މިފްކޯ

އެމްޕީއެލްގެ "ރީޗް ސްޓެކާސް" މިފްކޯއަށް ވިއްކާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ބަރު ކޮންޓެއިނާތައް އުފުލަން ބޭނުންކުރާ ވެހިކަލް "ރީޗް ސްޓޭކާ" ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ވިއްކާލައިފި އެވެ.

އެމްޕީއެލުން މިފްކޯ އަށް އުޅަނދު ވިއްކީ ދިގު މުއްދަތުން ފައިސާ ދައްކާ ހާލާސް ކުރާ ގޮތަށެވެ. އެ ގޮތުން މިފްކޯއިން ފަސް އަހަރުން 1.6 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ އެވެ.

އެމްޕީއެލުން މިފްކޯއަށް ރަސްމީ ކޮށް މި ރީޗް ސްޓޭކާ ވިއްކާފައި ވަނީ އެމްޕީއެލުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ އެވެ. އަދި އެމްޕީއެލުގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ.

ރީޗް ސްޓޭކާ އަކީ ކޮންޓެއިނާތައް އުފުލުމަށް އެމްޕީއެލުން ބޭނުން ކުރާ ވެހިކަލެކެވެ.

ޝާހިދު އަލީ ވިދާޅުވީ ރީޗް ސްޓޭކާ މިފްކޯއަށް ވިއްކާލީ މިފްކޯ އިން އެކަމަށް އެދުމުން މިފްކޯގެ ހާލަތަށް ބަލައި ކަމަށެވެ. އަދި ވިދާޅުވީ ރީޗް ސްޓޭކާއަކީ އެމްޕީއެލުން ބޭނުންކޮށްފައިވާ، ވެހިކަލަކަށް ވިޔަސް އެ ވެހިކަލަކީ މި ވަގުތުވެސް ވަރަށް ރަނގަޅު ހާލަތެއް ގައި އޮތް ވެހިކަލެއް ކަމަށެވެ.

އެސްޓީއޯގެ ދަށުގައި އޮންނަ މިފްކޯގެ އެމްޑީ، ފައުޒީ ވިދާޅުވީ މި ވެހިކަލާއެކު ފެލިވަރުގެ ކޮންޓެއިނާތައް ލޯޑު ކުރުމަށާއި އަންލޯޑު ކުރަން ފަސޭހަތަކެއް ވާނެ ކަމަށާއި މިފްކޯގެ ކަންކަން ހަރުދަނާ ކުރަން މަގުފަހި ވާނެ ކަމަށެވެ.