ނޭދެމޭ ވަކިވުމެއް

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 12)

ވަގުތުކޮޅަކު ލޯގަނޑުން މޫނު ބަލައިލުމަށްފަހު، ހައުލާ މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ. އަދި ހަށިފުރާ ނޭވާއެއް ލަމުން ހައުލާ އިށީންނީ އެނދުގައެވެ. ހައުލާގެ ހަށިން ބުރަހެލި ކަމެއް ފާހަގަ ވިޔަސް، އޭނާ ހުރީ މިކަމުން ސަލާމަތް ވެވުނު ގޮތުން ވަރަށް ހިތްހަމަ ޖެހިފައެވެ. ވަގުތު ކޮޅަކު އެހެން އިނުމަށްފަހު ހައުލާ އޭނާގެ ފޯނު ނަގައި، ވައިބަރު ކޯލް ހިސްޓްރީގައި ފުރަތަމަ އިން ނަމްބަރަށް "ތޭންކްސް" ޖަހާފައި މެސެޖެއް ކޮށްލިއެވެ.

***

"ދޮންބޭ. ދެން ނުރޮއި ހުއްޓާލާ! ކޮންމެ މީހެއް ވެސް މަރުވާނެ." މިފްޒާލްގެ އަތް ބާއްވައިލައިގެން އޮތީ މިފްރާހުގެ ކޮނޑުގައެވެ. މިފްޒާލް މަސައްކަތް ކުރަމުން ދިޔައީ މިފްރާހަށް ވިސްނައި ދެވޭތޯއެވެ. ނަމަވެސް މިފްޒާލް ދައްކަމުންދާ ވާހަކަތަކުން މިފްރާހުގެ ހިތަށް އެއްވެސް ތަސައްލީއެއް ނުލިބެއެވެ. މިކަމުގެ ތެރޭގައި މިފްރާހު އެކަނި އެތައް ވޭނެއް ތަހައްމަލް ކުރި އިރުގައި ވެސް، މިފްޒާލްގެ ފަރާތުން ފެނުނު ދުރުހެލިކަން އެއީ މިފްރާހަށް ފެނުނު ތަފާތު ކަމެކެވެ. އެވާހަކަތައް މިފްރާހު ނުދެއްކިއެއް ކަމަކު، އެ ކަންތައް އޮތީ މިފްރާހުގެ ހިތުގައި އަޅައިގެންނެވެ.

"ކޮއްކޮ ދެން ދޭން ނިދާލަން!" ދެލޮލުން ކަރުނަަތައް ފުހެލައި، މިފްރާހު ހިތްވަރުކޮށްފައި ބުނެލިއެވެ. އެހެން ބުނިލެއް މިފްޒާލަށް ލަސްވި ކަހަލައެވެ. "ގުޑް ނައިޓް" އޭ ބުނެ ވަގުތުން ކޮޅަށް ތެދުވަމުން މިފްޒާލް ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ވަންނާށެވެ.

***

ލިއުޝާ ފެންވަރައި ރީތިވެގެން ގެއިން ނުކުތީ އޭނާގެ ގެއްލިގެންދާ ދިރިއުޅުން އަނބުރާ ހޯދާށެވެ. އެ ދިރިއުޅުން އާރާސްތު ކުރާށެވެ. އެފްބީ ލައިވަށް ފަހު ލިއުޝާއަށް ވަނީ އާދަޔާ ޚިލާފު ހިތްވަރެއް ލިބިފައެވެ. ގިނަ ނެގެޓިވް ކޮމެންޓު ތަކަކާއި އެކު ވެސް، ލިއުޝާއަށް ހިތްވަރު ދިން މީހުންގެ ނިސްބަތް މަދެއް ނޫނެވެ. އެމީހުންގެ ހިތްވަރުގެ ބަސްތައް ލިއުޝާ ހަމަ އިސްކޮޅަށް އޭނާގެ ފައި ހަރަކާތް ކޮށްލަން ފުރުޞަތެއް ލިބުނެވެ.

