ނޭދެމޭ ވަކިވުމެއް

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 20)

"ކާކު؟" ދޮރު ކައިރީގައި އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ނަމަވެސް ކޮޓަރީގައި މިފްޒާލާއި އެކު އިތުރު އެހެން މީހެއް ވާހެން އަބަދުވެސް އޭނާއަށް ދިޔައީ އިޙްސާސް ވަމުންނެވެ.

"ކާކުހޭ؟" މިފްޒާލް ސުވާލު ތަކުރާރު ކޮށްލަމުން ކުރިއަށް މަޑުމަޑުން ފިޔަވަޅު ނަގަން ފެށީ ތެޅިތެޅި އޮތް ހިތަކާ އެކުގައެވެ. މިފްޒާލްގެ ހިތާއި ވިންދަށް ހީވަނީ ހައިޖާނެއް އަތުވެފައި ވާހެންނެވެ.

"މިފްޒާލް.." މިފްޒާލް ހުރި ތަނަށް ހުއްޓުން އެރިއެވެ. އޭނާގެ ކަންފަތް ދޮށުގައި ބީހެލީ ލިއުޝާގެ އަޑެވެ. ތެޅިގެންފައި މިފްޒާލް ހަޅޭލަވައިގަތެވެ.

"ކާކުހޭ؟ ކާކުހޭ؟ އަހަރެންނަށް ކޮން ތުރާލެއް ތިކުރަނީ؟؟ ކެރިގެން އަރާބަލަ ކުރި މައްޗަށް! ތިހާ ފިނޑި ނުވެބަލަ!" މިފްޒާލް ބިރުން ހުރެމެ، ހަޅޭލަވައިގަތެވެ. މިފްޒާލްގެ އަޑަށް ގޭގެ ސިޓިންގރޫމްގެ ސޯފާގައި އިން މިފްރާހަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ.

"ކޮއްކޮއަށް ކިހިނެއްތަ ވަނީ؟" މިފްރާހު ހިނގައިގަތީ އަޑު އަންނަމުންދާ، މިފްޒާލްގެ ކޮޓަރިއާ ދިމާލަށެވެ. މިފްރާހުގެ ފަހަތުން ހައުލާ ވެސް އަވަސްކޮށް ދިޔައެވެ.

"ކޮއްކޯ؟ ކިހިނެއްތަ ވަނީ؟ މި ދޮރު ހުޅުވާލަބަލަ!" މިފްރާހު ނިކަން ހާސްވެގެން ދޮރުގައި ތަޅަން ފެށިއިރު ވެސް، ކޮޓަރި ތެރެއިން އިވެމުން ދަނީ މިފްޒާލްގެ ހަޅޭކުގެ އަޑެވެ. ވަމުންދާ ގޮތުގެ އެއްވެސް ކަމެއް މިފްރާހަށް ނޭނގުނަސް، ހައުލާއަށް މިވަނީ ކީއްކަން ދިޔައީ ރޭކައިލަމުންނެވެ.

"އަހަރެން ދޫކޮށްލާށޭ! ކިހާ ބޮޑު ކަމެއްތަ މީ؟" މިފްޒާލް އަޑު ހަރުކޮށް ގެންދިޔައީ ހަޅޭލަވަމުންނެވެ.

"އަނެއްކާ އެތެރޭގަ އެހެނެް މީހެއް ހުރީތަ؟" ހައުލާ ބަލައިލީ ގޮތް ހުސްވެފައިވާ، މިފްރާހުގެ މޫނަށެވެ.

"އިތުރު ކާކު ހުންނާނީ؟ އަހަރެމެން މިތާ ތިއްބާ އިތުރު މީހެއް ގައިމު ނުވަދޭ މިކޮޓަރިއަށް.." މިފްރާހު ހައުލާއަށް ވާހަކަދައްކަމުން ދިޔައީ ދޮރުގައި ހުއްޓައި ނުލައި ތަޅަމުންނެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ.

