ނޭދެމޭ ވަކިވުމެއް

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 13)

ހައުލާގެ ހަށިގަނޑަށް ތަފާތު ބާރެއް ލިބިފައިވީ ކަމަކު، އޭނާގެ ހިތުގައި އުފެދިފައި ވަނީ ނުތަނަވަސް ކަމެކެވެ. ދިރިއުޅުމުގައި ކުރިމަތިވި ތަފާތު އެތައް ހިތި ތަޖުރިބާ ތަކެއް ހުރަސް ކުރެވުނު ކަމުގައި ވީނަމަވެސް، ހައުލާ މިއަދު ކުރަން މިއުޅެނީ އޭނާ ދުވަހަކު ވެސް ކޮށްފައިވާ ކަމެއް ނޫނެވެ. އެއީ އޭނާގެ ހިތް މަޑުން ނޯންނަ އެންމެ ބޮޑު އެއް ސަބަބެވެ.

ތެޅިތެޅި އޮތް ހިތަކާއި އެކު، ހައުލާ ލަސްލަހުން ފިޔަވަޅު ނަގަމުން ގޮސް ހުއްޓުނީ، މިފްރާހު ދިރިއުޅުމެންދާ އެޕާރޓްމެންޓުގެ ދޮރުގެ ކުރިމަތީގައެވެ. ދޮރުގެ ތަޅުގައި ހިފާނީތޯ، ނޫނީ ދޮރުގައި ޓަކި ޖަހަންވީތޯ ނޭނގި ވަގުތު ކޮޅަކު ހައުލާ ހުއްޓުނެވެ. ކުރަން މިއުޅޭ ކަންތަކުގެ އުނދަގުކަަން އެތައް ފަހަރަކު ހައުލާގެ ސިކުނޑިއަށް ވަދެ، ނުކުމެ ދިޔައެވެ.

ދެޚިޔާލެއްގައި ހުރެ ހައުލާ އޭނާގެ އިނގިލިތަކުން މަޑުމަޑުން ދޮރުގައި ޓަކި ދޭން ފެށިއެވެ. މާކަ ގިނަ އިރަކު ހައުލާ މަޑު ކުރާކަށް ނުޖެހުނެވެ. ގޭގެ ދޮރު ހުޅުވައިލީ މިފްޒާލެވެ. ހައުލާ ވަގުތުން ފިނިވިއެވެ. ދޫ ބަންދުވެ، ހައުލާ އިސްޖެހުނެވެ. ހައުލާގެ އިޙްސާސްތައް އޭނާ ލައިގެން ހުރި ކަޅު ބޮޑު ފޭރާމުގެ ތެރޭގައި ވަންހަނާ ކޮށްލިއެވެ.

"ތީ ކާކު؟" މިފްޒާލް ވަގުތުކޮޅަކު ހައުލާއަށް ބަލަން ހުރުމަށްފަހު، އަހައިލިއެވެ.

"މީ.. މައުރީން. އަހަރެން ބޭނުން ވަނީ ތިގޭގަ.." ހައުލާގެ އަޑު ކޮންމެ ވެސް ވަރަކަށް ތުރުތުރު އަޅައިގަތެވެ. ހައުލާގެ ވާހަކަ ދެއްކުން ހުއްޓުނީ މިފްރާހުގެ އަޑަށެވެ.

"ކާކުތަ އައީ؟" މިފްޒާލްގެ ފަހަތުން މިފްރާހު އައިސް ހުއްޓި، ހައުލާއަށް ބަލައިލިއެވެ. ހައުލާގެ ބޮލުން ފެށިގެން ތިރިއަށް ނަޒަރު ހިންގަލުމުން ވެސް، މިފްރާހަކަށް އެއީ ކާކު ކަމެއް ނޭނގުނެވެ.

"ނޭނގެ ދޮންބޭ! ކޮންމެވެސް މައުރީން އެކޯ. ދޮންބެ ދަންނަ މީހެއްތަ؟" މިފްޒާލް ފޫހި ރާގެއްގައި އަހައިލިއެވެ.

