(އެޕިސޯޑް 21)
ލިއުޝާ މަޑުމަޑުން ހިނގާފައި ގޮސް ހުއްޓުނީ ޒީނާ އޮތް އެނދުގެ ކައިރީީގައެވެ. ޒީނާގެ އެނދާއި ޖެހިގެން އިން ގޮނޑީގައި އޭނާގެ މަންމަ ވެސް އިނެވެ.
"ޒީ.." ލިއުޝާ ވަރަށް މަޑުން ގޮވައިލިއެވެ. އެއާއި އެކު ޒީނާއަށް ކުރި އަސަރުތައް ހީވީ ދެގުނަ ވެގެން ދިޔަހެންނެވެ. ޒީނާގެ ހުރިހާ އިޙްސާސެއް ބަނދެގެން، ލިއުޝާއާ ދެކޮޅަށް ހިންގި ޖަރީމާ ތަކުން މިއަދު ޒީނާ ވަނީ ގޮތްވެ، އިންތިހާ ދަރަޖައަށް މާޔޫސްވެފައެވެ.
"ލިއު.. އަހަރެންނަށް މާފު ކުރޭ!" ޒީނާގެ އަޑުގައި ވަނީ ވޭނީ އަސަރުތަކެވެ. ޒީނާއަށް ގިސްލެވެމުން ދިޔައީ ހިތަށް ކޮށްފައިވާ ފުން ހިތްދަތި ކަމަކުންކަން އޭނާއަށް ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެކަން ކަށަވަރެވެ.
"ޒީ.. ކިހިނެއްތަ ވީ؟" ލިއުޝާ ދެ ޚިޔާލެއްގައި ހުރެ ޒީނާގެ ބޮލުގައި މަޑުމަޑުން އޭނާގެ އަތް ޖައްސައިލިއެވެ. ޒުހުދާ އެއްވެސް އެއްޗެއް ނުބުނެ ބަލަން އިނީ ލިއުޝާ އާއި ޒީނާގެ މޫނަށެވެ. ވާނުވާ ނޭނގިފައިވާ ޒުހުދާގެ ހިތަށް ލިބޭ ތުރާލުގެ ސިއްރަކީ ޒީނާ ކުރަން ނިންމި ބޮޑު ފާފައެވެ. އެ ފާފައިގެ ފަހަތުގައި ވާ ސަބަބުތައް އެނގި ހާމަ ވާން ޒުހުދާ އިނީ ނުހަނު ބޭނުން ވެފައެވެ.
"ބުނެބަލަ! ކިހިނެއްތަ ވީ؟" ލިއުޝާ އޭނާގެ ސުވާލު ތަކުރާރު ކޮށްލަމުން އަހައިލިއެވެ. ޒީނާގެ ދުލުން ހީވަނީ ހަރަކާތް ހުއްޓިފައިވާ ހެންނެވެ. ހުރިހާ ކަމެއް ކިޔައި ދޭން ޒީނާގެ ހިތް ބުންޏަސް އެ ހިތްވަރެއް، އެ ޤާބިލް ކަމެއް ޒީނާގެ ކިބައިގައި ނެތް ފަދައެވެ. ވާނީ ވެސް އެހެންތާއެވެ. ލިބެމުންދާ އިންޒާރު ތަކަކީ ޒީނާގެ ޙަޔާތުގެ ހުންގާނުގެ މިސްރާބު މުޅިން ބަދަލުކޮށްލާ ފަދަ ކަންކަމެވެ.
"އަހަރެންނަށް ލިއުއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.. އަހަރެންނަށް އެކަން މިއަދު އެބަ އިޙްސާސް ކުރެވޭ.." ނުބުނަން ހިތު ލައިގެން ހުރެފައި، އެންމެ ފަހުން ޒީނާގެ ދޫ ހަރަކާތްކޮށްލިއެވެ. ލިއުޝާއަށް ކޮންމެ ވެސް ވަރެއްގެ ހައިރާން ކަމެއް ލިބުނެވެ. އެންމެ ފުރަތަމަ ވެސް ލިއުޝާގެ ބޮލަށް ވަނީ ޒީނާ ހިންގި ރޭވުމަކީ މިފްޒާލާ ގުޅިގެން ރޭވި ރޭވުމެއް ކަމުގެ ޝައްކެވެ. އެއީ ކުރިން ވެސް ލިއުޝާގެ ހިތަށް ލިބުނު ވަހުމެކެވެ. ނަމަވެސް މިއަދު އެކަން ޔަޤީނާ ގާތަށް ލިއުޝާއަށް ދެވުނު ކަހަލައެވެ.