"ބަލަ ކޮއްކޯ؟ ކިހިނެއްތަވީ؟" މިފްރާހު ދެލޯ ބޮޑުކޮށްލަމުން ބަލައިލީ މިފްޒާލްގެ މޫނަށެވެ. އެވަގުތު މިފްޒާލްގެ މޫނުމަތިން ދިޔައީ ދާތިކިތައް އޮހެމުންނެވެ. މުޅި މީހާ ވަނީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. ކޮންމެވެސް ބޮޑު ކަމެއް މިފްޒާލަށް ވެއްޖެކަން އޭނާއަށް ޔަޤީންވިއެވެ.

"ދޮންބޭ.. އަހަރެންނަށް ހީވަނީ އަހަރެންނަށް ބިރުވެރި ހުވަފެނެއް ފެނުނީހެން.." ފުންކޮށް ނޭވާއެއް ލަމުން، މިފްޒާލް ދޮގު ހެދިއެވެ. މިފްޒާލަކަށް ވެސް ކަމުގެ ޙަޤީޤަތެއް އަދި ނޭނގެއެވެ.

"މިހާރު އޯކޭތަ؟" މިފްރާހު ވަނީ ވަރަށް ބޮޑަށް ހާސްވެ، ހިތް ނުތަނަވަސް ވެފައެވެ.

"އާނ ދޮންބޭ! މިހާރު އޯކޭ. އަހަރެން މިދަނީ ނިދާލަން.." މިފްރާހު ގަދަކަމުން ހިނިތުންވެލަމުން، ކޮޓަރީގެ ދޮރު ލައްޕައި ތަޅުލިއެވެ.

***

ދަންވަރުގެ ހިމޭން ވަގުތެވެ. ލިއުޝާ އާއި ހައިޝަމް އޮތީ ނެޓް ފްލިކްސްއިން ރީތި ފިލްމެއް ބަލާށެވެ. އެދެމީހުންގެ ޙަޔާތަށް ޒަހަރު ލުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އެ ކަން ކުރި މީހުން ގެންދިޔައީ އެކަމުގެ ވޭންތައް ތަހައްމަލު ކުރަމުންނެވެ.

"އަހަރެން ވެސް މިހުންނަނީ ބުނާނެ އެއްޗެއް ނޭނގިފަ.." ޒީނާގެ ވާހަކަތައް ލިއުޝާ ކިޔައިދިނުމުން ހިމޭންވެފައި އިން ހައިޝަމްގެ ދޫ ހަރަކާތްކޮށްލިއެވެ.

"ކޮންމެވެސް ބޮޑު ކަމެއް ވީމަ ދޯ އަމިއްލައަށް މަރުވާން އުޅޭނީ.. ގައިމުވެސް މިއީ އާދައިގެ ކަމެއް ނޫން.." ހައިޝަމް ވިސްނައިލިއެވެ.

"އާނއެކޭ! ތިހެނޭ އަހަރެން ވެސް ހިތަށް މިއަންނަނީ.. ހަމަ ހުރެފަ އެވަރުގެ ޑިސިޝަންއެއް ނަގާނީ ކާކު؟ އަނެއްކޮޅުން މަންމައަށް ސިއްރުން. ޒީނާ މަންމަ ވެސް އެބަ އެހާ ހިތާމަ ކުރޭ.." ހައިޝަމްގެ ވާހަކައަށް ބާރުދެމުން، ލިއުޝާ ވާހަކަދެއްކިއެވެ.

"މީގަ އެބަ އުޅޭ ގޯހެއް.. މިކަމަކީ މިފްޒާލާ ވެސް ގުޅުން އޮންނާނެ ކަމެއް. މިފްޒާލް ސައިކަލުން ކުއްލިއަކަށް ވެއްޓުމާ... ޒީނާ މަރުވާން އުޅުމާ.. ޒީނާގެ މަންމަ ބަލިވުމާ.." ހައިޝަމް ހިފައިލީ ލިއުޝާގެ އަތުގައެވެ.