"ކީއްކުރާ ކުއްޖެއްތޯ؟" މިފްރާހު ވަރަށް މަޑުމަޑުން ސުވާލުކޮށްލިއެވެ. ހައުލާ ރަނގަޅަށް މިފްރާހަށް ބަލައިލިއެވެ. އެ މޫނު މަތިން ފެންނަ ގިލަންވެރިކަން ހައުލާއަށް ވަރަށް ބޮޑަށް އެނގުނެވެ.

"އަހަރެން މިއައީ މިގޭގަ ވަޒީފާއެއް އޮތް ތޯ ބަލަން. އަހަރެން ކަހަލަ ނިކަމެއްޗަކަށް ކޮންމެ ވެސް ކަމެއް ކުރެވެން އޮތްތޯ ބަލަން." ހައުލާގެ އަޑު އިވުމާއި އެކު، މިފްރާހަށް ސިހުން ގެނުވިއެވެ. މިފްރާހު ދެލޯ ބޮޑުކޮށްލަމުން ހައުލާއަށް އަނެއްކާ ވެސް ބަލައިލިއެވެ. އެއާއި އެކު މިފްރާހު އިތުރަށް ވީ ދެރައެވެ. މިފްރާހުގެ ހައުލާ މަރުވެއްޖެކަން އެނގުމުންނެވެ. އިވޭ ކޮންމެ އަޑެއް، ހައުލާގެ އަޑު ކަމަށް ހީވުން އެއީ މިފްރާހުގެ ބަލި ފައި ކަން އޭނާއަށް އިޙްސާސް ވުމުންނެވެ.

"ބަލަ މީ ވަޒީފާގެ ބާޒާރުތަ؟ ވަޒީފާ ހޯދަން މިގޭ ދޮށަށް ތި އަންނަނީ." މިފްޒާލްގެ އަޑުގައި ވަނީ އޭނާގެ ކިބައިގައިވާ ރުންކުރު ގޮތެވެ.

"ކޮއްކޯ. ތިހެން ވާހަކަ ނުދައްކާ!" މިފްރާހު ހިތްހަމަ ނުޖެހިގެން ބަލައިލީ މިފްޒާލަށެވެ. "ސޮރީ" އޭ ބުނެ މިފްޒާލް އެތަން ދޫކޮށް ދިޔައެެވެ.

"ވަރަށް ބޮޑަށް ސޮރީ.. އެއީ ކޮއްކޮގެ އާދަ.. ހާސް ނުވޭ! މިގެއިން ވަޒީފާއެއް ލިބޭނެ. ކޮށްދޭން ވީ ކަމަކީ މިގޭގަ ކައްކާފަ، އަހަރެންނާ ކޮއްކޮގެ ބައެއް ކަންކަން ކޮށްލަ ދޭންވީ.. އޯކޭތަ؟" މިފްރާހު އެހެން ބުނުމުން ހައުލާ ވީ އުފާ ބަޔާން ކުރަން ވެސް އޭނާއަށް ދަތިވިއެވެ. ހައުލާާ ހިނިތުންވެލަމުން "ޝުކުރިއްޔާ"އޭ ބުނީ އޭނާގެ ޕްލޭން ކާމިޔާބު ކުރުމުގެ ދޮރު ހުޅުވިގެން ދިޔައީމައެވެ.

ވަގުތުތައް ފާއިތު ވަމުން ގޮސް ރޭގަނޑު 8 ޖަހައި ބޮޑުވެއްޖެއެވެ. ލިއުޝާ އިނީ އޭނާގެ ގޭގައެވެ. އެކަނި މާއެކަނި އިން ކަމުގައި ވިޔަސް، ލިއުޝާގެ ޚިޔާލުތަކުގައި ވަނީ ހައިޝަމެވެ. ހައިޝަމްގެ ގާތުގައި ނެތަސް، އޭނާގެ ގައިން ދުވާ މީރު ލުއިލުއި ވަސް ވަނީ ލިއުޝާގެ ނޯށުގައި ހިފާފައެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހައިޝަމް ހުއްޓަސް، ހައިޝަމްގެ ފިކުރުތައް ވަނީ ލިއުޝާގެ ސިކުނޑީގައި ފަތަހަ ކޮށްފައެވެ. ހައިޝަމްގެ ޚިޔާލީ ދުނިޔޭގައި، ހައިޝަމްއާ އެކު ހޭދަ ކުރި ލޯބީގެ ދާސްތާނުގެ ސަފުހާތައް ނިއުޅަމުން ލިއުޝާ ގެންދިޔައެވެ.

