(އެޕިސޯޑް 23)
"އެހެންވީމަ އިތުރަށް ލަސްކުރުމުގެ ބޭނުމެއް ނެތެއްނު؟ އަވަހަށްދޭ މިފްރާހު ގާތަށް.. ގޮސް ހުރިހާ ވާހަކައެއް ކިޔާދީ!" އަޒްކާ މަޑުމަޑުން ހައުލާގެ އަތުގައި ހިފައިލީ އޭނާއަށް އިތުރު ހިތްވަރެއް ދެމުންނެވެ.
"އާނ! އަހަރެން ބުނާނަން. އެކަމު އަޒްކާ.. އަހަރެންނަށް ހޯދާ ދެވޭނެތަ ލިއުޝާގެ ނަމްބަރު.. އަހަރެން ބޭނުން ލިއުޝާއާ ދިމާކޮށްލަން.." ހައުލާ އެހެން ބުނުމާއި އެކު އަޒްކާ ކުއްލިއަކަށް އޭނާގެ ފޯނު ހުޅުވައިލިއެވެ.
"ތީ އެއްވެސް ކަމެއް ނޫނެއްނު؟ އަން މިއޮތީ. ނަމްބަރު ނޯޓުކޮށްލާ!" އަޒްކާ ލަސްނުކޮށް ލިއުޝާގެ ނަމްބަރު ކިޔަން ފެށިއެވެ.
***
ލިއުޝާ ގެންދިޔައީ އައިޖިއެމްއެޗް ހޮސްޕިޓަލްގައި ބަލި މީހުން ބެލުމުގައި ވަގުތު ހޭދަ ކުރަމުންނެވެ. ނަމަވެސް ލިއުޝާއަށް އޭނާގެ އަމިއްލަ ނަފުސު ރަނގަޅު ނޫންކަން ލިއުޝާއަށް ދިޔައީ އެނގެމުންނެވެ. ފުރަތަމަ ފަރުވާ ކުރަން އެންމެ އައުލާކަން ބޮޑީ ވެސް ލިއުޝާއަށް ކަމަށް އޭނަގެ ޟަމީރު ދިޔައީ އޭނާއަށް އަންގަައިދެމުންނެވެ. ރޭ ނުނިދައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން ލިއުޝާއަށް އިޙްސާސްވަމުން ދިޔައީ ވަރުބަލު ކަމާއި ލޮނޑުކަމެވެ.
ކުއްލިއަކަށް ލިއުޝާގެ ފޯނު ރިންގުވާން ފެށީ ބަލި މީހަކަށް ބޭސް ލިޔެ ނިންމައިލި ގަޑިއަށެވެ. ބޭސް ސިޓީ ބަލިމީހާގެ އަތަށް ދިއްކޮށްލަމުން ލިއުޝާ ފޯނު ނެގިއެވެ.
"ލިއު.. އަހަރެން ކުރިން ވޯރކް ކުރިތަނުން އަހަރެންނަށް ގުޅައިފި. މާފަށް ވެސް އެދުނު. ބުނީ މާދަމާއިން ފެށިގެން އޮފީހަށް ނުކުންނާށޭ. އަދި ޕްރޮމޯޝަން ވެސް ދިން.." ހައިޝަމް ވަރަށް އުުފަލުން ވާހަކަދެއްކިއެވެ.
"އަސްލުތަ؟ ހާދަ ރަނގަޅޭ ދޯ؟ އިރާދަކުރެއްވީތީ އަހަރެމެންގެ ދިރިއުޅުމަށް އައި ކަޅު ވިލާގަނޑު ވެސް މި ދިޔައީތާ ދޯ؟ ދެން ކޮންމެހެން ރާއްޖެއިން ބޭރަށް ދިޔުމުގެ ބޭނުމެއް ނެތެއްނު؟" ލިއުޝާ ހިނިތުންވެ ހުރެ ބުނެލިއެވެ.
"ެއާނ ލިއު. އަހަރެން މިހުރީ ވަރަށް އުފާވެފަ. އެކަމު ދެރަ ވަނީ ލިއު މާ ވަރަކަށް ވިސްނާތީ. ޒީނާއާ ދޭތެރޭ ވެސް ތިވަރަށް ނުވިސްނާ.." ހައިޝަމް އެހެން ބުނުމުން ލިއުޝާ ގަދަ ކަމުން ހީނލަމުން އާނއެކޭ ބުނެލިއެވެ.