ލިއުޝާގެ މިސްރާބު ހުރީ ރަނގަޅު ލޯޔަރެއްގެ އޮފީހަށެވެ. އެއްވެސް ކުށެއް ނެތި، އޭނާގެ ފިރިމީހާ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަ ކުރާ ކޮންމެ ސިކުންތަކީ ލިއުޝާއަށް ފަސޭހަ ވަގުތެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ލިއުޝާއަށް ލިބެމުންދާ މިފްޒާލްގެ ކޯލްތަކަށް އެއްވެސް ސަމާލު ކަމެއް ނުދީ، ލިއުޝާ ގޮސް ވަނީ އޭނާ ބޭނުންވި ލޯޔަރުގެ އޮފީހަށެވެ.

***

އެތައް ފަހަރަކު ލިއުޝާއަށް ގުޅައިގެން ވެސް އެއްވެސް ކާމިޔާބީއެއް މިފްޒާލަކަށް ނުލިބުނެވެ. ލިއުޝާ ފޯނަށް ޖަވާބު ނުދޭތީ، "އައި ލަވް ޔޫ" ޖަހާފައި އެތައް މެސެޖެއް މިފްޒާލަށް ވަނީ ލިއުޝާއަށް ފޮނުވިފައެވެ. ނަމަވެސް އެއިން އެއްވެސް މެސެޖަކުން ލިއުޝާގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. މާޔޫސްވެ، ކަރު އެލުވައިލަމުން މިފްޒާލް ޑައިލް ކޮށްލީ ދެން ޒީނާއަށެވެ.

"ހަލޯ. ޒީ ކޮބާ؟" މިފްޒާލް ހުރީ އޭނާގެ ކޮޓަރީގެ މެދަށްހާ ހިސާބުގައި ކޮޅަށެވެ.

"ކޯއްޗެއް؟" ޒީނާ އަހައިލީ އުނދަގު ގޮތަކަށެވެ. ޒީނާގެ އަޑުގައި ވަނީ ބަލިކަށި ކަމެވެ. އެއްޗެއް ކެވެނީ އެއް ނޫނެވެ. ކާހިތް ވެސް ނުވަނީއެވެ. އަބަދުވެސް ބޭނުން ވަނީ އެކަނިވެރި ވާށެވެ. ވަޒީފާ މަތިން ވެސް އޭނާ ފޫހި ވެއްޖެއެވެ. އެކަމާ އޭނާގެ މަންމަ ޒުހުދާ ދެރަވެގެން އެތައް ސުވާލެއް ކޮށްފިއެވެ. ނަމަވެސް "ބަލީ" ކަމަށް ބުނެ ކޮންމެ ފަހަރަކު ވެސް ފަރުޖެއްސޭތޯ ޒީނާ މަަސައްކަތް ކުރެއެވެ.

"ލިއު ޚަބަރެއް ވިތަ؟ އަހަރެންގެ ލިއު ކޮބާ؟ ލިއު އަހަރެން ގުޅީމަ ނުނަގާ ފޯނެއް ވެސް. ލިއުގެ ޚަބަރެއް ނުވޭތަ ހަމަ؟" މިފްޒާލް ގަދަކަމުން ހީނލާފައި އެހެން އަހައިލި ކަމުގައި ވިޔަސް، އޭނާ ވެސް ހުރީ މާކަ އުފާވެފައެއް ނޫނެވެ. އޭނާގެ ކޯލްތަކަަށް ލިއުޝާ ޖަވާބު ނުދޭތީ އެކަމުގެ ކަންބޮޑުވުން މިފްޒާލްގެ އިންތިހާއަށް އޮވެއެވެ.

"ނުވޭ! އަހަރެންނަށް ކިހިނެއް ޚަބަރު ވާނީ." ޒީނާ ފޫހި ގޮތަކަށް ބުނެލިއެވެ. ޒީނާ އިނީ ވާހަކަދައްކަން ބޭނުންވާ މޫޑެއްގައެއް ނޫނެވެ.

