ޑރ. ހުސައިން ރަޝީދު ހަސަން

"ކުނި ވަޒީރު މަގާމުން ދުރު ކުރަން ޖެހޭ"

އެންވަޔަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މަގާމުން ވަކިކުރަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ. ޓްވިޓާއާ ޓީވީ އަދި މަޖިލީސް ޖަލްސާތަކުގައި ވެސް ވަރަށް ފާޅުގައި އެކި ބޭފުޅުންނަށް ފާޑުވިދާޅުވާ ބޮންޑެ ވަނީ ބާބެޓެރިތަކާ ވިހަ ކެމިކަލްތަކާއެކު އަންދަމުންދާ މާފުށީ ކުނިގޮނޑުގެ ވީޑިއޯއެއް ހިއްސާ ކުރައްވާ މިނިސްޓަރު ހުސައިން ރަޝީދަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ކުނިގޮނޑު އަންދަމުން ދިއުމުގެ ސަބަބުން ވިހަދުމާއި ނުބައި ވަސް މާފުށީ ރެސްޓޯރަންޓްތަކާއި ގެސްޓުހައުސްތަކަށް މިރޭ ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށެވެ. އެކަމުން އާންމު ސިއްހަތައް ނުރައްކާވެ ފަތުރުވެރިކަން ޑީމޯޓް ވަމުންދާ ކަމަށެވެ.

"ކުނި ވަޒީރު މަގާމުން ދުރުކުރާން ޖެހޭ،" މިނިސްޓަރު ހުސައިން ރަޝީދަށް ނިސްބަތްކޮށް ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ ކުރީން ވެސް ވަނީ މާފުށީގެ ކުނީގެ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ވިދާޅުވީ ގެސްޓުހައުސް އޮޕަރޭޓް ކުރާ ރަށްތައް މި ހާލަތަށް ދާއިރު ކަމާބެހޭ އިދާރާތަކަށް ހޭވެރިކަން ނާންނަ ކަމަށެވެ.

ރިސޯޓްތަކުން މޫދަށް ކުނިއަޅާ މައްސަލައާ ގެސްޓްހައުސް ހިންގާ ރަށްތަކުގައި ކުނި މެނޭޖްނުކުރެވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ މައްސަލަ މަޖިލީހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.