ދުނިޔެ

ޖެކް މާ މިހިރަ އުޅުއްވަނީ، ހާލު ރަނގަޅު

ޖެކް މާ ނުފެންނަތާ ގިނަ ދުވަސްވެ، މިދިއަ އަހަރު ނޮވެމްބަރުން ފެށިގެން ހޯދިހާ ބަޔަކަށް ގޫގުލުން ބުނީ "ޖެކް މާ ގެއްލިއްޖެ" ކަމަށެވެ. އެހެން ނަމަވެސް، މިހާރު ބުނަނީ ފެނިއްޖެ ކަމަށާއި ހެޔޮ ހާލުގައި އެބަ ހުންނެވި ކަމަށެވެ.

ޖެކް މާ ބުދަ ދުވަހު އާންމުނަށް ފެނިފައި ވަނީ، ވީޑިއޯ މެދުވެރިކޮށް ޓީޗަރުންގެ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަނިކޮށެވެ. އެއީ ބުނެވޭ ގޮތުގައި އޭނާ އެހީތެރި ވެދެއްވާ ސްކޫލެއްގައި ހިނގައިދިއަ، ޓީޗަރުންނަށް އިނާމު ދިނުމުގެ ހަފުލާ އެކެވެ.

ޖެކް މާ އޮންލައިން ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް މުދައްރިސުންނާ ބައްދަލުކުރައްވަނީ

"ކޮވިޑާހެދި އަޅުގަނޑުމެންނަށް މިއޮތީ ތިޔަ ބޭފުޅުންނާ ބައްދަލު ކުރަން ސަނިޔާއަށް ނުދެވިފައި،" ބައްދަލުވުމުގައި ޖެކް މާ ވިދާޅުވި އެވެ.
ޖެކް މާ ފައުންޑޭޝަނުން އަންނަނީ 2015 އިން ފެށިގެން ސަނިޔާ ސިޓިގައި އިވެންޓްތައް ބާއްވަމުންނެވެ.

އޮންލައިން ބައްދަލުވުމުގައި ބައިވެރިވި 100 އަށް ވުރެ ގިނަ ޓީޗަރުންނާ މުޚާތަބު ކުރައްވައި ޖެކް މާ ވިދާޅުވީ ވައުދު ދަމަހައްޓަވާނެ ކަމަށާއި މުދައްރިސުންނަށް ކުރައްވާ އިހްތިރާމަށް ފަނޑު ކަމެއް ނާންނާނެ ކަމަށެވެ. އޭނާ ވަނީ ޗައިނާގެ ރަށްފުށުގައި މަސައްކަތް ކުރައްވާ 2.9 މިލިއަން ޓީޗަރުންނަށް ޝުކުރު ދަންނަވާފަ އެވެ.

މިދިއަ އަހަރު ނޮވެމްބަރުން ފެށިގެން ޖެކް މާގެ ހިލަމެއް ނުވެ އެވެ. މިކަމެއް ދިމާވެފައި ވަނީ ޗައިނާގެ މާލީ އިދާރާތައް ހިންގާ ގޮތާ ރުހިވަޑައި ނުގެން ދެތިން އެއްޗެއް ޖެކް މާ ވިދާޅުވި ފަހުންނެވެ. އޭނާ ވިދާޅުވީ ބޭންކްތަކުން ކުރާ ކަމަކީ ރަހުނު ބެހެއްޓުން ކަމަށާއި ބޯދާ ވިސްނުން ދޫކޮށްލައި ތަރައްގީވާން މަސައްކަތް ނުކުރާ ކަމަށެވެ.