***

ކޮޓަރީގެ ދެކޮޅަށް މިފްޒާލް ހިނގަމުން ދިޔައީ އޭނާގެ ހަށިގަނޑުގައި ރޯވަމުން ދިޔަ ހޫނު އަލިފާނުގެ ސަބަބުންނެވެ. މިފްޒާލްގެ ފޯނަށް ލިއުުޝާ ޖަވާބު ނުދީ، ފޯނު ނިއްވައިލުމުން އެކަން ވީ މިފްޒާލަށް ޤަބޫލު ކުރަން ދަތި، އުދަނގޫ ކަމަށެވެ. މިފްޒާލްގެ ހިތުގައި ބާރުގަދަ ކޮޅިގަނޑެއް އުފެދި، ފަހަރަކަށް ވުރެ، ފަހަރެއް އެ ތޫފާނުގެ ބާރު ދިޔައީ ގަދަ ވަމުންނެވެ. ލިއުޝާގެ ލޯތްބަށް ފެން ބޮވައިގެންފައިވާ މިފްޒާލް ބޭނުން ވަނީ ލިއުޝާގެ ލޯބިން އޭނާގެ ކަރުގެ ތެތްކަން ފިލުވައިލާށެވެ. އެ ލޯބި ހާސިލުކޮށް، އެލޯބީގައި މިފްޒާލްގެ ދިރިއުޅުން އާރާސްތު ކުރަން އޭނާ ހުރީ ނިކަން ވަރުގަދަ ޢަޒުމެއް ކަނޑައަޅައިގެންނެވެ. އެ ޢަޒުމުގައި ސާބިތުވެ، މިފްޒާލްގެ އަތުން ފައިން ހެދޭ ގޯސް ނޭނގޭ ވަރަށް އޭނާ ވަނީ އެ ލޯބީގައި ދީވާނާ ވެފައެވެ. ނަމަވެސް މިފްޒާލް އެ ލޯބި ހާސިލު ކުރަނީ ބުއްދިވެރި ގޮތެއް ނެތި، ބަދަލު ހިފުމާއި، އަނިޔާވެރިކަން ކުރިއަށް ނެރިގެންނެވެ. އެގޮތުގައި މިފްޒާލް ދެކޮޅަށް ހިނގަމުން ދަނިކޮށް މިފްޒާލްގެ ހިތް ބުނަން ފެށީ ނުބައި ބޮޑު ފާފައަކަށް އަރައިގަންނާށެވެ.

"ދަރިފުޅާ. އެއްޗެއް ކާން ތެދުވޭ!" ޒުހުދާ އައިސް އިށީންނީ ޒީނާ އޮށޯވެގެން އޮތް އެނދުގައި، އޭނާ ފައިލައިގެން އޮތް ކޮޅުގައެވެ.

"ނޫން މަންމާ. އަހަރެން ދެން ނުކާނަން. މި އޮތީ ޖޫސް ތައްޓެއް ބޮއިގެން." ޒީނާ މޫނުމަތީގައި ބާލިސް އަޅަމުން ބުނެލިއެވެ.

"ތިހެން ނުހަދާ ދަރިފުޅާ! ހިނގާ މަންމައާ އެކު ކާން. މަންމަ މިހާރު ވަރަށް ކަންތައް ބޮޑުވޭ ދަރިފުޅު ތިއުޅޭ ގޮތުން..." ޒުހުދާގެ ދެއަތުން ޒީނާގެ ފައިގައި ފިރުމަމުން ދިޔައެވެ.

"ދަރިފުޅު ކޮންމެވެސް މަންމައަށް ކަމެއް ސިއްރު ނުކުރައްޗޭ! މަންމަ ވަރަށް ދެރަވާނެ ދަރިފުޅަށް ކަމެއް ވެއްޖިއްޔާ. ތީ މަންމަގެ ހުރި ހަމަ އެކަނި ދަރިޔަކީ ވެސް.." ޒުހުދާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެއްވެސް އެއްޗެއް ނުބުނެ، ޒީނާ އޮތީ މޫނުމަތީގައި ބާލިސް އަަޅައިގެންނެވެ.