"ކިޔާބަލަ ޒީ!" ލިއުޝާ ބޭނުން ވީ އޭނާގެ ހިތުގައި ހުރި ވާހަކަތަކަކީ ހުރިހާ ގޮތަކުން ވެސް ތެދުކަން އަމިއްލައަށް ކަށަވަރު ކުރާށެވެ. ނަމަވެސް ލިއުޝާ ކުރި ސުވާލުން ޒީނާގެ ހިތްވަރު އަނެއްކާ ވެސް މުޅިން އެލިގެން ދިޔައެވެ. ލިއުޝާ ކުރި ސުވާލަށް ޒީނާ ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ފެށީ އިތުރަށް ރޯށެވެ.
***
ލިއުޝާ އާއި އެކު ޒީނާގެ ގާތުގައި ހުރުމަށްފަހު، ޝިޔާދު މިސްރާބު ޖެހީ މިފްޒާލްގެ ގެއަށް ދިޔުމަށެވެ. މިފްރާހު ތަކުރާރުކޮށް ގުޅަމުން ދާތީއެވެ. ސައިކަލުގައި ގޮސް ޝިޔާދު ވަރަށް އަވަސްކޮށް މިފްޒާލްގެ ގެއަށް ވަނެވެ.
"ކޮބާ؟ މިފްޒާލް.. އަދިވެސް ކޮޓަރީގަތަ؟" އެގެއަށް ވަތް ޝިޔާދަށް ފުރަތަމަ ވެސް ބަަލައިލެވުނީ މިފްރާހުގެ މޫނަށެވެ. މިފްރާހުގެ މޫނުމަތިން ފައުޅުވެފައި ވަނީ ބުނެދޭން ނޭނގޭ ފަދަ ބޮޑު މާޔޫސް ކަމަކާއި، ކަންބޮޑުވުމެވެ.
"އާނ! އަދިވެސް ކޮޓަރީގަ. ވަރަށް ގޮވިއްޖެ.. މިހާ އިރު ވާއިރު އެއްޗެއް ކާލަން ނުކުތުން ވެސް ރަނގަޅެއްނު؟" މިފްރާހު ހާސްވެގެން އިނދެ ބުނެލިއެވެ. ޝިޔާދު ފުންކޮށް ނޭވާއެއް ލަމުން ބަލައިލީ މިފްޒާލްގެ ކޮޓަރީގެ ދޮރާއި ދިމާލަށެވެ. އަދި މަޑުމަޑުން ދޮރާއި ދިމާލަށް ހިނގައިގަތެވެ.
"މިފްޒާލް.. އަހަންނޭ.. ޝިޔާދު. ހުޅުވަބަލަ ބްރޯ.." ޝިޔާދު ދޮރުގައި ދެތިން ފަހަރަކު ޖަހައިލި އިރަށް ކޮޓަރިން ތެރެއިން އެއްޗެއް ވެއްޓުނު އަޑު އިވުނެވެ.
"ޝިޔާދު އެކަނިތަ؟ އިތުރު މީހެއް ނެތްތަ؟" ކޮޓަރި ތެރެއިން މިފްޒާލްގެ އަޑު އިވުނެވެ. އެ އަޑުގައި ވަނީ ވަރުބަލި ކަމެވެ.
"އާނ އަހަރެން އެކަނި. ހުޅުވަ ބަލަ ބްރޯ.." ޝިޔާދު އެހެން ބުނެ ބަލައިިލީ ސޯފާގައި އިން މިފްރާހަށެވެ. މިފްޒާލް ކޮށްލި ސުވާލުން އިތުރަށް މިފްރާހު ޖެހިލުން ވިއެވެ. މިފްޒާލް ކަމެއް ސިއްރު ކުރަނީ ކަން ޔަޤީން ވީމައެވެ. ނަމަވެސް ޝިޔާދުގެ އެދުމަށް ބޯލަނބައި، މިފްރާހު ސޯފާގައި އިނީއެވެ.
