ހަބަރު

މުލިއާގެއިން ފެނުނު ރާފުޅިތަކުގެ ތަފްސީލަށް އެދެފި

Jan 12, 2015
2

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު، ފެބުރުއަރީ ހަތް ވަނަ ދުވަހު އެމަނިކުފާނު ދިރިއުޅުއްވި މުލިއާގެއިން ފެނުނު ރާފުޅިތަކުގެ މައުލޫމާތު ހާމަކޮށް ދިނުމަށް އެދި އާންމު ފަރާތަކުން ފުލުހުންނާއި ސިފައިންނަށް ސިޓީ ފޮނުވައިފި އެވެ.

މުހައްމަދު އަލީ ކިޔާ މީހަކު ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމަށް މިއަދު ފޮނުއްވި ސިޓީގައި އެދިފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ފެބުރުއަރީ 7، 2012 ގައި ކުރީގެ ރައީސް ނަޝީދު ދިރިއުޅުއްވި ގެކޮޅު، މުލިއާގެއިން ފެނުނު ރާފުޅިތަކުގެ ތަފްސީލީ މައުލޫމާތު ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށެވެ.

އެ ސިޓީ ލީ ފަރާތުން "އަވަސް" އަށް މިއަދު ބުނި ގޮތުގައި އެ ރާފުޅިތަކާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ އޮފީހުން ވެސް މައުލޫމާތު އާންމުކޮށް ދިނުމަށް އެދި ސިޓީ ފޮނުވި އެވެ. ނަމަވެސް އެ އޮފީހުން ވަނީ އެ ސިޓީ ބަލައި ނުގަންނަ ކަމަށް ބުނެ އަނބުރާ ފޮނުވާލާފައި ކަމަށް ވެސް އޭނާ ބުންޏެވެ. އެ ސިޓީތަކުގެ ކޮޕީއެއް އަވަސްއާ ވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ.

އެ ސިޓީއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކުގެ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހާމަ ކުރެވޭނެ މައުލޫމާތުތަކެއް ނޫން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެ ސިޓީއާ ގުޅޭ ގޮތުން އެމްއެންޑީއެފާއި ރައީސް ނަޝީދުގެ އޮފީހުގެ ފަރާތުން މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.