"ދެން ހިނގާ ނިދަން ދޯ؟ ވަރަށް ވާހަކަ ވެސް ދެއްކިއްޖެއްނު؟" ހައިޝަމް ދެލޯ މަރައިލަމުން، އޭނާގެ އަތުން ލިއުޝާގެ ހަށިގަނޑު ވަށައިލިއެވެ.

***

ނިދި ފިޔަ ޖެހޭ އިރަށް، މިފްޒާލަށް އޭނާގެ ދެލޯ ބޮޑުކޮށްލެވެއެވެ. ދެލޯ މަރައިލުމުން ހިތަށް ވެރިކުރުވާ ބިރުވެރިކަން ވަނީ އިތުރެވެ. އަބަދުވެސް ހީވަނީ މިފްޒާލްގެ ދާދި ގާތުގައި އެހެން މީހެއް ވާހެންނެވެ. އޭނާއަށް ހީވަނީ މީހަކު އޭނައަށް ކަމެއް އަންގައިދޭން އުޅޭހެންނެވެ. އެ ޚިޔާލުތަކުގައި މިފްޒާލަށް ވަނީ އަރާމް ނިދި ގެއްލި، އެ އުފަލުން ބީވެފައެވެ. އެނދުމަތީގައި އެތައް އިރަކު އޮތުމަށްފަހު، މިފްޒާލް ކުއްލިއަކަށް އެނދުން ތެދުވިއެވެ. މުޅި މީހާއަށް އުނދަގު ވާތީއެވެ. މުޅި ގައި ހިރު ވަނީ ވެސް ބުނެދޭން ނޭނގޭހާ ވޭނީ ގޮތަކަށެވެ. ލައިގެން ހުރި ކުރު ސޯޓުކޮޅުން ވެސް ފެނުގެ އަސަރު ފެންނަ ވަރަށް ގައިން ހޫނު ނަގައި، ދާހިއްލަން ފެށިއެވެ.

"އަހަރެންނަށް ކިހިނެއްބާ މިވަނީ؟ ތަސްބީނާ..." މިފްޒާލް އޭނާގެ މޫނުމަތިން ހިއްލަމުންދާ ދާތައް ފޮހެލަމުން، ވާހަކަދެއްކިއެވެ.

"ތަސްބީނާއަށް ގުޅަންވީ ކަންނޭނގެ.. ދެން ނުވާނެ ކެެތެއް.." އެންމެ ފަހުން ފޯނު ނަގަމުން، މިފްޒާލް ވަރަށް އަވަހަށް ތަސްބީނާގެ ނަމްބަރަށް ޑައިލްކޮށްލިއެވެ.

"ކަލޭތަ؟ ހާދަ ދަންގަޑިއެއްގަ؟" މިފްޒާލް ހީކުރި ވަރަށް ވުރެން، އަވަހަށް ތަސްބީނާ ފޯނަށް ޖަވާބު ދިނެވެ. މިއީ އާންމުކޮށް ތަސްބީނާ އޭނގެ މަސައްކަތުގައި ހޭލާ އުޅޭ ވަގުތެކެވެ.

"ތަސްބީނާ.. ވަރަށް ބޮޑު ކަމެއް ވެއްޖެ.. އަހަރެން ރަނގަޅެއް ނޫން.. މުޅި މީހާއަށް އުނދަގޫ ވަނީ.." މިފްޒާލަށް ނޭވާ ވެސް ލެވެނީ ވަރަށް ދަތިކޮށެވެ.

"ދެން އަހަރެން ކިހިނެއް ހަދަންވީ؟ ބުނެބަލަ!" ތަސްބީނާ ހިތްހަމަ ނުޖެހޭ ރާގެއްގައި އިނދެ އަހައިލިއެވެ.

