުންގެ ތުއްތު ތުއްތު ދަރިފުޅު "ލައިކާ" އެކު ވަރަށް އުފާވެރި، ލޯބި ޙަޔާތެއްގައެވެ. ދުވަހަކުވެސް ވަކިވުމަކަށް އެދެމީހުން ނޭދެއެވެ. ހައުލާ އާއި މިފްރާހު ވެސް ކައިވެނީގެ ގޮތުން ގުޅި، އެމީހުންވެސް އުފާވެރި ޙަޔާތަކަށް މިސްރާބު ޖެހީ ހައުލާގެ ދަރިފުޅު "މާއިން"އާ އެކުގައެވެ. ހައުލާ އާއި މިފްރާހު އަދި ލިއުޝާ އާއި ހައިޝަމް ތިބީ ދުވަހަކު ވެސް ވަކި ނުވާން ވައުދުވެގެންނެވެ. ވަކިވާކަށް އެމީހުން ނޭދެއެވެ. (ނިމުނީ)