***
ހެނދުނުގެ ދަންފަޅި ނިމި، މެންދުރުގެ ދަންފަޅި ފެށިއްޖެއެވެ. މަޑުމަޑުން ޑޮކްޓަރަކު އައިސް ހުއްޓުނީ ޒީނާ އޮތް އެނދާއި ގާތުގައެވެ.
"ޒީ.. ކޮބާ؟ މިހާރު ކިހިނެއްވަނީ؟" ޑޮކްޓަރު ހިނިތުންވުމާއި އެކު އަހައިލިއެވެ.
"އަހަރެން ރަނގަޅޭ! އަސްލުވެސް. އަހަރެން ދެން ދިޔަދީ.. އަހަރެން ބޭނުން މިތަނުން ދާން.. ޕްލީޒް.." ޒީނާގެ ޝަކުވާތައް ބަންޑުން ކޮށްލީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމަށް އެދި އާދޭސް ކުރަމުންނެވެ.
"އެބަ އަންނަން އިނގޭ ޑޮކްޓަރުންނާ ވާހަކަދައްކާލާފަ.." ޒީނާއަށް ބަލައިލަމުން، ޑޮކްޓަރު އެތަން ދޫކޮށް ހިނގައިގަތެވެ.
***
"ޓޮއްޓޮއް.." ދޮރުގައި ޓަކި ދޭން ފެށި އަޑަށް ސޯފާއަށް ޖެހިފައި އޮތް މިފްރާހަށް ބަަލައިލެވުނީ ކޮޓަރީގެ ދޮރަށެވެ. ނުތެދުވާން އުޅެފައި ވެސް މިފްރާހު ތެދުވީ އެއީ މައުރީން ކަމަށް ބަލައިގެންނެވެ. މަޑުމަޑުން މިފްރާހު ގޮަސް ގޭގެ ދޮރު ހުޅުވައިލިއެވެ. ދޮރު ކުރިމަތީގައި ހުރީ މޫނު ބުރުގާ އަޅައިގެން މިފްރާހުގެ ނަޒަރުގައިވާ މައުރީނެވެ.
"މައު.." މޯޅިވެފައިވާ މިފްރާާހުގެ ދުލުން މައުގެ ނަން ބޭރުވީ ވަރަށް ވަކަ ގޮތަކަށެވެ. ހައުލާ ގޭތެރެއަށް ވަންނަމުން ދޮރު ލައްޕައިލިއެވެ. މިފްރާހު މަޑުނުކޮށް ދިޔަ ގޮތަށް ގޮސް އިށީންނީ ސޯފާގައެވެ.
"މިފްރާހު.." ހައުލާ ވަގުތު ކޮޅަކު މިފްރާހަށް ބަލަން ހުރުމަށް، މިފްރާހާ ޖެހިގެން އިށީންނެވެ.
"ހޫނ.." މިފްރާހުގެ އަނގައިން ނުކުތީ އެވަރަށެވެ.
"މިފްރާހު.." ހައުލާ އަނެއްކާ ވެސް ހިފައިލީ މިފްރާހުގެ އަތުގައެވެ. މިފްރާހަށް ސިހިފައި ބަލައިލެވުނީ ހައުލާއަށެވެ.
"މައު.." މިފްރާހު ދެލޯ ބޮޑުކޮށްގެން ބަލައިލީ މޫނު އެއްކޮށް ފޮރުވިފައިވާ ހައުލާއަށެވެ. މިފްރާހަށް އެއީ މައުރީން ކަމަކު، އެ ބީހުން ތަކުން މިފްރާހަށް ވަނީ އުނދަގޫއެވެ. މިފްރާހަށް އިޙްސާސް ވަނީ ހައުލާގެ ކުލުނެވެ.
"މިފްރާުހު.." ހައުލާ އޭނާގެ އަތް ޖައްސައިލީ މިފްރާހުގެ ކޮލުގައެވެ. އެއާއި އެކު މިފްރާހަށް ލަތްކަކަށް ކޮޅަށް ތެދުވެވުނެވެ.