"އަހަރެން ގުޅީމަ ލިއު ނުނަގާ ފޯނެއް ވެސް. އަހަރެން އައިލަވްޔޫ ޖަހާފަ އެތައް މެސެޖެއް ވެސް ކޮށްފިން، އެކަމު ލިއުއަށް ހީނުވޭ ކަން ނޭނގެ ކަމެއްވާހެން ވެސް.." މިފްޒާލް އެހެން ބުނުމުން ޒީނާ ވަރަށް ބައިވަރު ވާހަކަ ބުނަން ބޭނުންވިއެވެ. ނަމަވެސް ޒީނާ އަކީ މިނިވަނެއް ނޫންކަން އިޙްސާސް ވުމުން ޒީނާ އަނގަ ހުޅުވާފައިވެސް، ހިމޭން ވެލިއެވެ.

"އެއްޗެއް ބުނެބަލަ! އައިޑިއާ ދީބަލަ!" މިފްޒާލްގެ އަޑުން ސީރިއަސްކަން ޒީނާއަށް ފާހަގަވިއެވެ. އެއްޗެއް ނުބުނަން މުޅި ނަފްސު ހިމޭންވުމަށް ފަހުގައި ވެސް، ޒީނާ އަނެއްކާ ވެސް އަނގަ ހުޅުވިއެވެ. ތަކުރާރުކޮށް މިފްޒާލްގެ ސުވާލުތައް ޒީނާއަށް ކުރިމަތިވާތީއެވެ.

"އަހަރެންނަށް ނޭނގެ ތީ މީހުން ލޯބި ހޯދަން އުޅޭ ގޮތެއް ކަމެއް. ތި ކުރާ ކަމުން، ކޮންމެ މީހެއް ވެސް އަންނާނީ ރުޅި މިފްޒާލް ދެކެ." ޒީނާގެ ހިތުގައި ގުޅަކޮށްގެން ހުރި ވާހަކަތަކުން ކުޑަ މިންވަރެއް، އޭނާގެ ނަފްސު އޭނާއަށް ދިން ކުޑަ ހިނދުކޮޅުގެ ތެރޭގައި ބޭރުކޮށްލިއެވެ.

"އައްދޭ! އައްދޭ!" މިފްޒާލްގެ އަޑު ހަރުކަށިވީ ހަމަ ކުއްލިއަކަށެވެ.

"ކަލޭގެ ލެކްޗަރެއްތަ ތީ؟ އަހަރެން ލިއު ހޯދާނަން. ބަލައްޗޭ! ކަލޭ ޖެހޭނީ ލިއު އަހަރެންނަށް ހޯދައި ދޭން." މިފްޒާލް އޭނާގެ ދަތްޕިލަ ޖައްސައި ވާން ކޮށްލަމުން ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ޒީނާ ކަންފަތުގައި ފޯނު ޖަހައިގެން، ދެރަވެފައި އިނެވެ.

