ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާ ޝިޕްމަންޓުން ބައި ލައްކަ މީހުނަށް ވެކްސިން ދެވޭނެ

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރާ ކޮވިޑް-19 އިގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓުން 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރާ އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެކްސްޓްރާޒެނެކާ ވެކްސިންގެ އެއް ލައްކަ ޑޯޒް ހިފައިގެން އައި އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ ފްލައިޓު މިހާރު ރާއްޖެ އައިސްފައިވާއިރު، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮންމެ މީހަކަށް ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭއިރު، ގާތްގަނޑަކަށް 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ ކަމަށެވެ.

"ވެކްސިން ދޭއިރު ވޭސްޓޭޖު [އިސްރާފު] ވެސް އުޅޭނެ. އެހެންވީމަ، ދެ ޑޯޒްގެ މަގުން އިންޑިއާއިން ލިބޭ ވެކްސިނުން ގާތްގަނޑަކަށް 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އިންޑިއާ އިން ހިލޭ ދޭ ވެކްސިންގެ އިތުރުންވެސް ވެކްސިން ހޯދުމަށް ކުރެވޭ އިތުރު މަސައްކަތްތަކުގެ ދަށުން، އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ގަތުމަށް އެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ހަތް ލައްކަ ޑޯޒް ހޯދޭނެކަމަށް ޑރ. ނަޒްލާ މިއަދު ވަނީ ހާމަކުރައްވައިފަ އެވެ.

އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިސްވެ ފަށާފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 ޕަސަންޓަށް ހިލޭ ވެކްސިން ލިބޭނެކަމަށްވެސް އޭނާ މިއަދު ވަނީ ހާމަކުރައްވައިފަ އެވެ.

މިއަދު ވެކްސިން ލިބުނު ނަމަވެސް، އަދި ވެކްސިން ދޭން ފެށޭނެ ތާރީހެއް ބުނަން އަދި ދަތިކަމަށާއި، އާ ވެކްސިން ޕްރޮގްރާމެއް ހިންގުމަކީ ބޮޑު މަސައްކަތަކަށްވާއިރު، އެކަމަށް މީހުން ތަމްރީނުކުރުންފަދަ ކަންކަމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ވެކްސިންގެ ރައްކާތެރިކަމާގުޅޭ ގޮތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި، ނަޒްލާ ވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާނީ އެކަމުގެ ރައްކާތެރިކަން ޔަގީންކަން ހޯދައި، ޑަބްލިޔުއެޗްއޯގެ ހުއްދަތަކާއެކު ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ރާއްޖެއަށް ހަދިޔާ ކުރާ ވެކްސިން އިންޑިއާއިން ތައްޔާރު ކޮށްފައި ވަނީ ކޮވިޑް-19 ބައްޔަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން، އޮކްސްފޯޑް - އެސްޓްރާޒެނެކާ ވެކްސިނާ ގުޅިގެން ތައްޔާރުކުރި ދިރާސާގެ އަލީގަ އެވެ.

އަހަރަކު 1.5 ބިލިއަން ވެކްސިން ޑޯޒް އުފެއްދުމުގެ ގާބިލުކަން ހުރި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއަކީ ދުނިޔޭގެ އެންމެ ގިނައިން ވެކްސިން އުފައްދާ ފަރާތެވެ. މިގޮތުން، ދުނިޔޭގެ 170 ގައުމެއްގައި ދިރިއުޅޭ ކުދިންގެ ތެރެއިން 65 ޕަސަންޓަށް ދޭ ވެކްސިން އުފައްދާފައި ވަނީ ސީރަމް އިންސްޓިޓިއުޓުންނެވެ

ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށާއި އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ.