ރީޖަނަލް އެއާޕޯޓްސް

ރީޖަނަލް އެއާޕޯޓްސްގެ އިސް މަގާމުތަކަށް މުވައްޒަފުން ހޯދަނީ

Jan 22, 2021
6

ރީޖަނަލް އެއާޕޯޓުތައް ބަލަހައްޓަން އުފެއްދު ކުންފުނި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ސީނިޔަ މެނޭޖުމަންޓަށް މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި އެވެ.

އާރްއޭސީއެލް އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ހެޑް އޮފް ލީގަލް އާއި ޑިރެކްޓަރު އޮފް ކުއަލިޓީ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ޖެނެރަލް މެނޭޖަރުގެ އިތުރުން ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަދި ހިއުމަން ރިސޯސް ޑިރެކްޓަރުގެ މަގާމަށް މުވައްޒަފުން ހޯދާ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތައް ގިންތިކޮށްފައިވާ ކެޓަގަރީގެ ތެރެއިން "އީ" ގައި ހިމެނޭ އާރްއޭސީގެ ސީއެފްއޯގެ ބޭސިކް މުސާރައަކީ 30,000ރ. އެވެ. އަދި އެޗްއާރު ޑިރެކްޓަރަށް 20,000ރ. ލިބޭއިރު ލީގަލް ހެޑުގެ މުސާރައަކީ 15,000ރ. އެވެ. ޓެކްނޮލޮޖީ ހެޑަށް 20,000ރ. ލިބޭނެ އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މޯލްޑިވިއަންގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރިޒްވީ އެވެ. މީގެ ކުރިން މޯލްޑިވިއަންގައި ރިޒްވީ ހިމެނޭ ގޮތަށް މުސާރަތައް ބޮޑުކުރި ތުހުމަތުތައް އޮވެއެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ ރާއްޖޭގެ ހުރިހާ ރީޖަނަލް އެއާޕޯޓުތަކެއް ވިޔަފާރި އުސޫލުން ހިންގަން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ ދަށަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އަދި ލ. ކައްދޫ ނޫން އެއާޕޯޓުތައް ދާނެ ކަމަށް ބެލެވެ އެވެ.