***

މުޅިން އައު ދުވަހަކަށް އިިރު އުދަރެހުން މަރުޙަބާ ކިޔައިފިއެވެ. ޑިއުޓީގައި ޝިޔާދު އިނީ ވަރަށް ކަންބޮޑުވެފައެވެ. މިހާރަކަށް އައިސް ޒީނާ އާއި ލިއުޝާ ވަޒީފާއަށް ނާންނާތީ ޝިޔާދުގެ ހިތުގައި އެތައް ސުވާލެއް ވަނީ ބޮނޑިވެފައެވެ. އެކަމާ ގުޅިގެން މިފްޒާލަށް ގުޅުމުން އެކަންތައް މިފްޒާލް ދަންނަ ކަމަކަށް ވެސް ނުހަދައެެވެ. ގައިގެ ވަރު ދޫކޮށްލަމުން، ޝިޔާދު ބުރަކަށި ގޮނޑިއަށް ވިއްދައިލީ މިވަމުންދާ ގޮތާއި މެދު ކުޑަކޮށް ވިސްނައިލުމަށެވެ. ޒީނާ އާއި ލިއުޝާއާ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައިގެ ވާހަކަ ވަނީ ޝިޔާދަަށް ވެސް މީސް މީޑިއާ އިން ތިލަވެފައެވެ. ލިއުޝާ އާއި ޒީނާގެ ދެމެދުގައި އެވަރުގެ ބޮޑު މައްސަލަ އެއް ޖެހެން ދިމާވި ސަބަބެއް ނޭނގުނަސް، ޝިޔާދަށް ޤަބޫލު ކުރަން ދަތިވީ ޒީނާގެ ވާހަކަތަކެވެ. ހަމަ ކުއްލިއަކަށް ހުރެފައި، ޒީނާ ކުރި ތުހުމަތު ތަކެވެ. އެކަންތަކުގެ ފަހަތުގައި ވަނީ ކޮން ކަމެއް ބާއޭ ޝިޔާދުގެ ހިތް ބުނެއެވެ.

ދެ ޚިޔާލެއްގައި އިނދެ، ކުއްލިއަކަށް ޝިޔާދު ގޮނޑީގައި ރީއްޗަށް ހަމަޖެހެލިއެވެ. އަދި ވަރަށް އަވަސްކޮށް ފޯނު ހުޅުވައިލަމުން ލިއުޝާގެ ނަމްބަރަށް ޑައިލްކޮށްލީ، ވަގުތު ކޮޅަކު ހުއްޓުން އަރާފައި އިނުމަށްފަހު ގައެވެ. ކޮންމެ ގޮތެއް ވިޔަސް، އެތައް އަހަރަކު ލިއުޝާއާ އެކު ކިޔެވި އިރުގައި ވެސް ލިއުޝާ ޝިޔާދަކަށް ނުބައެއް ނޫނެވެ.

"ހަލޯ. ލިއު؟" ލިއުޝާ ފޯނަށް ޖަވާބު ދޭނެ ކަމަށް ވެސް ޝިޔާދު ފުރަތަމަ ހީއެއް ނުކުރެއެވެ.

"ޝިޔާދު.. ކިހިނެއްވީ؟" ލިއުޝާގެ އަޑުގައި ވަނީ ކުރަކި ކަމެވެ. އެއްވެސް ހަމަޖެހުމެއް އެ އަޑުގައި ނެތެވެ.

"ލިއު ކިހިނެއްތަ؟ އަހަރެން މި ގުޅާލީ ލިއު ޖޮބަށް ނާންނާތީ. ޒީ ވެސް ނާދޭ. ކިހިނެއް ވެގެން މިއުޅެނީ." ޝިޔާދު އެހެން އަހައިލުމުން ލިއުޝާ މާނޭވާއެއް ދޫކޮށްލިއެވެ.

"މިވާ ގޮތް ނޭނގޭ މީހެއް މި ރާއްޖޭގަ މަދުވާނެ. އަހަރެން ވަކި ކީކޭ ބުނާނީ ދޯ؟" ލިއުޝާ އޮތީ އެނދުގައި އެއް އަރި އަކަށް އޮށޯވެގެން، ކަންފަތުގައި ފޯނު ޖަހައިގެންނެވެ.

"އައިމް ސޮރީ ލިއު. އަހަރެން މި ހުންނަނީ ވަރަށް ދެރަވެފަ. ދެން އެދުވަހު އެ ރުޅީގަ އެވައްތަރަށް ވާހަކަ ދެކެވުނީ. ސޮރީ.." ޝިޔާދު "ސޮރީ ފީލް" ވެގެން ބުނެލިއެވެ.

