ކުޅިވަރު

ނާދުއަށް ތައުރީފު، ސަސްގެ މަގާމަކީ ޗެލެންޖެއް: މޯހަން

ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއެކު ކުރީގެ ކޯޗް އަހްމަދު ނާޝިދު (ނާދު) ކޮށްފައިވާ މަސައްކަތަށް ތައުރީފު ކުރަމުން، ސަސްގައި އޭނާއަށް އޮތް ޗެލެންޖުވެސް ބޮޑުކަން އެ ކުލަބުގެ އާ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ފާހަގަ ކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް އީގަލްސްގެ ކޯޗް ކަމުގައި ހުރި، މޯހަން، ސަސްގެ ކޯޗް ކަމާ ހަވާލުވީ އަންގާރަ ދުވަހު އެވެ. ސަސް އާއެކު މޯހަންގެ ފުރަތަމަ މެޗަށް މިއަދު އެ ޓީމުން ވެލެންސިއާ އާ ދެކޮޅަށް ނުކުންނާނެ އެވެ.

ކުރީގެ ކޯޗް ނާދު އާއެކު ހަދާފައިވާ ކޮންޓްރެކްޓް އެ ކުލަބުން އޮވާލީ ދެ ފަރާތް އެއްބަސްވެގެން ކަމަށް ސަސް އިން ބުނެ އެވެ. އެހެންނަމަވެސް އަމިއްލައަށް ކުލަބުން ވަކި ނުވާނެ ކަމަށް ބުނި ނާދު ވަނީ ފަހުން މީޑިއާގައި އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދާފަ އެވެ. ސަސްގައި ނާދު ކޮށްފައިވާ މަސައްކަތައް ތައުރީފު ކުރަމުން މޯހަން ބުނީ، ނަތީޖާތަކަށް ބަލާއިރު ރަނގަޅު މަސައްކަތެއް ނާދު ކޮށްފައިވާ ކަމަށެވެ.

"ނަތީޖާތައް ރަނގަޅޭ ދަންނަވަން ޖެހޭނީ. ސަސް އާއެކު ރަނގަޅު ނަތީޖާތަކެއް ކުރީގެ ކޯޗް ނާދު ހޯދާފައި މިއިނީ," މޯހަަން ވާހަކަ ދެއްކި އެވެ. "ނަތީޖާއަށް ބަލާއިރު ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައި މިއިނީ."

ނާދުގެ ކޮންޓްރެކްޓް އުވާލުން ޓީމުން ކުރިއަށް ގެންގޮސްފައިވާ މަރުހަލާ އާ މެދު ދެކެނީ ކޮން ގޮތަކަށްތޯ ސުވާލު ކުރުމުން މޯހަން ބުނީ އެކަމާ ބެހޭގޮތުން އޭނާ އަށް އެއްޗެއް ބުނެވެން ނެތް ކަމަށާއި ނާދު ވަކިގެން ދިއުމާއި އެކަމަށް މެދުވެރި ސަބަބުތައް އެނގޭނީ މެނޭޖުމެންޓަށް ކަމަށެވެ. އޭނަ ބުނީ ޓީމުތަކުގެ ކޯޗުންނާއި ކުޅުންތެރިންނަށް އޮންނަނީ އެއް އުސޫލެއް ކަމަށެވެ.

"ފުޓްބޯޅައިގައި މިއޮންނަނީ ކޯޗުންނެކޭ ކުޅުންތެރިންނެކޭ އެއް އުސޫލެއް," މޯހަން ވާހަކަ ކުރިއަށް ގެންދިޔަ އެވެ. ވަކިވާން ޖެހުމާ ވަކި ކުރުމާ އެހެން ރަނގަޅު ހުށަހެޅުމެއް ލިބިއްޖެއްޔާ އެދިމާލަކަށް ދިއުމާ އެކަހަލަ ކަންކަން ދެއްތޯ އޮންނާނީ. އަޅުގަނޑަށް ހީވަނީ އެއީ އެންމެންވެސް އިހްތިރާމާ އެކީ ބަލައިގަންނަން ޖެހޭ ކަންތައްތައް ހެން."

މޯހަން ބުނީ ސީޒަން ފެށުމުގެ ކުރިން ވެސް ސަސް އިން އޭނައަށް ހުށަހެޅި ކަމަށާއި އަދި އެހެން ކުލަބުތަކުންވެސް ހުށަހެޅުންތައް އަބަދުވެސް އަންނަ ކަމަށެވެ. ކުލަބުތަކުން އޭނަ އަށް ކުރާ އިތުބާރާ މެދު ހިތްހަމަޖެހި އުފާވާ ކަމަށް މޯހަން ބުންޏެވެ.

އޭނާގެ ކުރީގެ ޓީމު އީގަލްސްގައި ދެ އހަރާއި ބައިގެ މުއްދަތުގައި ރާއްޖޭގެ އެންމެ ޓޮޕް ޓީމުގެ ތެރެއަށް އީގަލްސް ގެންދެވި ކުރެވުނު މަސައްކަތާ މެދު ހިތްހަމަ ޖެހެ އެވެ. އަދި މި ސީޒަންގައި އެ ޓީމަށް ކުރިމަތިވި ދަށް ނަތީޖާތަކުގެ ޒިންމާ އޭނާ ނަގާ ކަމަށް މޯހަން ބުންޏެވެ.

