ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގެ ކޭމްޕަސްގައި އަލިފާނުގެ ހާދިސާއެއް

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް ކޭމްޕަސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. ފަޔާ ބްރިގޭޑް އޮފިޝަލަކު އިންޑިއަން އެކްސްޕްރެސްއަށް ބުނި ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މަންޖާރީ ކޭމްޕަސްގެ ފަސްވަނަ ބުރިގަ އެވެ. އަދި އެއީ ކޮވިޝީލްޑް ވެކްސިން އުފެއްދުމާ ސީދާ ގުޅުމެއް ނެތް ބިލްޑިންއެއް ކަމަށް އޭނާ ބުންޏެވެ.

ކޮވިޑަށް ވެކްސިންއުފެއްދުމުގައި މުޅީ ދުނިޔެހެން ބަރޯސާކުރާ ކުންފުންޏަކީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓެވެ. އޮކްފޯޑް / އެސްޓްރަޒެނެކާއިން އީޖާދުކުރި ކޮވިޝީލްޑް ވެކްސިން އުފައްދަނީ މި އިންސްޓިޓިއުޓުންނެވެ.

އިންޑިއަން އެކްސްޕްރެސްއަށް މައުލޫމާތުދިން ފަޔާ ބްރިގޭޑް އޮފިޝަލް ވިދާޅުވީ އަލިފާންގަނޑު ބޮޑުވުމުގެ ކުރިން އިމާރާތުން މީހުން ނެރެވުނު ކަމަށާއި އެހެން ނަމަވެސް ހަތަރު މީހުން އެތޭރޭގައި ތާށިވި ކަމަށެވެ. އޭގެ ތެރެއިން ވެސް ތިން މީހުން ސަލާމަތްކޮށް ހަތަރުވަނަ މީހާ ސަލާމަތްކުރުމަށް އަލިފާން ނިއްވާ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެނާ ވަނީ ބުނެފަ އެވެ.

ޕޫނޭ ސިޓީ ފަޔާ ބްރިގޭޑް ޗީފް ފަޔާ އޮފިސަރު، ޕްރަޝަންތު ރަންޕިސް ވިދާޅުވީ އެންމެ މުހިމު ކަމަކީ އަލިފާން ފެތުރުނަނުދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ދުންބޯކަމުން ތަންދޮރު ވަކިކުރަން ވެސް ނޭނގޭ ކަމަށެވެ. އަލިފާން ނިއްވާ ޓީމަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ އެއީ ކަމަށެވެ.

ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާގެ ސީއީއޯ އަދަރު ޕޫނަވައްލާ ވިދާޅުވީ ބޮޑު ގެއްލުމެއް ނުވާ ކަމަށެވެ. މިހާދިސާއާ ކޮވިޝީލްޑް ވެކްސިން އުފައްދާ ޕްލާންޓާ ސީދާ ގުޅިފައި ނެތުމަކީ ބޮޑު ހިތްހަމަޖެހުމެވެ. އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް، ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތުން، ހިލޭ ފޯރުކޮށްދޭ ވެކްސިން އުފައްދަނީ ސީރަމް އިންސްޓިޓިއުޓްގަ އެވެ. މިއިންސްޓިޓިއުޓަށް އެއްވެސް މާނައެއްގައި ގެއްލުމެއް ލިބުމަކީ ދުނިޔެ އަށް ވެސް ބޮޑު ހިތާމައަކަށް ވާނެ އެވެ.