"ބަލަ އަހަރެން ބުނިންދޯ؟ އަހަރެން ގާތަށް އަންނަން. އަހަރެން ބުނި ކަންތައް ކޮށްގެން.. އެކަމެއް ނުވިއެއްނު؟ ދެން ކަލެއަށް ކޮން ކަމެއް ވާނީ؟ ހަައްހައްހާ.." ތަސްބީނާާގެ ބިރުވެރި ހިނިގަނޑު، ފޯނުގެ ތެރެއިން ފުރޭނިގެން ގޮސް މިފްޒާލްގެ ހިނދުރި ތެރެއަށް ވަނެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ތަސްބީނާ އެ ފާޑަށް ހުނުމުން، މިފްޒާލް ކޮންމެވެސް ވަރަކަށް ރުޅި ވެސް އައެވެ. ނަމަވެސް މިފްޒާލްގެ މުޅި ގަޔަށް ސަވާރުވެފައިވާ ބިރުގެ މައްޗަށް އިތުރު އިޙްސާސެއް އުފަން ކުރާނެ ހިތްވަރެއް މިފްޒާލަކަށް ނުލިބުނެވެ.

"ކިހިނެއްވީ؟" ނާހަން ހުރެފައި، މިފްޒާލް އަހައިލިއެވެ.

"ހެހެ.... ހައްހައްހާ.." ތަސްބީނާގެ ހުނުމުގެ އަޑު ދިޔަައީ ބާރު ވަމުންނެވެ. އެއްޗެއް ނުބުނެ، ތަސްބީނާ ގެންދިޔައީ ހަމަ ހެމުންނެވެ.

"ހައްހައްހާ.. އަދި އެބަ އަހައޭ ކިހިނެއްހޯ ވީ؟" ތަސްބީނާގެ އަޑު ވެސް، މިފްޒާލަށް ސިފަވީ، ބޮޑު ފުރޭތައެއްގެ އަޑަކާއެވެ.

"ހެހެ.. އަހަރެން ދިން މަކުނު ކޮބާ؟ އަނެއްކާ އެމަކުނު ކާލީ ކަލޭތަ؟" ތަސްބީނާ ކޮށްލި ސުވާލުން މިފްޒާލް ގަނޑުވިއެވެ. ހިމޭން ވިއެވެ.

"ހަލޯ؟ ކޮބާ އެއްޗެއް ބުނެބަލަ! ކޮބާހޭ އެ މަކުނު؟ އަނެއްކާ ކަލޭ ކާލީ ހޭ؟" ތަސްބީނާގެ އަޑު ވެސް ބާރުވިއެވެ.

"ނޫން.. ނޫން.. އަހަރެން.. އަހަރެން އަތުން ގެއްލުނީ.." މިފްޒާލް ޖެހިލުންވެ ހުރެ ބުނެލިއެވެ.

"އޭނ؟؟ ގެއްލުނީއޭ! އެހެން ކީއްވެ ވާންވީ؟ އެއީ ތިހާ ފަރުވާ ކުޑަ ކުރަން ޖެހޭ ކަމެއް ނޫނޭ.. އެ ހޯދާ... އެހެން ނޫނީ ސިހުރު އައިސް ކަލެއަށް ވެސް ޖެހިދާނެ.." ތަސްބީނާ އެހެން ބުނެ ފޯނު ކަނޑައިލީ ހިތްހަމަ ނުޖެހިގެންނެވެ. މިފްޒާލަކަށް ފަހުން އެ ނަމްބަރަށް ގުޅަން ވެސް ނުކެެރުނެވެ. އެއީ ތަސްބީނާ ހިތްހަމަ ނުޖެހިގެން ފޯނު ކަނޑައިލީމައެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން މިފްޒާލް އަނެއްކާ ވެސް އޭނާގެ ގައި ކަހަން ފެށީ މުޅި ގަޔަށް އަރައިގަން ހިރުވުން ގަނޑަކުންނެވެ.

