އެފްއޭއެމް

އެފްއޭއެމްގެ ހިދުމަތުގައި ޑުންގާ 20 އަހަރު

ކުރީގެ ކުލަބު، އޯކިޑް ސްޕޯޓްސް ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް ރާއްޖޭގެ އެންމެ މަތީ ޑިވިޝަނަށް ނެގި ޕްރަމޯޓް ވިއިރު ކުލަބުގެ މިޑްފީލްޑްގައި އަހްމަދު ޝަރީފް (ޑުންގާ) އަކީ އެއް ނަމަވެ. ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން އިސްކޮށް ހިންގެވި ކުލަބުގައި ޑުންގާ އޭރު ކުޅުނީ ބަނޑޮހުގައި ވަޒީފާ އަދާ ކުރަމުންނެވެ. އޭރު ގައުމީ ޓީމުގެ ކޯޗް ކަމާ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ފުރަމުން ދިޔަ ރޮމޭނިއާގެ ވިކްޓާ ސްޓޭންކުލެސްކޫ ހަފުތާ ބަންދާއި ބަންދު ދުވަސްތައް ހޭދަ ކުރަނީ ބަނޑޮހުގަ އެވެ. ފުޓްބޯޅައިގެ ޓެކްނިކަލް ދާއިރާއަށް ޑުންގާގެ ވިސްނުން ދާން ފެށީ ވެސް އެދުވަސް ވަރު އެވެ.

އެފްއޭއެމްގައި އޭނާ މަސައްކަތް ކުރާތާ އިއްޔަ 20 އަހަރުވީ އެވެ. އެފްއޭއެމްގެ އެކި ދައުރުތަކުގައި ވެރިންގެ ގޮތުގައި އެކި މޫނުތައް އަޔަސް މިހާތަނަށް ވެސް ބަދަލު ނުވެ އޮތީ ޑުންގާގެ މަސައްކަތެވެ. އޭނާގެ މަސައްކަތުގެ ބޮޑުބައެއް ގުޅިފައި އޮތީ އުފަން އަތޮޅު އެފްއޭއެމުން އައްޑޫގައި ފެށި މަސައްކަތަށެވެ. އެފްއޭއެމްގެ ގުރާސްރޫޓް ޕްރޮގްރާމް އައްޑޫގައި އެންމެ ބާރަށް ކުރިއަށް ގެންދިޔައީ ޑުންގާގެ ބެލުމުގެ ދަށުންނެވެ.

މިވަގުތު އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ ގޮތުގައި އޭނާ ހުރި ނަމަވެސް އޭރުވެސް ކުރަމުން ދިޔަ މަސައްކަތަކަށް ބަދަލެއް ނައެވެ. ބައެއް ފަހަރު އެފްއޭއެމްގެ ޓެކްނިކަލް ސްޓާފެއް ގޮތަށް އަނެއް ބައި ފަހަރު ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރުގެ ގޮތުގައި ނުވަތަ ޓެކްނިކަލް ޑައިރެކްޓަރުގެ ގޮތުގައި ޑުންގާ ހުރި ނަމަވެސް އޭނާގެ މަސައްކަތް އޮތީ ޓެކްނިކަލް ހުރިހާ ކަމަކާ ގުޅިފަ އެވެ. ހާއްސަ ގޮތެއްގައި ގުރާސްރޫޓް ޑިވެލޮޕްމެންޓްގައި އޭނާގެ ތަޖުރިބާ ބޮޑެވެ.

ޑުންގާގެ ހިދުމަތް އަގުވަޒަން ކޮށް ބައްސާމް ކުރެއްވި ޓްވީޓް

އައްޑޫގައި 2015 ވަނަ އަހަރު އެފްއޭއެމުން ގާއިމުު ކުރި އޮފީހުގެ އެންމެ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރި އެވެ. އޭއެފްސީ ބީ ލައިސެންސަށް ކިޔަވައި ދިނުމުގެ ހުއްދަ ލިބުނު ދެ ދިވެހިންގެ ތެރެއިން އެކަކީ ޑުންގާ އެވެ. ޑީ ލައިސެންސް ކޯހާއި ސީ ލައިސެންސް ކޯސްތަކުގައި ކިޔަވައި ދިނުމަށް ރަށްރަށަށް އެންމެ ގިނައިން ދަތުރު ކުރި އިންސްޓްރަކުޓަރަކަށް އޭނާ ވާނެ އެވެ.

އޭނާގެ ހިދުމުތައް 20 އަހަރު ފުރުމާ ގުޅިގެން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފަރާތްޕުޅުން، އޭނާ އަށް ހަނދާނީ އައްޑަނައެއް އެރުވި އެވެ. ކާމިޔާބު ކަމާއެކު 20 އަހަރު ހޭދަ ކުރެއްވި ކަމަށް ޓަކައި ބައްސާމް ވަނީ ޑުންގާގެ މަސައްކަތް އަގުވަޒަން ކުރައްވާފަ އެވެ.