ދުނިޔެ

މައިކް ޕޮމްޕެއޯއާއެކު 28 ފަރާތަކަށް ޗައިނާއިން ފިޔަވަޅު އަޅައިފި

ޗައިނާއިން، ރައީސް ޓްރަމްޕް ސަރުކާރުގެ 28 އޮފިޝަލަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި އެވެ. އޭގެ ތެރޭގައި ކުރިން ސެކްރެޓަރީ އޮފް ސްޓޭޓް މަގާމުގައި ހުންނެވި، މައިކް ޕޮމްޕެއޯ ހިމެނެ އެވެ.

އެމެރިކާގެ ރައީސް ކަމާ ޖޯ ބައިޑަން ހަމަ ހަވާލުވެވަޑައިގެންނެވި ތަނާހެން، ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޗައިނާގެ ސިޔާދަތާ މަސްލަހަތަށް ގޯނާކޮށް ދާހިލީ ގުޅުންތައް ފާލުން ނައްޓުވާލި ބަޔަކަށް ދަތި ކުރަން ނިންމައިފިން ކަމަށެވެ. އެމެރިކާއާ ޗައިނާއާ ގުޅުން އެންމެ ބޮޑަށް ގޯސްވީ ވެސް މި މީހުންގެ ސަބަބުން ކަމަށެވެ.

ޗައިނާއިން ދަތި ކުރުމުގެ ފިޔަވަޅު އެޅި، ރައީސް ޓްރަމްޕް ސަރުކާރުގެ އޮފިޝަލުންގެ ތެރޭގައި ހެލްތު އެންޑް ހިއުމަން ސާވިސް ސެކްރެޓަރީ އެލެކްސް އަޒާ، ވައިޓް ހައުސް ޓްރޭޑް އެޑްވައިޒާ ޕީޓާ ނަވަރޯ، ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒާ ރޮބާޓް އޯބްރަޔަން، އެމެރިކާއިން ޔޫއެންއަށް ކަނޑައަޅުއްވާފައި ހުންނެވި ކެލީ ކްރާފްޓް ހިމެނެ އެވެ.

ބީޖިންއިން ދަތި ކުރުމުގެ ފިޔަވަޅު އެޅުމުން އެ ލިސްޓްގައި ހިމެނޭ އެއްވެސް ބޭފުޅަކަށް ޗައިނާ، ހޮންކޮންގް އަދި މެކާއޯއަށް ދަތުރެއް ނުކުރެވޭނެ އެވެ. އެ ބޭފުޅުންނާ އާއިލީ ގޮތުން ގާތްތިމާގެ މީހުންގެ މައްޗަށް ވެސް މި އަމުރު ހިނގާނެ ކަމަށް ޗައިނާއިން ބުނެ އެވެ.

ޗައިނާ ކުންފުނިތަކާއެކު ވިޔަފާރި ކުރުމާއި އަދި ގުޅުން ހުރި އެއްވެސް އިންސޓިޓިއުޓަކުން ޚިދުމަތް ހޯދުން ވެސް މި ބޭފުޅުންނަށް މަނާ ވާނެ އެވެ. ޗައިނާއާ ގުޅުން ހުރި އެއްވެސް ހިސާބެއްގައި މިބޭފުޅުންގެ މުދަލެއް ހުރި ނަމަ ހިފަހައްޓަން ވެސް ވަނީ ނިންމާފަ އެވެ.

އެމެރިކާގެ ސަރުކާރު ހިންގެވުމާ ހަވާލުވެ ވަޑައިގެން ޗައިނާއާ ގުޅުން ރަނގަޅު ކުރަން ބައިންޑަން ކުރައްވަން އަދި ވަކިކަމެއް ކަނޑައެއް ނާޅުއްވަަ އެވެ. އެމެރިކާއިން ގޯހެއް ހެދިފައި ހުރި ކަމަށް ބައިޑަން ސަރުކާރަށް ގަބޫލު ކުރެވުނަސް، އެކަމެއް ފޫބެއްދުމަށް ޗައިނާއިން މާ ބޮޑު އަހަންމިއަޔަތުކަމެއް ދޭނެ ކަމަކަމަށް ނުބެލެވެ އެވެ.