ލައިފްސްޓައިލް

ކަންނެތް ނޫންނަމަ މި ލިޔުން ކިޔާލެވިދާނެތަ؟

ބައެއް މީހުންނަކީ ހެނދުނު ހައެއް ޖަހާއިރަށް ހޭލަން ފޯނުގެ އެލާމް ސެޓްކޮށްގެން ނުވަތަ ސޯނާ ގަޑިއެއް ކަންފަތް ބުޑުގައި ތަތްކޮށްގެން ނިދަން އަރާ މީހުންނެވެ. އެކަމަކު އެވަރުން ވެސް ގަޑިއަށް ހޭނުލެވޭ މީހުން ވަރަށް ގިނަ އެވެ. ފޯނުން އެލާމް އަޅައިގަތީމަ ނިއްވާލާފައި ނުވަތަ އަލުން އޭގެ އެލާމް އެއް ގަޑިއިރަށް ފަސްކޮށްފައި އަލުން ނިދިބޮޅަށް ވެއްޓިގަންނަ މީހުން ވެސް ވަރަށް ގިނަ އެވެ.

ނިދިން ހޭލައިގެން މަސައްކަތަށް ނުކުތުމުގެ މައްސަލަ އެކަންޏެއް ނޫނެވެ. ކުރަން ބުނާ ކަމެއް ނުކުރެވި އެ މަސައްކަތެއް ނުނިމި ދިގުލައިގެން ގޮސްފައި ވަނީ ވެސް ކިތައް މީހުންގެ ތޯ އެވެ؟

ނުވަތަ ގައިގައި ޖަހައިފައި ހުރި ސަރުބީ އަންދަން ޖިމަށް ދާން ކިޔާލަ ކިޔާލަ ހުއްޓައި ބަރުދަން މަތިވެ ގުޑާނުލެވިފައި ތިބީ ކިތައް މީހުންތޯ އެވެ؟

އެހެންވީމަ މި ކަންނެތްކަމަކުން އަރައިގަތުމަށް މި އާޓިކަލްގެ ދެން އޮތް ބައި ވިދާޅުވާށެވެ.

ޓު ޑޫ ލިސްޓެއް ހަދާނެ ކަމެއް ނެތް!

ތަޖުރިބާކާރުން ބުނަނީ މިހެންނެވެ. ތިމަންނަ މިއަދު މިވެނި ކަމެއް ކުރާނަމޭ ނުވަތަ މި ހަފުތާގައި އެވެނި ކަމެއް ކުރާނަމޭ ކިޔައިގެން ދިގު ލިސްޓެއް ތައްޔާރުކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެއަށް ވުރެ މުހިންމީ އެ ކަމެއް ކުރާނެ ގޮތުގެ ޕްލޭނެއް ހަދައިގެން ޓައިމް-ފްރޭމަކަށް އެއެއް ފައްތައިގެން އެ އަށް މަސައްކަތްކުރުމެވެ. މިގޮތަށް މަސައްކަތްކުރުމަކީ ތިމާގެ އަސްލު ފެންވަރު އަމިއްލަ އަށް ވަޒަންކުރެވި ތިމާ އަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ކަނޑައަޅަން ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޕްލޭންކޮށްގެން ވަކި ގަޑިތަކެއް ވަކި މަސައްކަތްތަކަށް ކަނޑައަޅައިގެން އުޅޭ މީހެއްގެ ފަރާތުން ނަތީޖާ ފެންނާނެ ކަމަށް ގަބޫލުކުރިޔަސް މަސައްކަތެއް ނިންމާނެ ޑެޑްލައިނެއް ނެތި މަސައްކަތްކުރާ މީހާ ވެގެންދާނީ ބޮޑު ފެއިލިއާއަކަށް ކަން ވެސް ހަނދާނުގައި ބަހައްޓަން ޖެހެ އެވެ.

އެހެންވީމަ ޓް-ޑޫ-ލިސްޓެއް ބޭނުމެއް ނެތެވެ. މުހިންމީ މަސައްކަތުގެ ކަލަންޑަރެކެވެ.

މަސައްކަތް ރަސްމީ ގަޑީގައި ނިންމަން ހިފާށެވެ!

ދުވާލުގެ ހަތަރު ދަމު މަސައްކަތްކުރުމުގެ ބޭނުމެއް ނެތެވެ. އެއީ ސިއްހަތަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. އަދި ދިރިއުޅުމެއް ފަށައިގެން އުޅޭ މީހެއް ނަމަ އެމީހެއްގެ ދިރިއުޅުމަކަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަކަށް ނުވެ އެވެ.

