ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގެ ބާރާތު ކޮވިޑް ވެކްސިނަށް ސަމާލުވުމަށް އަންގައިފި

އިންޑިއާގެ ބަރާތު ބަޔޯޓެކްއިން އުފެއްދި ކޮވިޑް ވެކްސިން ބޭނުން ކުރުމުގައި ސަމާލުވާން އެ ކުންފުނިން އަންގައިފި އެވެ. އެކުންފުނިން ބުނީ ދިފާއީ ނިޒާމް ބަލިކަށި މީހުންނާއި އެލާޖީއެއް ތަހަންމަލުކުރާ މީހުން އަދި ލޭ މަނާ ކުރަން އުނދަގޫ މީހުން ކޯވެކްސިން ޖެހުން ރައްކާތެރި ނޫން ކަމަށެވެ.

ބަރާތު ބަޔޯޓެކްއިން ބުނީ އެ ކުންފުނިން އުފައްދާ "ކޯވެސިން" ޖަހަން އެދޭ މީހުން ސިއްހީ މައްސަލައެއް ހުރި ނަމަ ބަޔާން ކުރަން ޖެހޭ ކަމަށާއި ބޭހެއް ބޭނުންކުރާ ނަމަވެސް މައުލޫމާތު ދޭން ޖެހޭ ކަމަށެެވެ. އަދި މިނޫން ހާލަތެއްގައި ކަންބޮޑުވުމެއް ހުރި ނަމަވެސް އިރުޝާދު ހޯދަން ޖެހޭ ކަމަށެވެ.

ކޯވެކްސިން ޖެހި ބައެއް މީހުނަށް މެދުވެރިވި ސިއްހީ މައްސަލަތަކުގެ ތެރޭގައި، ނޭވާލާން ދަތިވުން، މޫނާއި ކަރުތެރެ ދުޅަވުން، ވިންދު އަވަސްވުން، ބޯ އަނބުރައި ވަރުބަލިވުން އަދި ހަންކުރަކިވުން ހިމެނެ އެވެ.

ބާރާތު ބަޔޯޓެކް ވެކްސިނަށް ފާޑުކިއުން އަމާޒުވީ ވެކްސިން ބޭނުން ކުރަން އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން އަވަސް އަރުވާލައިގެން ހުއްދަ ދިނުމުންނެވެ. އަދި ދެމެހެއްޓެނިވި ނިޒާމަކުން ކޯވެކްސިން ޓެސްޓްކޮށް އަޖުމަ ބަލާފައި ނުވުމެވެ.

އިންޑިއާއިން ދެ ވެކްސިނަކަށް ހުއްދަ ދިނީ ޖެނުއަރީ ހަތަރެއްގައި އެކުއެކީގަ އެވެ. އެއީ އޮކްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން އުފެއްދި "ކޮވިޝީލްޑް" އާއި ބާރާތު ބަޔޯޓެކްއިން އުފެއްދި "ކޯވެކްސިން" އެވެ. އެހެން ނަމަވެސް ބާރާތު ބަޔޯޓެކުން އުފެއްދި ވެކްސިނާ ގުޅޭ ހަރުދަނާ މައުލޫމާތު ޑްރަގް ރެގިއުލޭޓަރުން އާންމު ކޮށްފައެއް ނުވެ އެވެ.

އިންޑިއާގައި ގިނަ ހޮސްޕިޓަލްތަކުގައި ސިއްހީ އެހީތެރިންނަށް ދެނީ އޮކްސްފޯޑް / އެސްޓްރަޒެނެކާ ވެކްސިނެވެ. ބާރާތު ބަޔޯޓެކް ވެކްސިންދޭ ހޮސްޕިޓަލްތަކަށް އެކަށީގެންވާ ތަރުހީބު ލިބޭ ކަމަކަށް ނުވެ އެވެ. ނިއުދިއްލީގައި ކޯވެކްސިން ދޭ ހޮސްޕިޓަލްތަކުން ވެކްސިން ޖަހަން ޑޮކްޓަރުން ވެސް އިންކާރުކުރާ ކަމަށް އަލްޖަޒީރާ ރިޕޯޓްކުރެ އެވެ.