ލަހެއް ނުވެ، މަޑުމަޑުން ދޮރު ހުޅުވައިލަމުން ބޭރުގައި ހުރި ޝިޔާދު ވަންނަން މިފްޒާލް ޖާގަ ދިނެވެ. ޝިޔާދު އެތެރެއަށް ވަނުމާއި ބަލައިލީ މިފްޒާލްގެ މޫނަށެވެ. ހަމަ އެއާއި އެކު ޝިޔާދަށް ދެލޯ މަރައިލެވުނެވެ. ޝިޔާދަށް ހަޅޭލަވައި ނުގަނެވުނީ މިފްޒާލް އޭނާގެ އަނގަ މަތީގައި އަތް އެޅުމުންނެވެ.
"ޝޫޝް!" މިފްޒާލް ސީރިއަސްކަން ދައްކަމުން ޝިޔާދު ގާތު ހަމަ ޖެހުމަށް އެދުނެވެ. ޝިޔާދު ބިރުން މޭގުޑެން ފެށިއެވެ. މިފްޒާލްގެ މޫނުމަތިން ފެންނަނީ ބިރުވެރި ކަމެވެ. މުޅި މޫނުމަތި ރަތްވެ، ހަންގަނޑު ފޮރުވިފައި ވަނީ ކަޅު ކުލައިގެ ބޮޑެތި ބިސްތަކަކުންނެވެ.
"މިފްޒާލް.. ކިހިނެއްވެފަ؟؟" ޝިޔާދު ވަރަށް ބޮޑަށް ޖެހިލުންވެގެން ހުރެ، އަހައިލިއެވެ. މިފްޒާލްގެ ފަރާތުން ޖަވާބެއް ނުލިބި އުޅެނިކޮށް ޝިޔާދު އޭނާ ލޮލުގެ ކަޅު ތިރިކޮށްލަމުން މިފްޒާލްގެ މެއިން ފެށިގެން ފޫޅަށް ނަޒަރު ހިންގައިލިއެވެ. މުޅި ގައި ވަނީ ރަތް ވެފައެެެވެ. މޭމަތި ވަރަށް ފުންކޮށް ކެފިފައި ހުރި އިރު އެތަނުން ދިޔައީ ދޮސް ކަހަލަ ހުދު އެއްޗެހި ތަކެއް ނުކުންނަމުންނެވެ. ލައިގެން ހުރި ސޯޓު އެއްކޮށް ތެމިފައި އޮތް އިރު، މިފްޒާލްގެ ފައި ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޝިޔާދަށް މަޑުމަޑުން ފަހަތަށް ޖެހެވުނެވެ.
"ނޫން ޝިޔާދު.. ހެލްޕު މީ.." މިފްޒާލްގެ ރާގު ބަދަލުވިއެވެ. ޝިޔާދަށް އަނެއްކާ ވެސް ފަހަތަށް ފިޔަވަޅެއް އެޅުނެވެ.
"އަހަރެން.." މިފްޒާލްގެ އަޑު ތުރުތުރު އަޅައެވެ.
"ތީ ކިހިނެއްވެފަ؟" ޝިޔާދުގެ ދެލޯ ބޮޑުކޮށްގެން ހުރި އިރު ހީވަނީ ދެންމެ ދެންމެ ދެލޯ ވީދައިގެން ގޮސްދާނެހެންނެވެ.
"ނޭނގެ! އަހަރެން މި މަރުވަނީ ކަންނޭނގެ! އަހަރެން ބޭނުން ރަނގަޅު ވާން.. އަހަރެން ކިހިނެއް ހަދާނީ؟ އަހަރެން ސަލާމަތް ކޮށްދީ.. ހެޔޮ ނުވާނެ.." މިފްޒާލް އާދޭސް ކުރަން ފެށިއެވެ.
"ހިނގާ ހޮސްޕިޓަލަށް.." ޝިޔާދު ބިރުން ހުރެ، ބުނެލިއެވެ.