"ހިނގާ ކާން. ތި ބޮލަށް ވެސް ތަދު ވަނީ ނުކާތީ އޭ." ޒީނާގެ މޫނުމަތީގައި އަޅާފައި އޮތް ބާލިސް ނަގަމުން ޒުހުދާ ހިފައިލީ ޒީނާގެ އަތުގައެވެ. ޒީނާ އެނދުން ނަގާށެވެ. ޒީނާ މޯޅިއަކަށް ދެމިލަމުން ލަތްކަކަށް އެނދުން ތެދުވިއެވެ.

***

ހައިޝަމްގެ ޚިޔާލު ތަކުގައި، ޚިޔާލީ ދުުނިޔެއެއްގައި، ޚިޔާލީ ދާސްތާނެއް ފުރިހަމަ ކުރަމުން ދަނިކޮށް ލިއުޝާއަށް ސިއްސައިގެން ގޮސް ދޮރަށް ބަލައިލެވުނީ ދޮރުގައި މީހަކު ޓަކި ދޭން ފެށުމުންނެވެ.

"ކާކު؟" ލިއުޝާ ކާކުތޯ ނުބަލައި ދޮރު ހުޅުވަން ބޭނުން ނުވިއެވެ. ދޮރުގައި އިން ބިއްލޫރިކޮޅުން ވެސް އެއްވެސް މީހެއް ފެންނާކަށް ނެތެވެ.

"ކާކު؟" ލިއުޝާ ތަކުރާރުކޮށް ސުވާލު ކުރިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ބޭރުގައި ހުރި މީހާގެ ފަރާތުން ނުލިބުމުން ލިއުޝާ ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ވަންނާށެވެ.

"މިފްޒާލް.." ބޭރުން އިވުނު އަޑާއި އެކު، ލިއުޝާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ލިއުޝާ ކުއްލިއަކަށް ބަލައިލީ ދޮރަށެވެ.

"ޕްލީޒް ލިއު. އަހަރެން ކުރި ކުށް އަހަރެން ޤަބޫލުކޮށްފީމޭ. އަހަރެން ބޭނުން މާފަށް އެދެން." މިފްޒާލް ދޮރުން ބޭރުގައި ހުރެ ބުނެލިއެވެ. ލިއުޝާ ފުންކޮށް ނޭވާއެއް ލަމުން، ދޮރާއި ގާތަށް ޖެހެލިއެވެ.

"މިހާރު ބުނެވެއްޖެއެއްނު؟ ދެން ދޭ!" ލިއުޝާ ޖެހިލުންވެ ހުރެ ބުނެލިއެވެ.

"ޕްލީޒް... ލިއު.. ހަމަ އެންމެ ފަހަރަކު ދޮރު ހުޅުވައިދީ.. ޒީނާއަށް އައި ބަދަލުތައް ކިޔާދީ، މިކަން ހައްލު ކުރަން އަހަރެން ބޭނުން. މިއީ ވާހަކަދައްކައިގެން ހައްލު ކުރެވޭނެ ކަންކަން.." މިފްޒާލް އެހެން ބުނުމުން ލިއުޝާ ވަގުތުކޮޅަކު ވިސްނައިލިއެވެ. އޭނާގެ ސިކުނޑި ވިސްނައި ދެނީ ދޮރު ނުހުޅުވަމަށެވެ. މިފްޒާލްގެ ވާހަކަތަކަށް އެއްވެސް އިތުބާރެއް ލިއުޝާގެ ނެތީމައެވެ.

"ޕްލީޒް ލިއު.. އާދޭސް ކޮށްފަ މިބުނީ.. ހަމަ ހުވާ.. އަހަރެން އެއްްވެސް ކަމެއް ނުކުރާނަން.." މިފްޒާލްގެ އަޑާއި ރާގު ބަދަލުވިއެވެ. ދޮރު ކައިރީގައި ހުއްޓިގެން ލިއުޝާ ހުރީީީ ދޮރު ހުޅުވަން ނުކެރިފައެވެ.

***

"ކޯއްޗެއް ކައްކަންވީ؟" ހައުލާ ބަދިގެއަށް ވަންނަމުން މިފްރާހަށް ބަލައިލިއެވެ.

