(އެޕިސޯޑް 22)
"މިފްޒާލް.." ޝިޔާދުގެ އަޑު ވަނީ މުޅިން ބަދަލު ވެފައެވެ. ބިރުވެރިކަމުން ހިތުގެ އެންމެ ފުންމިނަށް ހުއްޓުމެއް ނެތި އަޅަމުން ދިޔަ ހަނާތަކުން ޝިޔާދަށް ވަނީ ހަރަކާތް ވެސް ހުއްޓިފައެވެ. ވަގުތުކޮޅަކު ކޮޓަރީގެ ތަށިމުށިގަނޑު މައްޗަށް ވެއްޓިފައި އޮތް މިފްޒާލްގެ ހަށިގަނޑަށް ބަލަން ޝިޔާދު އިނީ ބިރުން ގަޔަށް ހީސް ލެވޭ ހާލުގައެވެ. މިފްޒާލްގެ ހަށިގަނޑާއި ވަކިވެފައިވާ އޭނާގެ ބޯ ވެއްޓިފައިވަނީ އޭނާއާ ގާތްގަނޑަކަށް 12 ވަރަކަށް އިންޗި ދުރަށެވެ. ކޯރަކުން ފެން ފައިބާ އުސޫލުން، ހަލުވި މިނުގައި ރާސް ލާފައި ލޭތައް ދިޔައީ ކޮޓަރީގެ ތަށިމުށިގަނޑު މަތީގައި ކޭއްތެމުންނެވެ.
"މިފްޒާލް.." ހުއްޓިފައިވާ ޝިޔާދުގެ ހަރަކާތްތަކަށް ކުއްލިއަކަށް ދިރުން އައި ކަހަލައެވެ. އެ ބިރުވެރި މާހައުލުގައި ޝިޔާދު ދުއްވައިގަތީ މިފްޒާލާ ދިމާލަށެވެ. މުޅި ކޮޓަރިއަށް ފެތުރިފައިވާ ލޭތަކުގެ ތެރޭގައި ފިޔަވަޅު ނަގަމުންނެވެ. މިފްރާހު މޫނުމަތީގައި އަތް އެޅި ގޮތަށް އަތް ނަގާނެ ހިތްވަރު ވެސް ނުލިބުނެވެ. މިފްރާހުގެ ހިތުގެ ތެޅުމުގެ އަޑު އޭނާގެ ގާތުގައި ހުރި ހައުލާގެ ކަންފަތުން ދިޔައީ ޖާގަ ހޯދަމުންނެވެ. ހައުލާ ވެސް ހުރީ ނުހަނު ބިރު ގަންފައެވެ. މިފްޒާލް އޮތް ގޮތުންނެވެ. ދެވަނަ ފަހަރަށް މިފްޒާލަށް ނަޒަރު ހިންގައިލުން ހައުލާއަށް ވެސް ވީ ކުރަން އުނދަގޫ، ދަތި ކަމަކަށެވެ.
ޝިޔާދުގެ ފަހަތުން އިތުރު ޑޮކްޓަރަކު ވެސް ކޮޓަރި ތެރެއަށް ވަނެވެ. ހައުލާ މަޑުމަޑުން ފަހަތަށް ފިޔަވަޅު ނަގަން ފެށީ މިފްރާހުގެ އަތުގައި ހިފައިގެން ހުރެގެންނެވެ. ހައުލާ ގެންގޮސް މިފްރާހު ސިޓިންގރޫމްގެ ސޯފާގައި ބޭއްދިއެވެ.
"މިފްރާހު.." މިފްރާހުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ހައުލާ އިށީންނީ މިފްރާހު ހަމަ އަކަށް އަޅުވާށެވެ. އެ ބިރުވެރި ކަމުގެ ތެރޭގައި މިފްރާހަށް ދިޔައީ އިތުރު އުނދަގޫ އިޙްސާސެއް ވެސް ވަމުންނެވެ. ހައުލާ މިފްރާހުގެ އަތުގައި ހިފުމުންނެވެ. މިފްރާހުގެ ނަޒަރުގައި އެއީ މައުރީން ކަމަކު، އޭނާއަށް އިޙްސާސްވީ ހައުލާގެ ބީހުމެވެ. ނަމަވެސް އެކަން ހިތާއި ބޮލަށް އަޔަސް، މިފްރާހުގެ ނަފުސު ވަނީ އެކަމާ މެދު ވިސްނުމަށް ވުރެން މާބޮޑަށް ބަލިކަށިވެފައެވެ.
