ލުއިސް ސުއަރޭޒް ކާމިޔާބުކުރި ހެޓްރިކާއެކު އެއިބާ އަތުން ސްޕެނިޝް ލީގުގައި 3-1 އިން ބާސެލޯނާ މިރޭ މޮޅުވެއްޖެ އެވެ.
މި މެޗުގެ ފުރަތަމަ ގޯލު ޖެހީ ނުވަވަނަ މިނިޓްގައި އެއިބާގެ ބަސްޓޮން އެވެ. ނަމަވެސް ސުއަރޭޒް ވަނީ މެޗުގެ 21 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަދި ފަހު ހާފު ފަށައިގެން ތިން ވަނަ މިނިޓްގައި އޭނާ ލީޑް ހޯދާދިނެވެ. އުރުގުއެގެ ފޯވަޑް ހެޓްރިކް ހެދީ މެޗުގެ 85 ވަނަ މިނިޓްގަ އެވެ.
އޭނާގެ މި ލަނޑުގެ ދެ މިނިޓް ކުރިން ބާސެލޯނާގެ އާޖެންޓީނާ ޑިފެންޑަރު ހާވިއާ މަޝެރާނޯ އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.
އަނިޔާވެފައިވާ ލަޔޮނަލް މެސީ ނެތި ކުޅުނު މި މެޗުގެ ކުރިން ބާސެލޯނާގެ ކުޅުންތެރިން ދަނޑަށް ނުކުތީ އޮރެންޖެ ކުލައިގެ ޓީޝާޓްގަ އެވެ. އެއީ އެ ޓީމުގެ ކމުރީގެ ކުޅުންތެރިޔާ ނެދަލޭންޑްގެ ޔޯހަން ކްރައިފަށް ލަންގް ކެންސަރު ޖެހިފައިވާތީވެ އޭނާ އަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.
މި މެޗުން މޮޅުވުމުން ބާސެލޯނާ އޮތީ ޓޭބަލުގެ ދެ ވަނާގަ އެވެ. އެއީ އެއްވަނާގައިވާ ރެއާލް މެޑްރިޑަށްވުރެ ފައިދާ ގޯލު މަދުވުމުންނެވެ. މި ދެ ޓީމަށް ވެސް ލިބިފައިވަނީ 21 ޕޮއިންޓެވެ.