ބޭރު ކުޅިވަރު

މޮޅަށް ކުޅުނީ ޔުނައިޓެޑް، ސިޓީ އެއްވަނަ އަށް

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް 0-0އިން އެއްވަރުވި މެޗަށް ފަހު ސިޓީ އެއްވަނަ އަށް ޖެހިލައިފި އެވެ.

22 ޕޮއިންޓާއެކު ސިޓީ އެއްވަނާގައިވަނީ އާސެނަލް އަށްވުރެ ފައިދާ ގޯޅުގެ އިތުރުވުމުންނެވެ. 20 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތިން ވަނާގަ އެވެ.

ރޭގެ މެޗަކީ ޕްރެމިއާ ލީގުގައި މި ދެ ޓީމުގެ މެޗެއް ލަނޑެއް ނުޖެހި ނިމުނު ތިން ފަހަރެވެ. ނަމަވެސް މެޗަށް ފަހު ދެ ކޯޗުންގެ ބަސްމަގު ހުރީ މޮޅީ އޭނާގެ ޓީމު ކަމަށް ބުނާހެންނެވެ.

"އަހަރުމެން އަނެއްކާ ވެސް ޓޭބަލުގެ އެއްވަނަ އަށް މިއައީ. މިއީ ވަރަށް ޓެކްޓިކަލް މެޗެއް. އަހަރެން ބޭނުންވި އެހެން ގޮތަކަށް ކުޅެން. އަހަރުމެން ވަރަށް ރަނގަޅަށް ޑިފެންސް ކުރިން. ފަހަރެއްގައި ސަޕޯޓަރުންނަށް މިއީ މާ ހިތްގައިމު މެޗަކަށްނުވެދާނެ. މިއީ ވަރަށް އުފެދުންތެރި ދެ ޓީމު. އެކަމަކު އަހަރުމެންނަށް މިއަދު އެކަމެއްނުވި،" މެޗަށް ފަހު ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ބުނީ މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ އޭނާގެ ޓީމު ކަމަށެވެ.

"އަހަރެން ޝަކުވާ ކުރަނީކީއެއްނޫން. މެންޗެސްޓާ ސިޓީ ފަދަ ޓީމަކާ ދެކޮޅަށް އެވަރަށް ކުޅެފައި މެޗުން މޮޅުވާންޖެހޭނެ. އެކަމަކު އަހަރުމެންނަށް އެކަމެއްނުވި" ވެންހާލް ބުންޏެވެ.

ޔުނައިޓެޑް ލިބެންޖެހޭ ޕެނަލްޓީއެއް ނުދިން މައްސަލާގައި ވެސް އޭނާ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

"އަހަރުމެންނަށް ޕެނަލްޓީއެއްވެސް ލިބެންޖެހޭ. އެކަމަކު ގޮތެއް ނިންމަން ރެފްރީ އަށް ލިބެނީ ސިކުންތެއް. އަހަރެން އަބަދުވެސް ބުނަން ޒަމާނީ ޓެކްނޮލޮޖީ ބޭނުންވެއޭ. އެކަމަކު އެކަމަށް ވެސް ގޮވާލާ ހަމައެކަނި މީހަކީ އަހަރެން،" ކޯޗު ބުންޏެވެ.