"މައުރީންއަށް ނޫޑްލިސް ކައްކަން އިނގޭތަ؟ އޯކޭތަ މައު ކިޔަސް.." މިފްރާހުގެ ފަރާތުން ފެންނަނީ އޯގާތެރި ކަމާއި، ހިތްހެޔޮ ކަމެވެ. އާނއެކޭ ބުނެ ހައުލާ ބޯޖަަހައިލިއެވެ.

"މައު އަށް އިނގޭތަ؟" މިފްރާހު އައިސް އިށީންނީ ކާގޭގައި އިން ގޮނޑިއެއްގައެވެ. މިފްރާާހުގެ މޫނުމަތިން އެއްވެސް ހަމަޖެހުމުގެ ކުލަވަރެއް ނުފެނެއެވެ.

"ކޮން ކަމެއް؟" ހައުލާ އަހައިލިއެވެ.

"ދިރިއުޅުމަކީ އިމްތިހާނެއް ދޯ؟ އެތައް ކަމަކާ ކުރިމަތިލާން ޖެހޭނެ.. އެތައް ބޮޑެތި ބަދަލުތަކެއް އަންނާނެ." މިފްރާހު ފެށި ވާހަކައިން ހައުލާ ހައިރާނެއް ނުވިއެވެ. ހައުލާއަށް މިފްރާހު ކުރާ ހިތާމަތައް، މިފްރާހު ފެނުނު ވަގުތުގައި ވެސް އެނގުމުންނެވެ.

"އަހަރެން އަހަން އުޅުނިން. މިފްރާހު ދެރަވެފަ ހުންނަ ހެން ހީވާތީ.. އެއީ ކީއްވެގެންތޯ. އަހަރެންނަށް އެނގެއްޖެ މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގަ ތީ ކިހާ ރަނގަޅު މީހެއްކަން. ހިތްވަރުގަދަ މީހެއް ތީ.." ހައުލާ އެހެން ބުނެ ކެރެޓު ކޮށަން ފެށިއެވެ.

"ހިތްވަރު ކޮށްގެން އުޅެވޭނީ.. އަހަރެން އެންމެ ލޯބިވާ މީހާ އަހަރެން ދޫކޮށް ދިޔަ ފަހުން އަހަރެން ޙަޤީޤަތުގައި ވަރަށް ބަލިކަށި ވެއްޖެ.." މިފްރާހު އިސްދަަށަށް ޖެހިއެވެ. ހައުލާ ދެރަވެފައި ބަލައިލީ މިފްރާހަށެވެ.

"ސޮރީ.." ހައުލާ އެހެން ބުނެ، މިފްރާހުގެ ހިތާމައިގައި ބައިވެރިވެލިއެވެ.

"މައު.. އަހަރެން ހައުލާ ދެކެ ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ލޯބިވޭ.. އެއީ އަހަރެންގެ ދިރިއުޅުން. އެކަމު ހައުލާ އަހަރެން ދޫކޮށް އެދިޔައީ އަހަރެންގެ ހިތް ރޮއްވާލާފަ.." މިފްރާހުގެ ވާހަކަތަކުން ހައުލާގެ ލޮލަށް ވަރަށް އަސަރު ކުރަން ފެށިއެވެ.

"އަހަރެންނަށް ނޭނގެ އަހަރެންނަށް މިވާހަކަތައް މައުއަށް މި ކިޔާދެވެނީ ކީއްވެ ކަމެއް ވެސް.. އެކަމު އަހަރެންގެ ހިތަށް މިގޮތަށް މިވާހަކަތައް ބޭރު ކުރީމަ ލުޔެއް ލިބޭނެ ކަމަށް މި ބަލަނީ.." މިފްރާހު ވާހަކަދައްކަމުން ދިޔައީ އިސްދަށަށް ޖަހައިގެން އިނދެއެވެ. އޭރުވެސް މިފްރާހުގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ.

"މައު.. މައު ރުޅި ނާންނައްޗޭ! އަހަރެންނަށް މައުގެ އަޑާ، އަހަރެންގެ ހައުލާގެ އަޑު ވަރަށް ވައްތަރު.. ވެދާނެ މީ އަހަރެންނަށް ޖެހިފާވާ ބައްޔަކަށް ވެސް.." މިފްރާހު އެހެން ބުނުމާއި އެކު، ހައުލާގެ ދެލޯ ބޮޮޑުވެ، ކެރެޓު ކޮށަން އިން ވަޅި އަތުން ދޫވެގެން ގޮސް ވެއްޓުނެވެ.

