ދިވެހި ޕްރެމިއާ ލީގް

ސަސްއާ ދެކޮޅަށް ވެލެންސިއާއަށް ނަތީޖާ ނުނެރެވުނު

ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ދެކޮޅަށް، ލިބުނު ފުރުސަތުތަކުގެ ބޭނުން ވެލެންސިއާގެ ފޯވަޑްލައިނަށް ނުކުރެވި ލަނޑެއް ނުޖެހި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

މެޗުގައި ލަނޑު ޖަހާނެ އެންމެ އޯޕަން ފުރުސަތުތައްވެސް ވެސް ލިބުނީ ވެލެންސިއާ އަށެވެ. ހާއްސަކޮށް ދެ ވަނަ ހާފުގެ ފަހު ކޮޅުގައި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބުނު ފުރުސަތުތައް ފާހަގަ ކުރަން ޖެހެ އެވެ. ސަސްގެ އޭރިއާގެ ތެރެއިން އަޝްފާގްއަށް ދެ ފަހަރެއްގެ މަތިން ހުސްކޮށް ފުރުސަތު ލިބުނެވެ. ސަސްގެ އޭރިއާގެ ތެރޭގައި އޭނާއަށް ހުރަސް އަޅަން ސަސްގެ ކީޕަރު މިރުޒޯހިދު އެކަނި ހުރި އިރުވެސް އަޝްފާގްއަށް އެ ފުރުސަތު ބޭނުމެއް ނުކުރެވުނެވެ. ދެ ފަހަރުވެސް އަޝްފާގް މަސައްކަތް ކުރީ ކީޕަރު މިރުޒޯހިދު ކައިރިން ނައްޓާލާފައި ބޯޅަ ޖަހާށެވެ. ނަމަވެސް އޭނާ ބޯޅައިގެ ކޮންޓްރޯލް ގެއްލުނީ އެވެ.

ދެ ވަނަ ހާފުގައި، ވެލެންސިއާގެ ޓީމުން ލަނޑު ޖަހާނެ ރަނުގެ އެހެން ފުރުސަތެއް ލިބުނީ، އަލީ ފާސިރު (ސެންޓޭ) އަށެވެ. ސަސްގެ އޭރިއާގެ ބޭރުން ވެލެންސިއާ ލިބުނު ހިލޭ ޖެހުން ސެންޓޭ ފޮނުވާލުމުން ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ފުރަތަމަ ބުރުގެ އެންމެ ފަހު މެޗަށް ވެލެންސިއާ އިން ގެނައި އެންމެ ފާހަގަ ކުރެވޭ ބަދަލަކީ، ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އަށް ފުރަތަމަ ފަހަރަށް ސީޒަންގެ މެޗަކުން ފުރުސަތު ދިނުމެވެ. ކުރިން ކުޅުނު ހަ މެޗުގައި ގޯލް ބެލެހެއްޓި މުހައްމަދު ޝަފީއު (ޗެކް) ހުރީ ބަދަލު ކީޕަރެއްގެ ގޮތުގައި ބެންޗުގަ އެވެ.

މެޗުގައި ފައިސަލް ޓެސްޓް ކޮށްލެވޭ ވަރުގެ ނުރައްކާ ކޮށް ދިޔައީ އެންމެ ބޯޅައެކެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގަ އެވެ. އާދަމް އިޝާމް (ސަން) ވެލެންސިއާގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ސަސްގެ ވިކްޓާ ރޮޑްރިގޭޒް މުނޯޒް ބޮލުން ފޮނުވާލި ބޯޅަ ފައިސަލް ވަނީ އަތުން ޖަހައި ބޯޅަ ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ. އޭގެ ކުރިންވެސް ވިކްޓާއަށް ވެލެންސިއާގެ މުހައްމަދު ތިލްމީޒް ނަގައިދިން ބޯޅައިގައިވެސް، ވިކްޓާ ބޮލުން ފޮނުވާލި ބޯޅަ ނުރައްކާކޮށް ދިޔަ އެވެ. އެހެންނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިއާ އިންޗިއެއް ހައި މަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ވެލެންސިއާ އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ، އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އަށެވެ. ސަސްގެ އޭރިއާގެ އަރިމަތިން އަރައި އޭނާ އާ ކައިރީގެ ގޯލްގެ ކަނަށް އަމާޒު ކޮށް ފނުވާލި ބޯޅަ ސަސްގެ ކީޕަރު މިރުޒޯހިދު ދިފާއު ކުރި އެވެ.

މެޗު އެއްވަރުވެ ލިބުނު ޕޮއިންޓާއެކު ސަސް ވަނީ، ތާވަލުގެ ހަތަރު ވަނަ މަގާމަށް ޖެހިލާފަ އެވެ.