"އަހަރެންނަށް އޯކޭއޭ. ގާތް މީހާއަށް ކަމެއް ވީމަ ތިހެން ވެދާނެ. އެކަމު އަހަރެންގެ ނަޞޭހަތެއް އަހަންޏާ، އެއްވެސް މީހަކަށް މާބޮޑަށް އިތުބާރު ނުކުރޭ!" ލިއުޝާ އެހެން ބުނެ ފޯނު ކަނޑައިލީ އިތުރަށް ވާހަކަދައްކަން ހިތްވަރު ނުލިބި، ލިއުޝާ ރޯ އަޑު ޝިޔާދަށް އިއްވަން ބޭނުން ނުވާތީއެވެ. ޙަޤީޤަތުގައި ލިއުޝާ ރޯކަށް ބޭނުމެއް ވެސް ނޫނެވެ. އެ ކަމުން ލިއުޝާ ބަލިކަށި ވެދާނެތީއެވެ. މިއީ ލިއުޝާ ހިތްވަރުގަދަ ކޮށް، ލޯޔަރާއި އެކު ހައިޝަމް ސަލާމަތް ކުރަން ޖެހޭ ވަގުތުކަން ލިއުޝާއަށް ވިސްނެއެވެ.

***

ހަވީރުގެ ވަގުތެވެ. ކާރުބާރު ބޮޑު މަގުތަކުގައި ހައުލާ ހިނގާފައި ދިޔައީ، ޓެކްސީއެއް ނުލިބުމުންނެވެ. މޫނު ބުރުގާ އާއި އެކު، ގަޔަށް ދޫ ބޮޑު ކަޅު ހެދުމެއް ހައުލާ ލައިގެން ހުރި އިރު، އޭނާ އެންމެންގެ ލޯމަތިން ވަންހަނާ ވެފައިވާ ފަދައެވެ. ހައުލާގެ މިސްރާބު ހުރީ ސީދާ މިފްރާހުގެ ގެއަށެވެ. ހިތުގައި ޖެހިލުންކަން އިންތިހާއަށް އޮތް އިރު، ކުރިމަތި މި ލަނީ އާދައިގެ ކަމަކާ ނޫންކަން ހައުލާއަށް އެނގެއެވެ. ހައުލާގެ މޭ ވަރަށް ޖެހެއެވެ. ނަމަވެސް ފިނޑިވެ، ފަސްޖެހޭކަން ހައުލާ ބޭނުމެއް ނުވިއެވެ. "މައިންބަފައިންނާ، ޢާއިލާއެއް ނެތި އެންމެ ހިތްދަތި، އުދަނގޫ ދުވަސްތައް ވޭތުކުރި ފަދައިން މިޙަޔާތް ވެސް ވޭތު ކުރެވޭނޭ" އެއީ މިހާރު ހައުލާގެ ޝިއާރެވެ.

***

ލިއުޝާ އިނީ އޭނާގެ ފިރިމީހާގެ ލޯޔަރުގެ އޮފީހުގައެވެ. ލިއުޝާ އާއި އެކު ލޯޔަރު އަޒްކާ ވެސް އިނެވެ.

"ހެކި ބޭނުން ވާނެ. ސޯ ފުރަތަމަ ކަމަކަށް ބަލަންވީ އެތަނަށް އެއްވި މީހުންގެ ވާހަކަތައް ހުރި ގޮތް." އަޒްކާ ބަލައިލީ ލިއުޝާގެ މޫނަށެވެ. އަޒްކާ އަކީ އުމުރުން 24 އަހަރުގެ ޒުވާން ލޯޔަރެކެވެ. ލިއުޝާއަށް ވުރެ އެއް އަހަރު އަޒްކާ ކުޑައެވެ. ބަލާބެލުމަށް އަޒްކާ އަކީ "މޮޑާރން ލައިފަށް" ލޯބި ކުރާ މީހެކެވެ. ލައިގެން ހުރީ ކްރޮޕް ޓޮޕް ކޮޅަކާއި، އޮފިޝަލް ޖިންސެކެވެ. އަޒްކާގެ އިސްތަށިގަނޑު ފަންވެފައި، ހަމުގެ ކުލަ އައްޏެވެ. މޫނުމަތީގައި މޭކަޕް ކޮށްފައި ހުރީ ވަރަށް މަދުންނެވެ. ވާހަކަދައްކާ ރާގާއި، ތުންފަތުން ގެންނަ ހިނިތުންވުމުން، އަޒްކާ އަކީ ހިތްހެޔޮ މިޒާޖުގެ ފަރާތެއް ކަމަށް ލަފާކުރެވެއެވެ.