"ކާކުތީ؟ ތީ ކާކު؟" މިފްރާހުގެ ދެލޯ ވަނީ ވީދައިގެން ދާވަރުވެފައެވެ. މައުރީންގެ ހަރަކާތްތައް ހުރީ ސީދާ ހައުލާގެ ހަރަކާތްތަކަށް ބަދަލުވެފައިކަމުން މިފްރާހުގެ ހިތް ވަނީ އަތަށް އަންނަން ގާތްވެފައެވެ.
"ކާކުހެން ހީވަނީ؟ ކީކޭ ތި ހިތް ބުނަނީ؟" ހައުލާ މަޑުމަޑުން އޭނާގެ އަތް ޖައްސައިލީ މިފްރާހުގެ މޭގައެވެ.
"މައު ޕްލީޒް.. އަހަރެންނަށް އެބަ އުނދަގޫވޭ.." މިފްރާހު މަޑުމަޑުން ފަހަތަށް ޖެހުނެވެ. ނަމަވެސް ހައުލާގެ ހަރަކާތްތަކަށް އޭނާ ބަދަލެއް ނުގެނެއެވެ.
"އަހަރެން ދޫކޮށް ދަނީތަ؟ މިފްރާހަށް ހީވޭތަ؟؟ ހައުލާ މިފްރާހު ދޫކޮށް ދާނެހެން.." މިފްރާހުގެ ކުރިމަތީގައި ހުރި، އޭނާ ދެކޭ ގޮތުން ނަމަ މައުރީން ބުނި ޖުމުލައިން މިފްރާހު ހުއްޓުން އެރިއެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގި ބަސް ހުއްޓި ގަނޑުވިއެވެ.
"ތީ.. ތީ.... ކާކު؟" މިފްރާހު ވަރަށް ދަތިކޮށް އަހައިލިއެވެ. ހައުލާ ވަރަަށް މަޑުމަޑުން އޭނާ އަޅައިގެން ހުރި މޫނު ބުރުގާ ނެގުމަށް އަތް ހިއްލައިލިއެވެ. ދެލޯ ބޮޑުކޮށްގެން، މިފްރާހު ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ހައުލާ މޫނު ބުރުގާ ނެގުމާއި އެކު މިފްރާހަށް ވީގޮތް ވެސް ނޭނގުނެވެ. ސިކުނޑި އެތައް ސުވާލުތަކަކުން ފުރުނު އިރު، މިފްރާހަށް އަނގަ ހުޅުވި، ދޫ ބަންދުވިއެވެ. މިފްރާހުގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަން އިރު، އެއީ ކޮން ކަރުނައެއްކަން މިފްރާހަށް ވެސް ނޭނގުނު ފަދައެވެ. ހުރިހާ އިޙްސާސެއް ބަނދެވިފައި ވަނިކޮށް، އޭނާގެ ހުރިހާ އިޙްސާސް އާއި އަސަރުތަކެއް އޭނާގެ ލޮލުގެ އެސްފިޔަތަކުން ފުރޭނިގެން ފައިބައިގަތެވެ.
"ހަ.. ހައުލާ.." މިފްރާހު ލަތްކަކަށް ޖެހިގަތީ އޭނާގެ ކުރިމަތީގައި ހުރި ހައުލާގެ ގަޔަށެވެ. އަދި ނުހަނު ބާރަށް އޮޅުލައިގެތެވެ.
"ކީއްވެ ހައުލާ؟ ހައުލާ ބުނެބަލަ؟ ކީއްވެތަ؟" މިފްރާހު ރޮއިގަތެވެ. އޭނާއަށް ކުރުވަން ފެށީ ހުރިހާ ރަހައެއް އެކުލެވޭ އަސަރުތަކެެވެ.
"ހެޔުނުވާނެއްނު؟ ތިހެން ހަދަން،. އަހަރެން ހާދަ އެކަނިވެރިވިއޭ.. އަހަރެން ހާދަ ހައުލާ މަތިން މިސްވިއޭ.." މިފްރާހު ރޮމުން އޭނާގެ ހިތުގެ ޝަކުވާތައް ހައުލާގެ ހިތަށް ބަންޑުން ކުރަމުން ދިޔައެވެ.
