ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އައްޑޫއިން ރެންޑަމް ސާމްޕަލް ނަގަނީ

އައްޑޫ ސިޓީގެ ރަށްތަކުން ރެންޑަމް ސާމްޕަލް ނަގަން ނިންމައިފި އެވެ. ރެންޑަމް ސާމްޕަލް ނަގަން ފަށާނީ މާދަމާ އެވެ.

އެޗްއީއޯސީން މިއަދު ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަދި ބަލި ނެތްކަން ޔަގީން ކުރުމުގެ ގޮތުން އައްޑޫ ސިޓީގެ އެކި ރަށްރަށުން ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށެވެ. މާދަމާ އެކަން ފަށާއިރު ސާމްޕަލް ނެގުމުގައި އިސްކަން ދޭނީ އާންމު ހިދުމަތުގައި އުޅޭ މީހުންނާއި އާންމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި މަސައްކަތް ކުރާ މީހުންގެ ސާމްޕަލް ނެގުމަށެވެ. އެގޮތުން ފިހާރަތަކާއި ފެރީ ތަކުގައި މަސައްކަތް ކުރާ މީހުންގެ ސާމްޕަލް ނަގާނެ އެވެ.

އައްޑޫއިން ނެގުމަށް ހަމަޖެހިފައިވަނީ ކިހާ ސާމްޕަލްއެއް ކަމެއް ނުބުނެއެވެ. އަދި ސާމްޕަލް ނެގުން ކުރިއަށް ގެންދާނެ ވަކި މުއްދަތެއްވެސް އެޗްއީއޯސީން ނުބުނެއެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވަމުންދާއިރު މާލެ ސިޓީ ފިޔަވައި މިވަގުތު އެންމެ ބޮޑަށް އެ ބަލި ފެތުރިފައިވަނީ ގއ. ދެއްވަދޫގައެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި 69 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެ ކްލަސްޓާއާ ގުޅުންހުރި މީހުން ފަސް ރަށެއްގައި އެބަތިއްބެވެ. ގއ. އަތޮޅުގެ ރަށްރަށުގައި ބަލި ނެތްކަން ޔަގީން ކުރުމަށް މިދިޔަ ހަފްތާ ބަންދުގައި ހަތަރު ރަށަކުން ވަނީ ސާމްޕަލް ނަގާފައެވެ.

ދެއްވަދޫގެ އިތުރުން ތިން ރިސޯޓެއްގައިވެސް ގިނަ އަދަދެއްގެ ސްޓާފުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޮޅުވެލި ރިސޯޓުން 59 މީހުން އަދި ބިޔާދޫ ރިސޯޓުން 53 މީހަކާއި ސަންގެލި ރިސޯޓުން 42 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.