ބައެއް މީހުންނަށް މިއީ ވަރަށް ހިތްހަމަނުޖެހޭ ރުޅިއަންނަ ކަމެކެވެ. އަނެއްބަޔަކަށް މިއީ މޮޔަ ކަމެކެވެ. ސައިބީރިއާގެ ޕްރީ ސްކޫލް ކުދިންތަކެއް ކިޔަވަންދާ ސްކޫލެއްގައި ކޮންމެ ދުވަހަކު ވެސް ހެނދުނު މި ކުދިން ސްކޫލަށް އައުމާއެކު އެންމެ ފުރަތަމަ ކުރާ ކަމަކީ ހޫނު ސޯނާ ބާތެއް ދިނެވެ. އެއަށްފަހު ދެން ނެރެނީ ބޭރަށެވެ. ބޭރުގައި ބައިތިއްބައިގެން އައިސް ފެންބާލިދީއެއް ކޮންމެ ކުއްޖެއްގެ ގަޔަށް އަޅާ ކަމަށް އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލްވައިވާ ރިޕޯޓެއްގައި ބުނެފައި ވެއެވެ.
މި ކުދިން ފެންވަރާ މަންޒަރުގެ ފޮޓޯއަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި އާއްމުވެފައިވެ އެވެ.
މި ސްކޫލްގައި މިހާ ކުޑަ ކުދިންތަކަކަށް މިގޮތަށް ކަންތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟ އެ ސްކޫލުގެ މެނޭޖްމަންޓުން ގަބޫލުކުރާ ގޮތުގައި ކޮންމެ ދުވަހަކު މިގޮތަށް ކަންތައް ކުރުމުން ކުދިން ސިއްހަތު ރަނގަޅުވެފައި އިންފެކްޝަންތައް ނުޖެހޭނެ އެވެ. ގަދަ ފިނީގައި އުޅޭއިރު ހަދާނެ ބްރީދިން އެކްސަސައިޒްތައް ވެސް މި ސްކޫލްގައި ކިޔަވައިދެ އެވެ.
މި ސްކޫލުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ކުޑަކުދިންތައް އެންމެ ފުރަތަމަ ސްކޫލަށް އަންނަ ގޮތަށް ސޯނާގައި ހޫނުފެނުން ފެންވަރައި ހަށިގަނޑު ރަނގަޅަށް ހޫނުކޮށްލާނެ އެވެ. ދޭން ބޭރަށް ނުކުމެ ޓްރެޑިޝިނަލް ގޮތަކަށް ފިނި ފެނުން ފެންވަރާނެ އެވެ.
މިގޮތަށް ކަންތައް ކުރާ ސަބަބު ކިޔައިދެމުން އެ ސްކޫލްގެ ޓީޗަރު ލުޔޫބޯވް ޑެނިލްޓްސޯވާ ބުނީ މިގޮތަށް ފެންވަރުވާ ކުދިންނަށް ފްލޫ ސީޒަންގައި ޖެހޭ އަރިދަފުސް ރޯގާގެ މައްސަލަތައް ޖެހުނަސް މާ އަވަހަށް މާ ފަސޭހައިން އެ ރޯގާއިން ސަލާމަތްވެވޭ ކަމަށް ޑޮކްޓަރުން ވެސް އެއްބަސްވާ ކަމަށެވެ. އަދި އައިސް ފެނުން ފެންވަރުވާ ކުދިންގެ ބެލެންސް ރަނގަޅުވެފައި ވިސްނުން ވެސް މާ ރަނގަޅު ކަމަށެވެ. އަދި ކަންކަމާ މެދު ވިސްނާ ގޮތް ވެސް މާ ޕޮޒިޓިވް ވެފައި އެކުދިންނަކީ ކަންކަން މާ ރަނގަޅަށް އޮގަނައިޒްކޮށް ކުރާ ކުދިން ކަމަށެވެ.
ޔަގީންވާ ކަމަކީ ހެނދުނު ހޭލާ ގޮތަށް ފިނި ފެންއެއްޗެއް ގަޔަށް އަޅާލެވޭނީ ހަމަ ގައިމުވެސް ވަރަށް ހިތްވަރުހުރެގެންނެވެ.
ޓީޗަރު ބުނި ގޮތުގައި މިއީ އެ ސްކޫލުން މަޖްބޫރުކޮށްގެން ކުދިން ލައްވާ ކުރުވާ ކަމެއް ނޫނެވެ. އިތުރު ހަރަކާތެއްގެ ގޮތުގައި ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވަނީ އެކަމަށް ބޭނުންވާ ކުދިންނެވެ.