"އަހަރެން ވީމެއްނު؟ މިފްރާހާ އެންމެ ގާތުގަ. ތި އިޙްސާސްތައް އަޑުއަހައި، ތި ހިތާމަތައް އުފުލަން.. އެކަމު، އަހަރެންނަށް މަޖުބޫރުވީ.." ހައުލާއަށް ވެސް ރޮވޭ ގޮތްވިއެވެ.
"ބުނެބަލަ! ކީއްވެ ތިހެން ކަންތައް ކުރީ؟ އަހަރެންނަށް ކީއްވެ؟؟" މިފްރާހުގެ އަޑުގައި ވަނީ ވޭނީ އަސަރެކެެވެ.
"ސޮރީ.. އަހަރެންނަށް މަޖުބޫރުވީ.." މިފްރާހާ ހަތަރު ކަޅި ހަމަކޮށްލަމުން ހައުލާ ބުނެލިއެވެ.
"އެހެން ނޫން ނަމަ އަހަރެން މިފްރާހު ދޫކޮށް ނުލާނެ. މިފްރާހަށް ބޭވަފާތެރިއެއްގެ ލަޤަބާ އެކު ކުއްލިއަކަށް ގެއްލިގެން ނުދާނެ.." ހައުލާ އިސްދަށަށް ޖެހިއެވެ.
"ހައުލާ ބަނޑުބޮޑުތަ؟ އެއީ ތެދެއްތަ؟ އެއީ ކާކުގެ ދަރިއެއް؟" ހައުލާގެ އިސްނަގަމުން މިފްރާހު ބުނެލިއެވެ. މިފްރާހު ކޮށްލި ސުވާލުން ހައުލާގެ ދެލޯ ފެންކަޅިވެ، ހޯސްލާފައި ކަރުނަތައް އޭނާގެ ލޮލުން ވަކިވެގަތެވެ.
"މިފްރާހު.. އާނ." ހައުލާ ޖެހިލުންވެ ހުރެ، ބަލައިލީ މިފްރާހަށެވެ. އަދި ދެލޯ މަރައިލީ ލިބުނު ފުން ހިތާމައިންނެވެ. މިފްރާހު ހުރީ ބުނާނެ އެއްޗެއް ނޭނގި ފައެވެ. ދެން ވެސް ވާހަކަ ކުރިއަށް ގެންދިޔައީ ހައުލާއެވެ.
"އަހަރެން މާލޭގަ ދިރިއުޅުނީ ވަރަށް ނިކަމެތި ހާލެއްގަ. އެކި މީހުންގެ ނޯކަރީ ކޮށްދީގެން. އަހަރެންގެ ނިކަމެތި ކަމުގެ ފައިދާ މީހަކު ނެގީ.. އަހަރެން ދެކެ ލޯބިވާކަން ދައްކައިގެން. އަހަރެންނަށް އޭނާގެ ދަޅައިގަ ޖެހެވުނީ. އޭރު ނުވިސްނުނީމަ." ވާހަކަދައްކަމުން ހައުލާ ގެންދިޔައީ ރޮމުންނެވެ.
"އަހަރެން މިފްރާހާ ގުޅުނީ ރަނގަޅު، އުފާވެރި ދިރިިއުޅުމެއް ހޯދަން. ވަރަށް ފޮނި އުއްމީދާ އެކު. އެކަމު ކައިވެންޏަށް ވަރަށް ކައިރިވެފަ ހުއްޓާ އަހަރެން ޓެސްޓު ހެދީ.. ކުރެވެން ފެށި ޝައްކުތަކަކުން.. އަހަރެން ބަނޑު ބޮޑުކަން އެނގުނީމަ އަހަރެން ބޭނުން ނުވީ ސިއްރުކޮށްލައިގެން މިފްރާހަށް ދެރައެއް ދޭން. އެޔަށް ވުރެ ބޮޑަށް އަހަރެން މިފްރާހު ދެކެ ލޯބިވިން." ހައުލާގެ ވާހަކަތައް އަޑުއަހަމުން ގެންދިޔަ މިފްރާހަށް ވެސް ދިޔައީ އެ ވާހަކަތަކުން ތަފާތު އިޙްސާެސެއް ކުރުވަމުންނެވެ.