***

މުޅީން އައު ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ލިއުޝާ އިނީ ޑިއުޓީގައެވެ. ނަމަވެސް ލިއުޝާގެ ބޮލުގެ ތެރޭގައި އަބަދުވެސް ވަނީ ޒީނާއެވެ. ޒީނާއަށް ކަންތައް ވެެގެން ދިޔަ ގޮތުން ލިއުޝާއަށް ދިޔައީ އުނދަގޫ ވަމުންނެވެ. ޒީނާ ކޮންމެފަދަ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް، ލިއުޝާގެ ހިތުގައި ޒީނާއަށް އޮތް ލޯބި މުޅީން ފަނޑުވެގެން ނުދާކަން ލިއުޝާއަށް ހެކިކޮށް ދެމުން ދިޔައީ، އޭނާއަށް ކުރުވަމުން ދިޔަ އިޙްސާސް ތެކެވެ. ޒީނާ ހޭއެރި ކަމުގެ ޚަބަރު ޝިޔާދު ދިން ކަމަކު، ޒީނާގެ ގާތަށް ދިޔުމަށް ލިއުޝާ ފަސްޖެހެއެވެ.

"ލިއު. ހާދަ ކަމެއް ނެތިފަ؟" ލިއުޝާ ސިއްސައިގެން ގޮސް ބަަލައިލީ އޭނާ އިން ކޮޓަރީގެ ދޮރާއި ދިމާލަށެވެ. ދޮރު މަތީގައި ހުރީ ޝިޔާދެވެ.

"އެބަހުރިތަ އިތުރު ޕޭޝަންޓުން؟" ޝިޔާދު އެހެން އަހައިލުމުން، ލިއުޝާ ދެކޮޅަށް ބޯހޫރައިލީ "ފްރީ" ކަމަށް ބުނަމުންނެވެ.

"ނުދަންތަ ޒީ ގާތަށް؟ ޒީގެ މަންމަ ވެސް އެބައިން.. އެކަކާ ވެސް ޒީ ވާހަކައެއް ނުދައްކާ.." ޝިޔާދު އައިސް އިށީންނީ ލިއުޝާގެ ކުރިމަތީގައި، ބަލިމީހުން އިންނަން ހަމަޖެހިފައިވާ ގޮނޑީގައެވެ.

"އާނ.. " ލިއުޝާ ދިނީ ކުރު ޖަވާބެކެވެ. ލިއުޝާގެ މޫނަށް ބަލައިލަމުން، ޝިޔާދުު މާނޭވާއެއް ދޫކޮށްލިއެވެ.

"ލިއު.. އެނގޭތަ؟..." ޝިޔާދު ހުއްޓުން އެރިއެވެ.

"ކޯއްޗެއް؟" ލިއުޝާ ބަލައިލީ ޝިޔާދުގެ މޫނަށެވެ.

"މިފްޒާލް... މިފްޒާލް ވަރަށް ތަފާތުކޮށް އުޅޭ ކަމަށް އޭނަގެ ދޮންބެ ބުނި އަހަންނަށް ގުޅާފަ.. އަހަރެން އައިސް ބަލާށޯ. މިފްޒާލާ ވާހަކަދައްކާލަން.. ކޮޓަރިން ވެސް ނުނިކުމެއޯ.. އަހަރެންނަށް ނޭނގެ މިވާ ގޮތެއް.." ޝިޔާދު ކަންބޮޑުވެފައި އިނދެ ބުނެލިއެވެ. ލިއުޝާ ވަގުތުކޮޅަކު ޝިޔާދަށް ބަލަން އިނުމަށްފަހު، އެއްވެސް އެއްޗެއް ނުބުނެ އިސްޖެހިއެވެ.

***

"މައު.. މިހާރު އެ މެންދުރު ވަނީ.. އަދިވެސް ކޮއްކޮ ކޮޓަރިން ނުނިކުމޭ.. އަހަރެންނަށް ކިހާ ވަރަކަށް ގޮވިއްޖެ.. މި ނުކުންނަނީއޭ ކިޔާފަ ފަހުން އެ ބުނީ ނިދާލަން ބޭނުމޭ.." މިފްރާހު ވަނީ ކަންތައް ވަމުންދާ ގޮތުން ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. މިފްރާހުގެ ޝަކުވާތައް އޭނާ ޙިއްޞާ ކުރަމުން ގެންދިޔައީ ހައުލާއަށެވެ.

