ދުނިޔެ

ބައިޑަން ހުވާކުރައްވާ ރަސްމިއްޔާތަށް 20،000 ގާޑުން ނެރޭނެ

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެން ހުންނެވި، ޖޯ ބައިޑެން މަގާމުގެ ހުވާ ކުރައްވާއިރު ސަލާމަތީ ފިޔަވަޅުތައް ކަށަވަރު ކުރުމަށް 20،000 އަށް ވުރެ ގިނަ ނެޝަނަލް ގާޑުން ބައިވެރިވެ އެ ސަރަހައްދު ބަލަހައްޓާނެ ކަމަށް ވޮޝިންގްޓަން ޕޮލިސް ޗީފް، ރޮބާޓް ކޮންޓީ ވިދާޅު ވެއްޖެ އެވެ.

ރޮބާޓް ކޮންޓީ ވިދާޅުވީ އެމެރިކާގައި ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތެއްގައި ސަލާމަތީ ފިޔަވަޅުތައް މީގެ ކުރީން ދުވަހަކު ވެސް މިހާ ވަރުގަދަ ކުރެވިފައި ނުވާ ކަމަށެވެ.

"މި ރަސްމިއްޔާތު ހިނގަމުން ދާއިރު ހަމަނުޖެހުމެއް ހިންގައިފާނެ ކަމަށް ބަލައި އަޅުގަނޑު މިހުންނަނީ ވަރަށް ކަންބޮޑުވެފައި،" ކޮންޓީ ރިޕޯޓަރުންނަށް ވިދާޅުވި އެވެ. "ރަސްމިއްޔާތަށް ފަހު ވެސް ބޮޑު ބިރަކަށް ވެފައި އޮވެ ދާނެ" އޭނާ ވިދާޅުވީ ހުވާ ކުރައްވާ ރަސްމިއްޔާތު ހިނގަމުން ދާއިރު އެ ސަރަހައްދަށް އާންމުން އެއްވުން ރަނގަޅު ނޫން ކަމަށެވެ.

ސެކިއުރިޓީ އޮފިޝަލުން ވިދާޅުވާ ގޮތުން މުޅި ސަރަހައްދު ވަރަށް ރަނގަޅަށް ގާޑް ކުރާނެ އެވެ. ސިފައިނާއި ގާޑުން މަދުވެގެން ތަން ނުބެލެހެއްޓިގެން އުޅޭކަށް ވެސް ނުޖެހޭނެ އެވެ. ރައްކާތެރިކަން ކަށަވަރު ކުރުމަށް މުޅި އެމެރިކާއިން ގާޑުން ގެނެވޭނެ އެވެ.

ބައިޑަން ހުވާ ކުރައްވާ ރަސްމިއްޔާތު މިހާ ބޮޑަށް ބަލަހައްޓަން ޖެހިފައި ވަނީ ރައީސް ޓްރަމްޕްއަށް ވަފާތެރި ސަޕޯޓަރުން ކެޕިޓަލްއަށް ވަދެ ހިންގި ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. މިހަމަނުޖެހުންތަކާ ގުޅިގެން ފަސް މީހަކު ވެސް ވަނީ މަރުވެފަ އެވެ.