ބަރަހަނާ ވެގެން އިސްލާމީ މަރުކަޒަށް އެރި މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަރަހަނާ އަށް ހުރެ އިސްލާމީ މަރުކަޒުގެ މިސްކިތް ހިމެނޭ ބަޔަށް ވަން މީހާ ދޫކޮށްލުމަށް ފަހު ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހާ އަކީ ނަފްސާނީ ބަލިތަކެއް ހުންނަ މީހެއް ކަމަށް ކަމަށެވެ. އަދި އެމީހާގެ ސްޕޮންސަރާ ގުޅިގެން އޭނާ ބަނަގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބަރަހަނާ ވެގެން ބިދޭސީއަކު އިސްލާމީ މަރުކަޒަށް ވަން ހާދިސާ ހިނގީ ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު އެވެ. ބިދޭސީ މީހާ ފުރަތަމަ މިސްކިތަށް ވަނީ ސޯޓް ބުރިއަކާއި ޓީޝާޓެއް ލައިގެނެވެ.
މިސްކިތަށް އަރާ އަތްމައްޗަށް ނަގައިގެން ހުރެ އަޑު ގަދަ ކުރަން ފެށުމުން މިސްކިތުގައި ތިބި މީހުން ވަނީ އެރޭ އޭނާއާ ސުވާލު ކޮށްފަ އެވެ. އަދި އޭނާ ވަނީ ރަށައް ދާން ބޭނުންވާ ކަމަށް ބުނެ އަޑުގަދަ ކޮށްފަ އެވެ. އެ މީހާ މިސްކިތުން ފައިބަން އެންގުމުން ފައިބައިގެން ގޮސް އިރުކޮޅެއްގެ ފަހުން އޭނާ ވަނީ ބަރަހަނާ ވެގެނެވެ.
އޭނާ ހުއްޓުވީ ފުލުހުންނާއި ސިފައިން އަދި އާންމުން ވެގެންނެވެ. އެ މީހާ ހައްޔަރު ކޮށްގެން ގެންދިޔައީ ގިނަ އިރުގަނޑެއް ވަންދެން މިސްކިތުތެރޭ ބަރަހަނާއަށް އުޅުނު ފަހުންނެވެ. މިސްކިތުގެ ބައެއް ތަކެއްޗަށް ވަނީ ގެއްލުން ވެސް ވިއެވެ.