***
ދުވަހުގެ ވަގުތުތައް ހޭދަ ވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ދުވާލުގެ ދަންފަޅި ނިމި ރޭގަނޑުގެ ދަންފަޅި ފެށުނު އިރު މުޅި މާލެ އާއި ރާއްޖެ ތެރޭގައި އެކި ކަންކޮޅުގައި އެކީ އެކައްޗަކަށް ހަރުލާފައި ވަނީ އެއް ވާހަކައެކެވެ. މިފްޒާލްގެ މަރުގެ ޚަބަރުން މުޅި ޤައުމަށް ގެނުވީ ހައިރާން ކަމެކެވެ. އަދި އެމަރުގައި އެކުލެވޭ ތަފާތު އެތައް ކަމަކުން އެތައް ދިވެހީންނެއްގެ ހިތުގައި ވަނީ އެތައް ސުވާލެއް އުފެދިފައެވެ. އެ ސުވާލުތަކަށް ދޭނެ ޖަވާބެއް ފުލުހުންނަށް ވެސް ވަނީ ނޭނގިފައެވެ. ތަޙުޤީޤު ކުރިއަށް ދަނީ ކަމަށް ބުނެ އެ ސުވާލުތަކުގެ ޖަވާބުގައި ފަސް އަޅަނީއެވެ.
"ހަމަ ކާލާފަ އޮތީ އޯ. އިންސާނެއްގެ ކަމެއް ހެން ހީވެސް ނުވޭ"
"އަސްލު އެނގޭތަ؟ އެއީ ހަމަ ބަޔަކު މަރާލާފަ!"
"ރޫހާނީ ކަމަކާ ވައްތަރު.."
"އަދި ޑޮކްޓަރެކޭ ކިޔާ އަޑުވެސް އެހިން. ކިިހާ ދެރަ ކަންކަން.." މިފަދަ ސުވާލުތަކުން ދިވެހީންގެ ދޫތައް ދިޔައީ ފަޅު ފިލުވަމުންނެވެ. ދެމީހަކު ވާހަކަދައްކާ ކަމަށް ވާނަމަ މައުލޫއަކަށް އޮންނަނީ މި ސުވާލުތަކާއި، މި ކަމުގެ ކަންބޮޑުވުމެވެ.
***
ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދިޔަ ލިއުޝާ ހުރީ އެއްވެސް މީހަކާ ވާހަކަދައްކަން ކެރޭ މޫޑެއްގައެއް ނޫނެވެ. ލިއުޝާއާ އެކު ހައިޝަމް އާއި އެގޭގައި ވަރަށް ފަހުން ދިރިއުޅެން ފެށި ޒަޔާން ވެސް ހުއްޓެވެ. މަޑުމަޑުން ލިއުޝާ ދެކޮޅަށް ހިނގަމުން ދިޔައިރު އޭނާގެ ހިތާއި ސިކުނޑި ފުނި ޖެހެމުން ދިޔައީ އެތައް ސުވާލުތަކަކުންނެވެ. މިފްޒާލްގެ ކުއްލި މަރާއި ޒީނާއަށް ވަމުން ދިޔަ ގޮތުން ކޮންމެ ވެސް ބޮޑު ނުބައެއް އެބަ ހިނގާކަން ލިއުޝާއަށް ޔަޤީން ކުރެވުނެވެ. ޒީނާ ވެސް ލިއުޝާއަށް މާފަށް އެދުމަށްފަހު ވީ އަނގަ ބަންދެވެ. އިތުރު ވާހަކައެއް ދައްކާނެ ހިތްވަރު ޒީނާއަށް ނުލިބުނީ ކީއްވެބާއޭ އެއިރުން ސުރެން ލިއުޝާގެ ހިތުގައި ދިޔައީ ކުރެވެމުންނެވެ.
