ރައީސް އިއްޔެ ގައުމާ މުހާތަބު ކުރައްވަމުން ޒުވާން ގްރޫޕްތަކަށް ފައިސާ ދިނުން ކަމަށް ވިދާޅުވީ ޒުވާނުންގެ ޖަމްއިއްޔާ އަދި ޖަމާއަތްތަކުން ރާވައި ހިންގާ އެކި އިޖްތިމާއީ އަދި ކުޅިވަރު ހަރަކާތްތަކަށް ފައިސާ ދީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މާނައިގައި ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
ގްރޫޕްތަކަށް ނައިބު ރައީސް ދެއްވި އެހީތަކަށް ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވާތީ މުއާޒު ވިދާޅުވީ ރައީސްގެ އެ ވާހަކަފުޅު މުޅިން ނުބައިކޮށް ތަރުޖަމާކޮށްގެން ދައްކާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު ބަޔަކީ ޒުވާނުން ބާރުވެރި ކުރުވުން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އަދި ރައީސް އިއްޔެ ފާހަގަ ކުރެއްވީ، ޒުވާނުންގެ ޖަމްއިއްޔާ ޖަމާއަތްތަކުން ހިންގާ ކުޅިވަރު ހަރަކާތްތަކާއި އެހެން ވެސް އިޖްތިމާއީ ހަރަކާތްތަކަށް ފައިސާގެ އެހީތެރިކަމާއި އެހެން ވެސް ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ވާހަކަ ކަމަށް މުއާޒު ވިދާޅުވި އެވެ.
"ރައީސް އިޝާރާތް ކުރައްވާފައި ވަނީ ޒުވާނުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާ ޖަމާއަތްތަކަށް. ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރެއްވުމަކީ ރައީސްގެ ސިޔާސަތުގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތްޕުޅު،" ތަރުޖަމާން ވިދާޅުވި އެވެ.
ރައީސް އިއްޔެ ވިދާޅުވީ ނައިބު ރައީސް ނެތް ނަމަވެސް ޒުވާން ގްރޫޕްތަކަށް ފައިސާގެ ކަންކަން ހަމަޖައްސައިދޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ. އަދި ވަކި މީހަކު ނެތިގެން ޒުވާނުންގެ ކަންކަން ކުރިއަށް ނުގޮސް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މީގެ ފަހުން ހުރިހާ ކަމެއް ދެން ބަލަހައްޓަވާނީ ސީދާ ރައީސް ކަމަށާއި އެހެން ކަމުން ޒުވާނުންގެ ކަންކަމާއި ގައުމުގެ ތަރައްގީގެ ކަންކަން މާ ބާރަށް ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.