"ހާސް ނުވެބަލަ! މާ ވަރަކަށް ތިޔަ ވިސްނަނީ.. ތިވަރަަށް ނުވިސްނާ.. މިފްޒާލް ރަނގަޅޭ.. ތި ހަމަޖެހިގެން ހިނގާ ބަލަ ޖޫސް ތައްޓެއް ބޯލަން. ހަދަންތަ؟" ހައުލާ ސޯފާއިން ތެދުވެލަމުން ބުނެލިއެވެ. ޖަވާބުގައި މިފްރާހު ބޯ ޖަހައިލިއެވެ.

***

"އައިމް ސޮރީ.." އިސްޖަހައިގެން އިން ލިއުޝާއަށް އޭނާގެ ފޯނަށް އައި މެސެޖު ކިޔައިލެވުނެވެ. ކުއްލިއަކަށް ލިއުޝާއަށް އިސްނެގުނެވެ. އަދި ވަރަށް އަވަސްކޮށް ލިއުޝާ ބަލައިލީ އޭނާގެ ކުރިމަތީގައި އިން ޝިޔާދަށެވެ.

"ކިހިނެއްވީ؟" ޝިޔާދާ ދިމާލަށް ހައިރާންވެ ހުރެ ބަލަން އިން ލިއުޝާއަށް ޝިޔާދު ވެސް ބަލައިލިއެވެ.

"ޒީނާ.. މެސެޖު ކުރީ.." ލިއުޝާ ހައިރާންވެ ހުރެ ބުނެލިއެވެ.

"ވަޓް؟ ކީކޭ ކިޔާފާ؟" ޝިޔާދު ބަލައިލީ ލިއުޝާގެ ފޯނަށެވެ. ޝިޔާދު މެސެޖު ކިޔައިލަމުން ދެމީހުން އެއްކޮށް ކޮޅަށް ތެދުވިއެވެ. އަދި އެދެމީހުން ހިނގައިގަތީ ޒީނާ އޮތް ވާރޑަށް ދިޔުމަށެވެ.

ޒީނާ ފެނުމާއި އެކު، ލިއުޝާ ހިމޭންވިއެވެ. ޒީނާގެ ގާތުގައި އޭނާގެ މަންމަ އާއި ނަރުހެއް ހުއްޓެވެ. އެނދުމަތީގައި އޮތް ޒީނާއަށް ލިއުޝާ ފެނުމާއި އެކު، ޒީނާާގެ ހިތަށް ކުރީ ހިތި އަސަރެކެވެ. ހިތުގައި ޖެހިގެން، ޒީނާގެ ދެލޯ ކަރުނައިގެ ތިކިތަކުން ފުރައިލިއެވެ. ހަމަ އެއާއި އެކު، ޒީނާގެ ލޮލުގެ އެސްފިޔަތައް ފޫއަޅުވާލައިފައި، އޭނާގެ ކޯތާފަތް މައްޗަށް ކަރުނަތައް ފައިބައިގަތެވެ.

"ލިއު..." ޒީނާގެ އަރުތެރެއިން ލިއުޝާގެ ނަން ނުކުތީ ކުދިކުދި ވަމުން، ވައި އަޑަކުންނެވެ. ލިއުޝާގެ ކެތްތެރިކަން ވެސް ކޮޅުން ލިއެވެ. އޭނާގެ މުޅި ދިރިއުޅުމަށް ޒަހަރު ލާފައިވާ ހަރުފައެއް ފަދަ މީހަކަށް ޒީނާ ވިޔަސް، ލިއުޝާގެ ހިތުގައި ޒީނާއަށް ވަނީ ޚާއްޞަ މަޤާމެއް އަބަދުވެސް ދެވިފައެވެ.

"ލިއު.. އަހަރެންނަށް މާފު ކުރޭ.." ޒީނާގެ ބަޑި ފަޅައިގެން ގޮސް، އަޑުގެ ނެތްކޮޅަށް އަޑުން އަޑު ނަގާފައި ޒީނާ ރޯން ފެށިއެވެ. (ނުނިމޭ)