"ލިއު.." ލިއުޝާގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު ހައިޝަމް އެންމެ ފަހުން އޭނާގެ އަންހެނުންނަށް ގޮވައިލިއެވެ. ލިއުޝާ ކުއްލިއަކަށް ހުއްޓެމުން ބަލައިލީ ހައިޝަމްގެ މޫނަށެވެ. ލިއުޝާގެ މޫނުން އޭނާ ބިރުގަނެ، މާޔޫސް ވެފައިވާ މިންވަރު ކިތަންމެހާ ވެސް ބޮޑަށް ހައިޝަމަށް ދިޔައީ ފެންނަމުންނެވެ.
"ލިއު.. އައިސް މިތާ އިށީންދެބަލަ!" ހައިޝަމްގެ އެދުމަށް ލިއުޝާ ދެކޮޅު ނުހަދައި އައިިސް އިށީންނީ ހައިޝަމްއާ ޖެހިގެންނެވެ.
"ހައިޝަމް.. އަހަރެން ކިހިނެެއް ހަދާނީ؟" ލިއުޝާ ކަންބޮޑުވެފައިވާ ރާގެއްގައި ބުނެލިއެވެ.
"ބަލަ ލިއުޝާ ނުޖެހޭނޭ ކަމެއް ކުރާކަށް.. ލިއު ކީއްތަ ކުރީ؟ ތި ހަމަ ޖެހިބަލަ!" ހައިޝަމް ހިފައިލީ ލިއުޝާގެ އަތުގައެވެ.
"ލިއުޝާގެ ކޮން ކުށެއްތަ އޮތީ؟ މުސްކުޅިން ބުނެއެއްނު؟ މީހަކަށް ދެރައެއް ދީފަ އަނެކާއަށް އުފަލުގައެއް ނޫޅެވޭނޭ. އެމީހަކު ފޭހުނު އިލޮށިގަނޑު ހެރޭނީ އެމީހެއްގެ އަމިއްލަ ލޮލަށޭ ކިޔާ އަޑު ނާހަންތަ؟" ހައިޝަމް ބަލަހައްޓައިގެން އިނީ ލިއުޝާގެ ސީދާ ދެލޮލަށެވެ. ލިއުޝާ ދަތިގޮތަކަށް ނޭވާއެއް ދޫކޮށްލަމުން ހައިޝަމްގެ ކޮނޑުގައި ބޯ އަޅައި، ދެލޯ މަރައިލިއެވެ.
***
"އަހަރެން މުޅިން ގޮތް ހުސްވެއްޖެ.. ހަދާނެ ގޮތް ނޭނގި މީހާ އެކަނި ވެއްޖެ.." އަންހެނަކަށް ވުރެން މިފްރާހުގެ ހާލު ބޮޑެވެ. އޭނާގެ ހުރި ހަމަ އެކަނި ކޮއްކޮ ވަކިވެގެން ދިޔުމާއި އެކު، މިފްރާހަށް ވަނީ ވަރަށް ވެސް ފުން ހިތްދަތިި ތުރާތަކާއި، ހިތާމަތަކެއް ލިބިގެން ގޮސްފައެވެ. ގިސްލަ ގިސްލާފައި އަޑުން އަޑު ނަގައި ރޮމުން މިފްރާހު ހަނދާން އައު ކުރަމުން ގެންދިޔައީ އޭނާގެ ކޮއްކޮ މިފްޒާލެވެ.
"އަހަރެން ވަރަށް އެކަނި ވާނެ.. އަހަރެންގެ ކޮއްކޮ އަހަރެންނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، އަހަރެން ކޮއްކޮ ދެކެ ވަރަށް ލޯބިވޭ.." މިފްރާހުގެ އަޑުގައި ވަނީ ރާޅުކަމާއި، ނުސާފު ކަމެވެ. ނޭފަތުން ފެން ފައިބަމުން ދިޔައިރު، މިފްރާހުގެ ލޮލުން ފައިބާ ކަރުނަތައް އޭނާގެ ދަތްދޮޅުން ތިކިތިކި ޖަހައެވެ.
"އަހަރެންނާ ހައުލާ ވަކިވި އިރު.." ގިސްލެވެމުން ދިޔަ މިފްރާހަށް ހައުލާގެ ނަން ކިޔުމާއި އެކު އިތުރަށް ލިބުނީ ވޭނެކެވެ. ހިތަށް ވީތަދުން މިފްރާހު އޭނާގެ ކަނާއަތް ޖައްސައިލީ އޭނާގެ ހިތުގައެވެ.
"ޕްލީޒް މިފްރާހު.." ހައުލާ ބުނާނެ އެއްޗެއް ނޭނގިފައި ވަގުތުކޮޅަކު އިނުމަށްފަހު މިފްރާހުގެ ދެލޮލަށް ބަަލައިލިއެވެ.
"އަހަރެންނަށް ހައުލާ ވަކިވުމުން ވެސް ކޮއްކޮ އުޅުނީ ވަރަށް ތަފާތު ކޮށް.. އަހަރެންނަށް ކަމެއްވިހެންވެސް ކޮއްކޮއަށް ހީނުވޭ.. ގެއަށް ބައެއް ރޭރޭ ނިދަން ވެސް ނާދޭ. ބޮޑު ކަންތައްގަނޑެއްގެ ތެރޭގަ އުޅޭހެން ހީވަނީ.. ކޮއްކޮގެ މަރުގެ ފަހަތުގައި ގޮތް ނޭނގޭ ކަމެއް ވޭ.." މިފްރާހުގެ ލޮލުން ކަރުނަ ހުސްނުވެއެވެ.
***
"ދަރިފުޅާ! ބުނެބަލަ! އިތުރު މީހެއް ވެސް ނެތެއްނު؟" ޒުހުދާ މަޑުމަޑުން ޒީނާއާ ގާތްވެލިއެވެ. އެވަގުތު ވާރޑު އޮތީ މުޅިން ހުސްކޮށެވެ. ޒީނާގެ ކަންފަތުގައި ވެސް ވަނީ މިފްޒާލްގެ މަރުގެ ޚަބަރު ޖެހިފައެވެ. އެއްވެސް އެއްޗެއް ނުބުނެ އޮތް ޒީނާގެ ލޮލުގެ އެއްމިޔަ ކަނުން ކަރުނަތައް މަޑުމަޑުން ފައިބަމުން ގޮސް އޭނާގެ ބޯދަށުގައި އޮތް ބާލިސް ތެތްމަން ފެށިއެވެ.
"މަންމައަށް އެނގޭ ދަރިފުޅަށް އެނގޭނެކަން. މިފްޒާލް ކިތަންމެ ރެއަކު އެބަހުރި ދަރިފުޅު ގާތަށް އައިސްފަ. މަންމައަށް އެނގޭ ދަރިފުޅު މިފްޒާލާ ބައްދަލު ކުރަނީ ދަރިފުޅު ބޭނުން ވެގެން ނޫންކަން.. އެހެންވީމަ ދަރިފުޅު ބުނެބަލަ މަންމަ ގާތު! ކިހިނެއްތަ ވީ؟" ޒުހުދާ މަޑުމަޑުން ފިރުމަން ފެށީ ޒީނާގެ ނިތްކުރީގައެވެ.
"މަންމާ.." ޒީނާއަށް ބުނެވުނީ އެވަރަށެވެ. އެއާއި އެކު ޒީނާގެ ތުންގަނޑު ތެޅެން ފެށީ ލިބުނު ހިތްދަތި ކަމުންނެވެ. ޒީނާގެ މޫނުމަތިން ޒީނާ މިހާރު ހުރިހާ ކަމެއް އަންގަން ބޭނުންވާހެން ހީވެއެވެ. އެކަމަށް މިހާރު ހުރަހެއް ވެސް ނެތެެވެ.
"އަހަރެން ބޭނުން ފުލުހަށް ދާން.. ފުލުހަށް މައުލޫމާތު ދޭން.." ޒީނާ އެހެން ބުނެ ބަލައިލީ ޒުހުދާގެ މޫނަށެވެ.
"އަހަރެން ރަނގަޅޭ މަންމާ.. ޑޮކްޓަރުން ގާތު ބުނޭ ދެން އަހަރެން ދޫކޮށްލާށޭ!" ޒީނާ ބަލަން އޮތީ އޭނާގެ މަންމައަށެވެ.