"ސޮރީ.." ހައުލާ ވަރަށް އަވަސްކޮށް ގުދުވެލަމުން ވަޅި ނެގިއެވެ.

***

މިފްޒާލްގެ އާދޭސްތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދިވެސް އޭނާ ގެންދިޔައީ އާދޭސް ކުރަމުންނެވެ. އެ އާދޭސްތަކަށް ބީރު ކަންފަތެއް ދީގެން ލިއުޝާ އިނީ ދޮރު ހުޅުވަން ފަސްޖެހިފައެވެ.

"ހަމަ ހުވާ ލިއު.. އެއްވެސް ކަމެއް ނުވާނެ.. އަހަރެން ބޭނުމީ ވާހަކަދައްކާލަން.." މިފްޒާލްގެ އަޑުގައި ވަނީ ރިހުންތަކެވެ. ލިއުޝާ މަޑުމަޑުން ކުރިއަށް ފިޔަވަޅު ނަގަމުން ގޮސް ދޮރުގެ ތަޅުގައި ހިފައިލިއެވެ. އެއީ ދުވަހަކުވެސް ލިއުޝާއަށް މިފްޒާލް ރޯއަޑު އިވިފައި ނުވާތީއެވެ. މިފްޒާލް އެވަރުގެ ބޮޑު ހިތާމައެއް "ފޭކެއް" ގޮތުގައި ކޮށްފާނެ ބާއޭ ލިއުޝާގެ ހިތް ބުނަން ފެށުމުންނެވެ.

ދޮރުގެ ތަޅުގައި ހިފާފައި ވެސް ލިއުޝާ ފަސް ޖެހުނެވެ. ލިއުޝާ ބިރު ގަންނަނީ އެވެ. ފަސްޖެހެނީއެވެ. ފުންކޮށް ނޭވާެއެއް ލަމުން، އަނެއްކާ ވެސް ލިއުޝާ ފަހަތަށް ފިޔަވަޅު ނަގަން ފެށިއެވެ.

"ހެޔޮ ނުވާނެ ލިއު.. އާދޭސް ކޮށްފަ މިބުނީ. ސަލާން ޖަހާފަ. އަހަރެންނާ ވާހަކަދައްކާލާ. ޕްލީޒް.." ލިއުޝާއަށް ހަދަންވީ ގޮތް ނޭނގި އަނެއްކާ ވެސް ދޮރާއި ދިމާލަށް ހިނގަން ފެށުނެވެ.

"އަމިއްލަ ފިރިމީހާ ސަލާމަތްވެ، ބެސްޓު ފުރެންޑްއާ ޖެހިގެން އުޅޭ މައްސަލަތައް ހައްލުވެ، އަހަރެމެންގެ މެދުގަ މިއޮތް ނުތަނަވަސް ކަން ވާހަކަ ދައްކައިގެން ހައްލުކުރަން މި ދޮރު ހުޅުވަބަލަ." މިފްޒާލް އެހެން ބުނުމުން ލިއުޝާ ހަށިފުރާ ނޭވާއެއް ލަމުން ދޮރު ހުޅުވައިލިއެވެ. ހިތާ މުޅިން އެއްކޮޅަކަށް ނޫނެވެ. ދޮރު ބުޑުގައި ރޯން އިން މިފްޒާލް ބަލައިލީ ލިއުޝާއަށެވެ.

"ލިއު. ތޭންކްސް.. އަހަރެން ލިއުގެ ގާތުން އެދެނީ..." މިފްޒާލް ކޮޅަށް ތެދުވެ، އޭނާގެ މޫނުމަތި އޭނާގެ ދެއަތުން ފޮހެލިއެވެ. އަދި ބަލައިލީ އޭނާގެ ކުރިމަތީގައި ހުރި ލިއުޝާއަށެވެ. ހަމަ އެއާއި އެކު ވައިހައްކަޅަ އަރާފައިވާ މިނިކާ ވަގެއް ފަދައިން މިފްޒާލް ލިއުޝާގެ ގަޔަށް އަރައިގަތެވެ. (ނުނިމޭ)