ހަބަރު

ލުއި ލޯނާއި ކާޑު ހެއްދުމަށް އޮންލައިންކޮށް އެޕްލައި ކުރުން ގިނަވެއްޖެ

ލުއި ލޯނާއި ކާޑު ހެއްދުން ފަދަ ހިދުމަތްތަކަށް ބެންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ރިކޯޑު އަދައަކަށް ފޯމު ހުށަހަޅައިފިއެވެ.

ނުވަ މަސްދުވަހުގެ ތެރޭގައި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލުއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން އިތުރު އެކައުންޓް ހުޅުވުމާއި ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަހަޅާފައިވެއެވެ. މި ހިދުމަތްތަކަށް އެދި 80،000 ވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައެވެ. ބީއެމްއެލް އިން ބުނީ، މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 33 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ ކޮވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭ ގޮތް ހަމަޖައްސައިދީފައި ވާނެ ކަމަށެވެ. އެގޮތުން އިންޓަނެޓް ބޭންކިންގ އަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމާއި ޑިޖިޓަލް ޕިންގެ ހިދުމަތާއި ޓީޓީ އަށް އެދި ހުށަހެޅުމާއި ޕޭރޯލްގެ ހިދުމަތް ހޯދުމަށް އީމެއިލް ކުރެވޭ ގޮތް ހެދުން ހިމެނެއެވެ.