***
މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ޒީނާގެ ހާލަތަށް ބެލުމަށްފަހު، ޑޮކްޓަރުން ޒީނާ ގެއަށް ފޮނުވައިލަން ބޭނުމެއް ނުވިއެވެ. ގިނަ ބޭސް ތަކެއް ކެއުމުގެ ސަބަބުން އޭގެ އަސަރު އަދިވެސް ކޮންމެ ވެސް ވަރަކަށް ޒީނާގެ ހަށިގަނޑުގެ ތެރޭގައި ހުރުމުންނެވެ. އެހެން ކަމުން މުޅިން ރަނގަޅުވަން ދެން ޒީނާ ހޮސްޕިޓަލުގައި ޑޮކުޓަރުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ޑޮކްޓަރުން ނަޞޭހަތް ތެރިވީއެވެ.
ހައުލާ ތައްޔާރު ވެލައިގެން ފޯނު ނަގައި އަޒްކާއަށް ގުޅައިލިއެވެ. ހައުލާ މިހާރު ބޭނުން ވަނީ ލިއުޝާއާ ދިމާކުރާށެވެ. ހައުލާ ގުޅިއިރަށް ވަރަށް އަވަހަށް އަޒްކާ ފޯނު ނެގިއެވެ.
"ހަލޯ. ހައުލާ. ކޮންގްރާޓްސް.." އަޒްކާ އެންމެ ފުރަތަމަ ވެސް ބުނީ އެހެންނެވެ.
"ޝުކުރިއްޔާ އަޒްކާ.. އަސްލު އަޒްކާގެ ހިތްވަރާއި އެކު މިވަރުވީ.. ހޮސްޕިޓަލުން އެގަޑީ އަޒްކާއާ ދިމާ ނުވިނަމަ ދެން ނޭނގެ ވާނެ ގޮތެއް ވެސް.." ހައުލާ ހިނިތުންވެލަމުން ބުނެލިއެވެ.
"އާނ ހަމަ ނަސީބެއް އެއީ. އަހަރެން ވެސް ވަރަށް އުފާވޭ އަހަރެން ލޯބިވެރިޔާ އެފަދަ ނުބައި މީހެއްގެ މަޅިން ސަލާމަތް ވީމަ.. އަސްލު ކަންތައް އެވީ ހަމަ ރަނގަޅަށް.." އަޒްކާ ލުއިކޮށް ހީނލަމުން ބުނެލިއެވެ.
ހައުލާ ބަނޑުބޮޑުކަން އެނގުނު ދުވަހު އޭނާއަށް އަޒްކާ ދިމާވީ ހޮސްޕިޓަލުންނެވެ. ކާކުކަން ރަނގަޅަށް ނޭނގި ހައުލާ އެދުނު އެހީއަށް އަޒްކާ އެއްބަސްވީ ހިތުން ރުހުމުންނެވެ. އެގޮތުން ހައުލާ ގެއްލުވާލީކަން ދެއްކުމުގައި އަޒްކާ އެހީވެ ދިނީ މިފްޒާލްގެ ޙަޤީޤަތް އެނގުމުންނެވެ. ޝިޔާދު ގާތު މިފްޒާލްގެ ކިތަންމެ ނުބައި ވާހަކައެެއް ބުންޏަސް، ކުށްވާނީ އެބުނާ މީހާކަމަށް ވާތީ އަޒްކާ ބޭނުންވީ މިފްޒާލްގެ މަޅިން ޝިޔާދު ސަލާމަތް ކުރާށެވެ. ހައުލާ ގެންދިޔައީ އޭނާ ކުރަމުންދިޔަ ހުރިހާ ކަމެއްގެ އެންމެ ފަހުގެ މައުލޫމާތުތައް އަބަދުވެސް އަޒްކާއަށް ޙިއްޞާ ކުރަމުންނެވެ. އެހެންކަމުން ވަމުން ދިޔަ ހުރިހާ ކަމެއް ވެސް އަޒްކާއަށް ދިޔައީ އެނގެމުންނެވެ.
"ހައުލާ.. އަހަރެންނަށް ފެންނަނީ ދެން މައުރީންގެ އަސްލު މިފްރާހަށް ދައްކަން.." ހިނިތުންވެ ހުރެ އަޒްކާ ބުނެލިއެވެ. ހައުލާ އުފަލުން ހިނިތުންވެލަމުން "އާނ" ބުނެލިއެވެ. (ނުނިމޭ)