މަސައްކަތަކީ އެ މަސައްކަތަކަށް ދޭ ވަގުތަކަށް ފެތުރިގަތުމަށް ނިކަން ކުޅަދާނަ އެއްޗެކެވެ. މިސާލަކަށް މިވެނި ކަމެއް ކުރަން 24 ގަޑިއިރު ބޭނުންވާ ކަމަށް ކަނޑައަޅައިގެން އެއަށް މަސައްކަތްކުރާ ނަމަ އެ މަސައްކަތެއް ފުރިހަމަކުރުމަށް 24 ގަޑިއިރު ބޭނުންވެދާނެ އެވެ. އެހެންވީމަ އެންމެ ބުއްދިވެރި ގޮތަކީ މަސައްކަތަށް ވަކި ގަޑިއެއް ނުވަތަ މުއްދަތެއް ކަނޑައަޅައިގެން މަސައްކަތްކުރުމެވެ.

ލިބޭ ހުސް ވަގުތުތަކުގައި ސިކުނޑި ތާޒާކޮށްލުމަށް ޕްލޭ ސްޓޭޝަން ވެސް ކުޅެވިދާނެ އެވެ.

މުޅި ހަފުތާ އަށް ކުރިއާލައި ތައްޔާރުވާށެވެ.

މިއަދުގެ މަސައްކަތަކަށް ނުވަތަ މާދަމާގެ މަސައްކަތަށް ތައްޔާރުވެގެން ހުރުމަކީ މިއަދުގެ ދުނިޔޭގައި ތަރައްގީ އާއި ކާމިޔާބީ އަށް ވާސިލުވުމަށް އިންސާނުން ޖަހާ ރޭހުން ކުރި ނުލިބިދާނެ ކަމެކެވެ. އެހެންވީމަ އެންމެ ބުއްދިވެރި ގޮތަކީ މުޅި ހަފުތާ އަށް ޕްލޭންކޮށް، މުޅި ހަފުތާ އަށް ތައްޔާރުވެލައިގެން ހުރުމެވެ.

ވަޒީފާގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ހޮބީއަކަށް ލިޔަމުންގެންދާ ފޮތް ލިޔެ ނިންމާނެ ގޮތަކާއި އާއިލާ ގޮވައިގެން ހަފުތާ ބަންދުގައި ޗުއްޓީ އަކަށް ރިސޯޓަކަށް ދާނެ ގޮތުގެ ޕްލޭން ވެސްކޮށް ނިންމައިގެން އުޅުމަކީ ފަސޭހަވާނެ ކަމެކެވެ.

ތަޖުރިބާކާރުން ބުނަނީ ހަފުތާގެ ޕްލޭންތައް ލިޔެ ފަސޭހައިން ހަނދާނަށް އަންނަ ފަދަ ގޮތަކަށް އެ ޕްލޭންތައް ގެންގުޅުމަކީ ތިމާ މީހާގެ އަހުލާގު ރަނގަޅުކޮށްދޭ ކަމެއް ކަމަށެވެ.

ހަފުތާއެއްގެ ޕްލޭންތައް މިގޮތަށް ލިޔެ އެއަށް ތައްޔާރުވުމަށް ގޮވާލީމަ ބައެއް މީހުންގެ ހިތަށް އަރައިފާނެ އެވެ. އެއީ ވަރަށް ބައިވަރު ޕްލޭނިން އެވެ. އެ ހުރިހާ ކަމެއް ކުރަން ވަގުތު ހޯދަނީ ކިހިނެތް ހެއްޔެވެ؟

މާ ގިނަ ކަންކަމެއް ކުރާނެ ކަމެއް ނެތެވެ. ކުރާ ކަންތައް އެންމެ ފުރިހަމަކުރާށެވެ.

ތަޖުރިބާކާރުން ބުނަނީ މާ ގިނަ ކަންކަމެއް ޕްލޭންކޮށްގެން އެ އަށް ހިފައިގެން ބޯގޮއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ. ވިސްނަންވީ ކަމަކީ ނުވަތަ އިސްކަން ދޭންވީ ކަންކަމަކީ ތިމާގެ ދިރިއުޅުމަށް އެންމެ މުހިންމު ނުވަތަ ދިރިއުޅުމަށް އެންމެ މުހިންމު ބަދަލުތަކެއް ގެންނަ ކަންކަމަށެވެ.

ގިނަ ކަންކަންކޮށް ގިނަ މަސައްކަތްކުރުމަކީ މީހަކު މޮޅުވާ ކަމެއް ނޫނެވެ. މީހަކު މޮޅުވަނީ އެމީހަކު ކުރާ ކަމެއް އޭގެ އެންމެ ފުރިހަމަ އަށް ކޮށްގެންނެވެ.