ހަބަރު

ހޯރަފުށި އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަނީ

Jan 24, 2021

ހޯރަފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން ބުނީ ހޯރަފުށި މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ޝަރީފް ތަނާޒުލްވާން ޖެހި ވަޑައިގަންނަވާ މައްސަލައަކުން ތަނާޒުލްވެ ވަޑައި ނުގެން އެ މައްސަލަ ބައްލަވައި ނިންމެވި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރަން، ތަހުގީގީ ކޮމިޓީއެއް އެކުލަވާލެވިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މި ސަރުކާރާއެކު ޖޭއެސްސީއަށް އައި ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން ފެށިއެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިން ފަނޑިޔާރުންނާބެހޭ ގޮތުން ބެލި ބައެއް މައްސަލަތަކުގައި އެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ނިންމާ އެކަމާމެދު ގޮތް ނިންމަން މަޖިލީހަށް ހުށައަަޅާފަ އެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓާއި ހަައިކޯޓް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ހިމެނެ އެވެ.