"ނުކެރޭނެ.. ލާހިކެއް ނޫން.. އަހަރެން ފެނުނަސް އެންމެން ބިރު ގަންނާނެ.." މިފްޒާލް ބަލަން ހުރީ ޝިޔާދުގެ މޫނަށެވެ. ނަމަވެސް ޝިޔާދަށް ހުރީ އޭނާގެ ކަޅި މިފްޒާލަށް ސީދާ ކޮށްލަން ވެސް ނުކެރިފައެވެ.
"އެކަމު މިފްޒާލް.. ހިނގާ ދާން.. އެ ނޫން ގޮތެއް ނެތް މިކަމުގަ.." ޝިޔާދު އެހެން ބުނެ މަސައްކަތް ފެށީ މިފްޒާލަށް ފަރުވާ ދިނުމަށް ހޮސްޕިިޓަލަށް ގެންދެވޭތޯއެވެ.
"ނޫން ބްރޯ.. ނޫން.. އަހަރެން މިހެން އޮވެ މަރުވާނެ.. އަހަރެންގެ ކަރަށް ވާން ވަނީ.." މިފްޒާލް އެހެން ބުނެ ހިފީ އޭނާގެ ކަރުގައެވެ. ހަމަ އެއާއި އެކު، މިފްޒާލްގެ ކަރުން 8 ވަރަކަށް އިންޗި ކަނޑައިގެން ދިޔައެވެ. ހޯސް ލާފައިި ފައިބައިގަން ލޭތަކާއި އެކު، ޝިޔާދަށް ގޮސް ކޮޓަރީގެ ފާރަށް ޖެހިގަނެވުނެވެ.
"އެބަ އަންނަން.." ޝިޔާދު ދުއްްވައިގަތީ އެކޮޓަރިން ނުކުންނާށެވެ.
"ކިހިނެއްވީ؟" ސޯފާގައި އިން މިފްރާހަށް ލަތްކަކަށް ތެދުވެވެނުވެ. ޝިޔާދަށް ފަހަތް ބަލައިލެވުނީ "ބަން" ލާފައި މިފްޒާލްގެ ކޮޓަރީގެ ދޮރު ޖެހުނު އަޑަށެވެ. މިފްރާހު ދުވެފައި ކަހަލަ ގޮތަކަށް ގޮސް، މިފްޒާލްގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފި އިރު، ދޮރު ހުރީ ތަޅުލާފައެވެ.
"ތަޅުލީ އަނެއްކާ.." މިފްރާހު ކަންބޮޑުވެގެން ބުނެލިއެވެ. ޝިޔާދު އިތުރަށް ގަތީ ބިރެވެ. އެފަދަ ހާލެއްގައި، މިފްޒާލް ކޮޓަރި ތެރެއަށް ދެމިފައި އޮތްވައި، އެހާ އަވަސްކޮށް ދޮރު ލައްޕައި ތަޅުލީމައެވެ.
"އަހަރެން މިއަންނަނީ.." ޝިޔާދު އެންމެ ސިކުންތެއް ވެސް މަޑުނުކޮށް ބޭރަށް ދުއްވައިގަތެވެ.
***
ޒީނާގެ ގާތުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު، ލިއުޝާ އިނީ ބަލި މީހަކަށް ފަރުވާ ދޭށެވެ. އެވަގުތުގައި ޝިޔާދު ގެންދިޔައީ ހުއްޓައި ނުލައި ލިއުޝާއަށް ގުޅަމުންނެވެ. ފޯނު ބިޒީކޮށްލަމުން، ލިއުޝާ އަނެއްކާ ވެސް މަސައްކަތަށް އެނބުރުނެވެ.
"ލިއު.." ކުއްލިއަކަށް ޝިޔާދު އައިސް ވަނީ ލިއުޝާ އިން ކޮޓަރިއަށެވެ.
"ސޮރީ.." ޝިޔާދު ހިމޭންވީ ބަލި މީހާ ފެނުމުންނެވެ.
