މާރިޔާ އަހުމަދު ދީދީ

ސިފައިންގެ ބޯހިޔާވަހިކަމަށް އިތުރު ފުރުސަތުތަކެއް

ދިވެހި ސިފައިންނަށް ބޯހިޔާވަހިކަން ހޯދާ ދިނުމަށް އިތުުރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ 
ބަންޑާރަކޮށީގައި ބޭއްވި ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓަރު ގެންދަވަނީ ސިފައިންނަށް ބޯހިޔާވަހިކަން ހޯދައިދީ އިތުުރު ފުރުސަތުތައް ފަހިކޮށް ދިނުމަށާއި ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އިތުރު ފުރުސަތުތައް ފަހިކޮށް ދެއްވަމުންނެވެ. އަދި މީގެ 8 އަހަރު ކުރިން ފެށިފައިވާ ސިފައިންގެ ފްލެޓްތައް ނިންމުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގެ ވެލްފެއާ ކަންކަމާއި، އެހެނިހެން ކަންކަން ފަހިކޮށް ދިނުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުންދާ ކަމަށެވެ. އެ ގޮތުން ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ 300 ފުލެޓްގެ ހިޔާ މަޝްރޫއުގެ ފޯމްތައް ލިބި ފޯމްތަކަށް ވަރަށް ޓްރާންސްޕޭރަންޓް ގޮތުގައި މާކްސް ދެވި، އެ މާކްސްތައް ވެސް ފެންނާނެ ގޮތަށް ކޮމެޓީން ބައްލަވައި، ކަންކަން މަގުފަހި ކޮށްދެއްވަމުންދާ ކަމަށެވެ.

އަދި، ސިފައިން ހިދުމަތުގައި ހޭދަކުރާ މުއްދަތުގައި އާއިލާތަކާ އެކު ދިރިއުޅެވޭނެ ކެންޓަންމަންޓް އެޅުމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވެ އަވަސް ފުރުސަތެއްގައި އެކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި، ކޮވިޑް-19 އާ ގުޅިގެން ސިފައިންނަށް ލިބޭ އެލެވެންސާ ގުޅޭ ގޮތުން ލަފާދޭ މަޖިލީހުގައި މަޝްވަރާކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެންލިސްޓެޑް ސިފައިން ތައުރީފު

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެންމެ މަތީ ފަންތިން ނިންމާ ހުރިހާ ނިންމުންތަކެއް ތަންފީޒުކޮށް ހަގީގަތަކަށް ހަދައިދޭ ބަޔަކީ އެންލިސްޓެޑް ކޯގައި ހަރަކާތްތެރިވާ ހީވާގި އަދި މުރާލި ސިފައިން ކަމަށް ވިދާޅުވެ އެންސީއޯ ރޭންކުގެ ސިފައިންނަށް މިނިސްޓަރު މާރިއާ އަހްމަދު ދީދީ ވަނީ ތައުރީފު ކުރައްވާފައެވެ.

"ރަށެއްގައި ފެންބޮޑު ވިޔަސް، ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި ވެސް، އަދި އަލިފާނުގެ ހާދިސާއެއް ދިމާވި ކަމުގައި ވިޔަސް އޮފިސަރުންނާއެކު އެންމެ މުހިންމު މަސައްކަތްތަކެއް ކުރާ ބަޔަކީ އެންލިސްޓެޑް ސިފައިން،" ސިފައިންގެ މަސައްކަތަށް ތައުރީފު ކުރައްވާ މިނިސްޓަރު ވިދާޅުވިއެވެ.