ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އިދިކޮޅު ލީޑަރުގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ފަސް އަހަރުގެ ހުކުމް ދަމަހައްޓަން ހައިކޯޓުން ތާއީދު ކުރުމާ ގުޅިގެން އިދިކޮޅުން ސީދާ ހަރަކާތަށް ދާން ފާސްކޮށްފި އެވެ.
މި ގޮތަށް ފާސްކުރީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ކުއްލި ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި އެކަމަށް ގާރާރު ހުށަހަޅައި، ބަހުސް ކުރުމަށް ފަހު އެވެ.
ޖޮއިންޓު ކައުންސިލަށް ގާރާރެއް ހުށަހެޅުއްވެވީ އިދިކޮޅުގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ އެވެ.
އެ ގާރާރުގައި ބުނެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް މަނީލޯންޑަރިން ކުށް ސާބިތުވެއްޖެ ކަމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަކީ ސިޔާސީ ބޭނުމަށް، އިސްލާމީ ޝަރީއާތާއި ގާނޫނުތަކާ ހިލާފަށް އިއްވި ހުކުމެއް ކަމަށެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް ނިންމި ނިންމުމަކީ ވެސް އެފަދައިން ސިޔާސީ ސަބަބުތަކަށްޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެކަމާ ދެކޮޅު ހަދައި ސީދާ ހަރަކާތަށް ދާން ކޮންގްރެސް ޕާޓީ އާއި ޕީޕީއެމުން ނިންމި ނަމަވެސް ސީދާ ހަރަކާތް ހިންގާނެ ގޮތެއް ނުނިންމަ އެވެ. އަދި ހިންގާނެ ހަރަކާތްތަކުގެ ތަފުސީލެއް ވެސް ނުދެ އެވެ.