ހަބަރު

އަންހެނުންނާ ފޮށުނީ މިސްކިތުގައި ބަރަހަނާވި މީހާ

މާލޭގެ ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހެންވޭރުގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރިން އެކި އެކި އަންހެނުންނާ ފޮށިގެން މިއަދު ހައްޔަރުކުރި ބަންގާޅު މީހަކީ ބުރާސްފަތި ދުވަހުގެ ބަރަހަނާ ވެގެން އިސްލާމީ މަރުކަޒަށް އެރި މީހާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަރަހަނާ އަށް ހުރެ އިސްލާމީ މަރުކަޒުގެ މިސްކިތް ހިމެނޭ ބަޔަށް ވަން މީހާ ފުލުހުންގެ ބަންދުން ވަނީ ދޫކޮށްލާފަ އެވެ. އެމީހާ ދޫކޮށްލުމަށް ފަހު ބުނީ އެއީ ނަފްސާނީ ބަލިތަކެއް ހުންނަ މީހެއް ކަމަށެވެ. އަދި އެމީހާގެ ސްޕޮންސަރާ ގުޅިގެން އޭނާ ބަނަގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މިއަދު އަލުން އޭނާ ހައްޔަރުކުރީ ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހެންވޭރުގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރިން އަންހެނުންނާއި ފޮށެނިކޮށެވެ. އެ މީހާ މިއަދު މެންދުރު ފަހު 1:00 ޖަހާ އެހާކަންހާއިރު ހައްޔަރަން ޖެހުނީ ޑޮލަރު އޭޓީއެމްގެ ކައިރިން އެކި އެކި އަންހެނުންނާ ފޮށި، މީހުނަށް އާންމު އުނދަގޫ ކުރަމުން ދިޔަ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މި މީހާ ބަރަހަނާ ވެގެން ބިދޭސީއަކު އިސްލާމީ މަރުކަޒަށް ވަން ހާދިސާ ހިނގީ ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު އެވެ. އޭނާ ފުރަތަމަ މިސްކިތަށް ވަނީ ސޯޓް ބުރިއަކާއި ޓީޝާޓެއް ލައިގެނެވެ.

މިސްކިތަށް އަރާ އަތްމައްޗަށް ނަގައިގެން ހުރެ އަޑު ގަދަ ކުރަން ފެށުމުން މިސްކިތުގައި ތިބި މީހުން ވަނީ އެރޭ އޭނާއާ ސުވާލު ކޮށްފަ އެވެ. އަދި އޭނާ ވަނީ ރަށައް ދާން ބޭނުންވާ ކަމަށް ބުނެ އަޑުގަދަ ކޮށްފަ އެވެ. އެ މީހާ މިސްކިތުން ފައިބަން އެންގުމުން ފައިބައިގެން ގޮސް އިރުކޮޅެއްގެ ފަހުން އޭނާ ވަނީ ބަރަހަނާ ވެގެނެވެ.

އޭނާ ހުއްޓުވީ ފުލުހުންނާއި ސިފައިން އަދި އާންމުން ވެގެންނެވެ. އެ މީހާ ހައްޔަރު ކޮށްގެން ގެންދިޔައީ ގިނަ އިރުގަނޑެއް ވަންދެން މިސްކިތުތެރޭ ބަރަހަނާއަށް އުޅުނު ފަހުންނެވެ. މިސްކިތުގެ ބައެއް ތަކެއްޗަށް ވަނީ ގެއްލުން ވެސް ވިއެވެ.