"މިފްރާހު. އަހަރެންނަށް މާފު ކުރޭ.. އަހަރެން އަމިއްލައަށް މަރެއް ނުވާނެ. އެޔަށް ވުރެން އަހަރެން ހިތްވަރުގަދަ ވާނެ. މިފްރާހުގެ ފަރާތުން އަހަރެންނަށް ދަސްވީ އިތުރަށް ހިތްވަރު ކުރަން. އަހަރެންނަށް އެނގޭ މިފްރާހު ވާނެ ދެރަ.. ކުރާނެ ހިތާމަ.. އެހެންވެ އަހަރެންނަށް އެހީވެވެން ހުރި ވަރަކުން އަހަރެން ގެންދިޔައީ މިފްރާހަށް އެހީވަމުން. މިފްރާހުގެ އެކަނިވެރިކަން ފިލުވައިދެމުން." ހައުލާއަށް ގިސްލެވެން ފެށުނެވެ.
"އެއީ ކާކުގެ ދަރިއެއް؟ ކީއްވެ އަހަރެން ގާތު ނުބުނީ؟" މިފްރާހު ވަރަށް ބޮޑަށް ދެރަވެފައި ހުރެ އަހައިލިއެވެ.
"އަހަރެން ކިހިނެއް ބުނާނީ؟ އަހަރެންނަށް ކަންތައްވީ އެޔަށް ވުރެން މާ ދެރަކޮށް.. މިފްރާހު.. އަހަރެންގެ ބަނޑުގަ މިއޮތީ.. އަހަރެންގެ ބަނޑުގަ މިއޮތީ.." ހައުލާއަށް އިސްޖެހުނެވެ. މިފްރާހު ވަނީ އެއީ ކާކުގެ ދަރިއެއްކަން އެނގެން ވަރަށް ބޭނުންވެފައެވެ.
"އައިމް ސޮރީ މިފްރާހު. އަހަރެން ބަލިވެ މީނީ މިފްޒާލްގެ ދަރިއަކަށް.. މިފްރާހުގެ ކޮއްކޮގެ ދަރިއަކަށް. މިއީ އޭނަ އަހަންނަށް ދިން އަނިޔާއެއް. އަހަރެން މިގެއަށް މިއައީ އޭނައަށް ބަދަލު ހިފަން.." ހައުލާ ރޮމުން ރޮމުން ގޮސް ސިޓިންގރޫމްގައި ކުޑަކަކޫ ޖަހާފައި ރޮއިގަތެވެ. މިފްރާހަށް ލިބުނު ކުއްލި ޝޮކުން އޭނާ ހުއްޓުން އެރިއެވެ.
"މިފްޒާލް އުޅުނީ ލިއުޝާއާ އޭނާގެ ފިރިމީހާ މަރާލަން. ސިހުރު ހަދައިގެން. ސިހުރު ހަދާފަ އިން އެއްޗެއް އެމީހުން އަރުން އެތެރެ ކޮށްގެން. އެކަމު، އަހަރެން.. އަހަރެން ކުރި ކަމަކީ އެ ސިހުރު އޭނައަށް ދިނީ.. އެހެންވެ މިފްޒާލް މަރުވީ.. މިފްޒާލް މަރާލީ އަހަރެން. އެކަމު އެއީ އޭނަ އަމިއްލަ ހެދި ސިހުރުގެ އެހީއާ އެކު.." ހައުލާ ރޮމުން ދައްކަމުން ދިޔަ ވާހަކަތަކުން މިފްރާހު ވަނީ ހުއްޓުން އެރި ގޮތަށް ހުރިހާ ހަރަކާތެއް ހުއްޓިފައެވެ.
"އަހަރެންނަށް މާފު ކުރޭ.." ހައުލާ ފިރުކިފައި ކަހަލަ ގޮތަކަށް ގޮސް މިފްރާހުގެ ފައި ކައިރީގައި ބޯ އެޅިއެވެ. (ނުނިމޭ)