"ކިހިނެއްވީ؟" ޝިޔާދުގެ މޫނު ފެނުމާއި އެކު، ލިއުޝާއަށް ކަމެއް ގޯސްވިކަން އެނގުނެވެ. ނަމަވެސް "އޯކޭ" އޭ ބުނެ ޝިޔާދު އެތަން ދޫކޮށް ދިޔައީ މިފްޒާލްގެ ގެއަށް ދިޔުމަށެވެ. މިފްޒާލްގެ ގެއަށް ޝިޔާދު މިސްރާބު ޖެހީ އިންޖެކްޝަނެއް ހިފައިގެން އަވަސްކޮށް މިފްޒާލްގެ ފުރާނަ ސަލާމަތް ކުރާށެވެ.
***
"އަހަރެން ހާދަ ބިރެއް އެބަ ގަނެއޭ.." މިފްރާހަށް ވަނީ ރޮވެން ގާތްވެފައެވެ. މިފްޒާލްގެ ފަރާތުން ފެންނަމުންދާ ތަފާތު ހަރާކާތް ތަކުން މިފްރާހުގެ ބަސް ވެސް ވަނީ މުޅިން ހުސްވެފައެވެ.
"ތިވަރަށް ނުވިސްނާ..ހުރިހާ ކަމެއް ވެސް އޯކޭ ވާނޭ.." ހައުލާގެ މަސައްކަތަކީ މިފްރާހު ހަަމައަކަށް އެޅުވުމަށް މަސައްކަތް ކުރުމެވެ.
***
އެމްބިޔުލާންސް އައިސް މަޑުކޮށްލީ މިފްޒާލްގެ ގޭގެ ދޮރު މަތީގައެވެ. އެންމެ ފުރަތަމަ ވެސް އެމްބިޔުލާންސުން ފެއިބީ ޝިޔާދެވެ. އަދި ވަރަށް އަވަސްކޮށް މިފްޒާލްގެ ގެއަށް ވަންނަން ޝިޔާދު ދުއްވައިގަތެވެ.
"މި ދޮރު ހުޅުވަބަަލަ ކޮއްކޯ.." މިފްރާހު ހުއްޓުމެއް ނެތި، ގެންދިޔައީ ދޮރުގައި ތަޅަމުންނެވެ. ޝިޔާދު އައި ގޮތަށް އައިސް ދޮރު ކުރިމަތީގައި ހުއްޓުނެވެ. އަދި މިފްރާހާއި ހައުލާއަށް ބަލައިލަމުން މިފްޒާލަށް ގޮވަން ފެށިއެވެ. ނަމަވެސް އެއްވެސް އަޑެއް ބަޑެއް ކޮޓަރި ތެރެއަކުން ނީއްވެއެވެ.
ޝިޔާދަށް ހީވީ އޭނާއަށް ކުއްލި ބާރެއް ލިބިގެން ދިޔަހެންނެވެ. ބަލާކަށް ނުހުރެ ނިކަން ބާރަށް ދޮރުގައި ފައިން ޖަހަން ފެށިއެވެ. އިސާހިތަކު ދޮރު ވިއްސައިގެން ދިޔައެވެ.
"ކޮއްކޯ.." ކޮޓަރި ތެރެއިން ފެނުނު މަންޒަރާއި އެކު މިފްރާހުގެ ލޯމައްޗަށް އަނދިރި އެޅުނެެވެ. ހައުލާއަށް އޭނާާގެ ތުންފަތުގައި ދަތް އެޅުނީ ލިބުނު އާދަޔާ ޚިލާފު އިޙްސާސަކުންނެވެ. ހައުލާއަށް ފަހަތަށް ފިޔަވަޅެއް ނެގުނެވެ. އަދި މޫނުމަތީގައި އަތް އަޅައިގެން ހުރި މިފްރާހުގެ އަތުގައި މަޑުމަޑުން ހައުލާ ހިފައިލިއެވެ.
"މިފް.... ޒާލް.." ޝިޔާދުގެ ދެލޯ ކަރުނައިން ފުރައިލީ ބިރުވެރި ކަމާއި އެކުއެވެ. ބިރުން ދުއްވައިގަންނަން ވެސް ޝިޔާދު ބޭނުން ވިއެވެ. ކޮޓަރީގެ ތަށިމުށިގަނޑު މަތީގައި މިފްޒާލް އޮތް އިރު، އޭނާގެ ބޯ ވަނީ ހަށިގަނޑާއި ވަކިވެފައެވެ. (ނުނިމޭ)