ވިޔަފާރި

ފްލައިން ސްކޫލް ހަދަން އަމިއްލަ ފަރާތަކުން ހުށަހެޅުމެއް

ރާއްޖޭގައި ޕައިލެޓުން ތަމްރީން ކުރަން އިތުރު ފްލައިން ސްކޫލެއް އަޅަން އަމިއްލަ ފަރާތަކުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ހުށަހަޅައިފި އެވެ.

ސިވިލް އޭވިއޭޝަންގެ އިންފޮމޭޝަން އިބްރާހިމް މުހައްމަދު ވިދާޅުވި ގޮތުގައި އަމިއްލަ ފަރާތަކުން ފްލައިން ސްކޫލެއް ހަދަން ހުށަހެޅުމެއް ލިބިފައި އެބައޮތެވެ. ނަމަވެސް، އެ ހުށަހެޅުން އައިސްފައިވަ ނީ ކޮން ފަރާތަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މާމިގިލީ އެއާޕޯޓާއެކު ވިލާ އެއާ ހިންގާ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު މަސްލަހަތު އޮންނަ ގޮތަށް ފްލައިން ސްކޫލެއް ހަދާ ވާހަކަތަކުގެ ތުހުމަތު އަޑުތަކެއް ފެތުރިފައި ވެއެވެ. އޭގެ ހަގީގަތް ސާފުވެފައެއް ނުވެއެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގައި އިތުރު ފްލައިން ސްކޫލެއް ހަދަން ހުށަހަޅާފައި ވަނީ ދިވެހި ޕާޓީއަކުންނެވެ. އެކަން ކުރަނީ ދިވެހި ދެ ފަރާތެއް ގުޅިގެނެވެ. އަދި އެ ފަރާތުން މި އަހަރުގެ މެއި މަހުގެ ތެރޭގައި މި ސްކޫލެއް ހުޅުވާނެ އެވެ. ސްކޫލް ހުޅުވާއިރު ވިއްސަށްވުރެ ގިނަ ބޯޓު ސްކޫލުގައި ބޭނުން ކުރާނެ އެވެ.

މީގެ ކުރިން ބައެއް ޕަބްލިކް ފޯރަމްތަކުގައި ބައެއް ދިވެހި ވިޔަފާރިވެރިން ރާއްޖޭގައި ފްލައިން ސްކޫލު އަޅަން ޝައުގުވެރިކަން ފާޅުކޮށްފައި އެބަހުއްޓެވެ. އެގޮތުން މަންޓާ އެއާގެ މައި ހަބު ހުންނަ ދާލުއެއާޕޯޓް ވެސް އެކަމަށް ޝައުގުވެރިކަން ހުރި ކަމަށް ބުނެފައިވާއިރު، ވިލާ އެއާ އިން ވެސް މިކަން ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގައި މިހާރު ހިންގަނީ އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އެވެ. ނަމަވެސް އެތަނުގައި ކިޔަވާ ދަރިވަރުންނަށް ތަފާތު މައްސަލަތައް ދިމާވެ އެ ސްކޫލުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ފްލައިން ސްކޫލުގެ މައްސަލަ ހޫނުވުން މަޖިލީހުގެ ހާއްސަ ކޮމެޓީއެއް އައްޑޫއަށް ގޮސް އެ މައްސަލަ ބަލާފައިވެ އެވެ. އަދި އެ ސްކޫލަށް ފައިސާ ދައްކައި ނުކިޔެވިފައި ތިބި ދަރިވަރުންނަށް ބޭރުން ފުރުސަތު ހޯދައިދޭން މަސައްކަތް ކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.