"އާދެ! އެކަން އަޅުގަނޑު ކުރާނަން." ލިއުޝާ އެހެން ބުނީ ވަރަށް މާޔޫސް ވެފައި އިނދެގެންނެވެ.

"ލިއުޝާ ހާސް ނުވޭ! ތިކަމުން އަހަރެން ލިއުޝާ ސަލާމަތް ކުރާނަން." އަޒްކާ އެހެން ބުނެ، ލިއުޝާގެ އަތުގައި ހިފައިލި ވަގުތަކީ އޭނާގެ ފޯނު ރިންގުވި ވަގުތެވެ.

"ހަލޯ ބޭބީ. ހަމަ މިސްވެގެން ގުޅާލީ. ދާންވީތަ ބަލާ." އެކޮޅުން ވާހަކަދެއްކީ ޑޮކްޓަރު ޝިޔާދެވެ. އަޒްކާ ހިނިތުންވެލިއެވެ.

"އާނ! އެކަމު އިރުކޮޅެއް ފަހުން އާދޭ އިނގޭ. އިރުކޮޅަކުން ނިމޭނެ. މިސްޔޫ ޓޫ." އަޒްކާ އެހެން ބުނެ، ބަލައިލީ ކުރިމަތީގައި ހުރި ލިއުޝާއަށެވެ. ލިއުޝާ ގަދަކަމުން ހިނިތުންވެލިއެވެ.

"އެއީ ރައްޓެހިވެގެން އުޅޭ ކުއްޖާ. ބަލާ އަންނަންހޯ. ހެހެ." އަޒްކާ އެހެން ބުނެލީ، ހިނިއައިސްފައި އިނދެގެންނެވެ. އަޒްކާގެ މިޒާޖުގައި އެކުވެރިިކަމާއި، އޭނާ އަކީ "އޮޕަން މައިންޑް" މީހެއްކަން ވަރަށް ރަނގަޅަށް ލިއުޝާއަށް އެނގުނެވެ. ލިއުޝާ އިތުރަށް ހިނިތުންވުން ފައުޅުކޮށްލީީ "ޝުކުރިއްޔާ"އޭ ބުނަމުންނެވެ.

ލިއުޝާ އޮފީހުން ނުކުމެގެން ގޮސް، މަސައްކަތް ފެށީ ޓެކްސީއެއް ލިބޭތޯއެވެ. އަތް ދަބަހަށް ވޮލެޓް ލަމުން، އަޒްކާ ޝިޔާދަށް ގުޅައި އޭނާ ބަލައި އައުމަށް އެދުނެވެ. ޝިޔާދާ ވާހަކަދައްކައި ނިމުމަށްފަހު، އަޒްކާ ފޯނު ބޭއްވި އިރު އޭނާގެ ފޯނަށް ވަނީ 2 މެސެޖެއް ލިބިފައެވެ.

"ވަރަށް ބިރު ގަނޭ. ހީވޭތަ މިކަންވާނެހެން؟"
"އަހަރެންނަށް ވާނެ ދޯ؟"

މެސެޖު ކިޔައިލުމާއި، "އާނ! ވާނެ. ގްޑް ލަކް." އޭ ޖަހާފައި އަޒްކާ މެސެޖަށް ރިޕްލައި ކޮށްލިއެވެ. މިފްރާހުގެ ގެއަަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއި އެކު، ހައުލާއަށް ލިބުނު ރިޕްލައި މެސެޖު ކިޔާލަމުން، ހިނިތުންވެލަމުން ހައުލާ އެގެއަށް ވަންނަން ހިނގައިގަތެވެ. (ނުނިމޭ)