ފޮރިން މިނިސްޓްރީ

އިންޑިއާއާ ދެކޮޅަށް ފޮރިން މިނިސްޓްރީ ކުރިމަތީ މުޒާހަރާ ކޮށްފި

ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވާ ކަމަށް ބުނެ އާންމުންގެ ބަޔަކު ނިކުމެ ފޮރިން މިނިސްޓްރީ ކުރިމަތީ މިއަދު މުޒާހަރާ ކޮށްފި އެވެ.

"އިންޑިއާ އަައުޓް" ލިޔެފައިވާ ދިދަތަކަކާއި ދިވެހި ގައުމީ ދިދަ ހިފައިގެން ތިބެ ފޮރިން މިނިސްޓްރީ ކުރިމަތީ މުޒާހަރާ ކުރި މީހުން ވަނީ ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވެފައިވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުުއުފުލާފައެވެ. އަދި ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ފަރާތުން ދިވެހިންނަށް ތަފާތު ގޯނާތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާ އެކަންކަން ބެލުމަށް ސަރުކާރު "ނުކުޅެދި" ފައިވާ ކަމަށް ބުނެ އެ މީހުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ރިސޯޓެއްގެ އިސް މަގާމެއްގައި ހުރި އިންޑިއާ މީހަކު ދިވެހި އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައާ ދާދި ފަހުން މިސްކިތެއްގެ ތެރޭގައި ދުވަސްވީ މީހަކާއި މާރާމާރީ ހިންގި އިންޑިއާ މީހާގެ މައްސަލައާ މަސްތުގެ ހާލުގައި މަގުމަތީ ހުރެ ދީނަށް ފުރައްސާރަކުރި އިންޑިއާ މީހާގެ މައްސަލަވެސް ސަރުކާރުން ބަލާފައިނުވާ ކަމަށް އެ މީހުން ބުނެ އަޑުއުފުލާފައިވެއެވެ.

15 މީހަކު ބައިވެރިވި މި މުޒާހަރާއަކީ އިދިކޮޅުން އިންތިޒާމު ކުރި ހަރަކާތަކަށް ނުވި ނަމަވެސް މުޒާހަރާގައި ތިބީ އިދިކޮޅު އެއްވުންތަކުން އާންމުކޮށް ފެންނަ ބައެކެވެ. މީޑިއާއަށް އެ ހަރަކާތުގެ މައުލޫމާތު ދިނީވެސް އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅޭ ބައެއް އެކްޓިވިސްޓުންނެވެ.

މި ސަރުކާރާއި އަވަށްޓެރި އިންޑިއާ އާދެމެދު ފަހަކަށް އައިސް ގާއިމުކޮށްފައި އޮތް އާދަޔާ ހިލާފު ގުޅުމަށް އިދިކޮޅުން ފަރާތްތަކުން ފާޑު ކިޔައި ކަންބޮޑުވުން ފާޅު ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރާކަމުގެ ޝަކުވާ އެވެ. އެކި ނަން ނަމުގައި އޮއްސަމުންދާ ލޯނުތަކާއި އެހީތަކުގެ އަދަދު ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރަށް އަރައި، ދަރަނީގެ ތިލަފަތް އެ ގައުމަށް ބަރުވެގެންދިއުމާ ގުޅޭ ކަންބޮޑުވުމެވެ. ހެލިކޮޕްޓަރުތަކާއި މަތިންދާބޯޓުތަކާއި މަނަވަރުތަކުގެ ނިވަލުގައި ދިވެހި ފަސްގަނޑަށް ޖަމާވަމުންދާ އިންޑިއާ ސިފައިންގެ އަދަދުތައް އިތުރުވުމުގެ ހިތްހަމަނުޖެހުމާއި ހާސްކަމެވެ.

އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ، އެ ހުރިހާ ކަމެއްގެ ތަފްސީލު ސިއްރުކޮށް، މަތިއަޅާފައި ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެވެ. ގައުމީ ސަލާމަތުގެ ބަހަނާގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އެކި ގޮތްގޮތަށް އުޅެގެންވެސް ހާމަކުރުވޭ ގޮތެއް ނުވި އެވެ. އިންޑިއާގެ "ދީލަތި" ލޯނުތަކުގެ މައުލޫމާތަށްވެސް އޮތީ އެ ހަމަ އެވެ. އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ.