ހަބަރު

ހަމަލާދިން ކުށްވެރިން ހޯދަން މަހުފޫޒު އެދިއްޖެ

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ނަޝީދުގެ ލޯޔަރު މަހުފޫޒް ސައީދަށް ބަޔަކު ވަޅިން ދިން ހަމަލާއަކީ ޒާތީ ހަމަލާއެއް ނޫން ކަމަށް ގަބޫލުކުރައްވާތީ، އެ ހަމަލާގެ ސަބަބު ހޯދައި، މައްސަލަ ތަހުގީގު ކޮށްދިނުމަށް އޭނާ އެދިވަޑައިގެން ފި އެވެ.

މަހުޕޫޒު މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ހަމަލާދިން މީހުން އަދިވެސް ހައްޔަރުކޮށްފައި ނުވާތީ އެކަން ވީހާވެސް އަވަހަށް ކޮށްދިނުމަށް ފުލުހުންނަށް މަހުފޫޒު ވަނީ ގޮވާލައްވާފަ އެވެ. މަހުފޫޒު ވިދާޅުވި ގޮތުގައި މިހާތަނަށް މައްސަލަޔާ ބެހޭގޮތުން ފުލުހުން އޭނާއާ ސުވާލުކޮށްފައި ނުވާ ކަމަށެވެ.

"މިހަމަލާއަކީ އަޅުގަނޑުގެ ޒާތީ ކަމަކާ ގުޅިގެން ދެވިފައިވާ ޙަމަލާއެއް ނޫންކަން ސާބިތުކަމާއެކު ދަންނަވަމެވެ. އަދި އަޅުގަނޑު ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރާ އެއްވެސް މައްސަލައަކާ ގުޅިގެން މިފަދަ ހަމަލާއެއްގެ އިންޒާރު އަޅުގަނޑަށް ލިބިފައެއް ނުވެއެވެ،" މަހުފޫޒުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މަހުފޫޒަށް ހަމަލަދިން މައްސަލާއާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ރާއިދު ނަމަކަށް ކިޔާ މީހެކެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ރ. އިނގުރައިދޫ ކަރަންކާގެ ހުސައިން ޝަފްރާޒް އިބްރާހީމް ހޯދުމަށް ވެސް ފުލުހުން ވަނީ އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފަ އެވެ.

މަހުފޫޒަށް ހަމަލާދީފައިވަނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައިމާވެޔޮމަގުގައި ހުންނަ "ވާދީ ފްރެޝް" ފިހާރަ ކައިރިންނެވެ. އޭނާއަށް ހަމަލަދިނީ މީހަކާ އެކު ސައިކަލު ފަހަތުގައި އިންދައި ހަތަރު މީހުންގެ ގުރޫޕަކުންނެވެ.