"އަދިވެސް އަޅުގަނޑު ގަބޫލު ކުރާ ހިތްވަނީ ކުޅުންތެރިންނަށް ބަލާއިރު އީގަލްސް އަކީ ލީގްގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު. އަޅުގަނޑު ގަބޫލު ކުރާ ހިތްއޮތީ އީގަލްސްގައި އަޅުގަނޑަށް ކުރެވުނު މަސައްކަތް ހުރިހާ އެންމެންވެސް ބަލައިގަންނާނެ ކަމަށް. ލީގަށް ޗެލެންޖު ކުރެވޭ ވަރުގެ ޓީމަކަށް އީގަލްސް ބަދަލު ކުރެވުނު ކަމަށް. ރާއްޖޭގެ އެންމެ ޓޮޕްގައި ފައިޓް ކުރާނެ ޓީމަކަށް އީގަލްސް ބަދަލު ކުރެވުނު ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ."

މޯހަން، ސަސް އާއެކު ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އޭނާ ބުނީ އޭނަ އާއި ހަވާލު ވެފައި ވަނީ ދިގު މުއްދަތުގެ ޗެލެންޖެެއް ކަމަށެވެ. އަދި މި ސީޒަންގައި ލީގްގެ ގަދަ ހައެއްގެ ތެރޭގައި ހިމެނުމަށް ނަތީޖާ ނެރުމާއެކު ރީތީ ފުޓްބޯޅައެއް ކުޅުވުންވެސް އެ ކުލަބުން އޭނާ އާ ޓާގެޓެއްގެ ގޮތުގަައި ހަވާލު ވެފައިވާ ކަމަށެވެ. އީގަލްސްގައި ކުރެވުނު މަސައްކަތާ އެކު، އަނެއްކާވެސް އޭނާ ކުރިމަތިލަން ޖެހިފައިވަ ސަސްގެ ޗެލެންޖަކީ އޭނަގެ ކޯޗިން ކެރިއަރުގައިވެސް ނަގާ ތަފާތު ޗެލެންޖެއްގެ ގޮތުގައި މޯހަން ސިފަ ކުރި އެވެ.

"އެކަމަށް ބަލާއިރު އަނެއްކާވެސް މިއޮތީ އާ ޗެލެންޖެއް އަޅުގަނޑު ދައްކައި ދޭން ޖެހޭނީ މި ޓީމަށް [ސަސް އަށް] ވެސް އެ ބަދަލު އަޅުގަނޑަށް ގެނެސް ދެވޭނެކަން," އީގަލްސްގައި އޭނާ ކުރި މަސައްކަތްތަކަށް ރިޔާޔަތް ކޮށް ސަސްގެ ޗެލެންޖު މޯހަން ސިފަ ކުރާގޮތް އޭނާ ކިޔައި ދިނެވެ.

"ސާބިތު ކޮށްދޭން ޖެހޭނީ އެވަރުގެ ގާބިލުކަން އަޅުގަނޑުގެ ގައިގައި އެބަހުރިކަން. އެހެންވީމަ އެއީ ވަރަށް ވަރަށް ބޮޑު ޗެލެންޖެއް. ހަމައެކަނި ދަނޑުމަތީގައި އެ ކުރާ ދެގަޑިއިރުގެ ޕްރެކްޓިސް އެކަންޏެއް ނޫން. އޭގެ އިތުރަށް އަޅުގަނޑު އެކަމަށް ތައްޔާރުވުން ކޮންމެ ކުޅުންތެރިޔަކަށް ވިސްނައިގެން ކޮންމެ ކުޅުންތެރިޔެއް ޑިވްލަޕް ކުރުމަށް ކުރެވޭ ތައްޔާރީތައް. ކޮންމެ ދުވަހަކަށް ހަމަ އިމްޕރޫވްމަންޓް ގެނެވޭތޯ ބެލުން އަޅުގަނޑަށް އިންނާނީ. އެގޮތަށް ބަލާއިރު އަޅުގަނޑުގެ ކޯޗިން ކެރިއާގައި ވަރަށް ބޮޑު ޗެލެންޖެއް."

"މި ސީޒަން ނިމޭ ހިސާބަށް ދާއިރު އެކަން އަޅުގަނޑަށް ކޮންމެވެސް ވަރަކަށް ދެއްކެން ޖެހޭނެ އެބަދަލު އަންނަކަން. ދެން ދެ އަހަރުވާއިރު އޭތި ރަނގަޅަށް ފެންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ތިން އަހަރުވާއިރު ލީގަށް ނުވަތަ ތައްޓަށް ވާދަ ކުރެވޭ ވަރު ޓީމަކަށް ސަސް ހެދެން ޖެހޭނެ. އެ އުންމީދާ އެކީގައި މިއީ ވަރަށް ބޮޑު ޗެލެންޖެއް."

މިއަދު ސަސް އާ ދެކޮޅަށް ނުކުންނަ ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް މެޗުގައި ކުޅވިދާނެ ކަމާމެދު އަނިޔާގެ ސަބަބުން ސުވާލު އުފެދިފައިވަ ކަމަށް ވެލެންސިއާގެ ކޯޗް މުހައްމަދު އާތިފް ބުންޏެވެ. ވެލެންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި، ގުރަންޑޭ އަތުން ބަލިވެފައި ވުމުން، މިއަދުގެ މެޗަށް ނުކުންނައިރު އެ ހާ؛ލަތުން އަރައިގަންނަށް ސައިކޮލިޖީ ގޮތުން ކުޅުންތެރިން ތައްޔާރު ވެތިބީ ކިހާވަރަކަށްކަން އެނގިގެން ދާނެ ކަމަށް އޭނާ ބުންޏެވެ.