ހަބަރު

މެޓްރޯ ހިންގި އިމާރާތުގައި ނިދާ މީހުން ފަރުކޮޅުފުއްޓަށް

މެޓްރޯ ކެފޭ ހިންގި އިމާރާތުގައި ނިދާ ހަދަމުންދިޔަ ޒުވާނުންގެ ތެރެއިން ތިން މީހަކު ނޭޝަނަލް ޑްރަގް އޭޖެންސީގެ ހަވާލުގައި ފަރުކޮޅުފުށީގައި ގާއިމު ކޮށްފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލު ކޮށްފި އެވެ.

މެޓްރޯ ކެފޭ ހިންގި އިމާރާތުގައި މަސްތުވާތަކެތީގެ ބަވާގައި ޖެހިފައިވާ ގިނަ އަދަދެއްގެ ޒުވާނުން ދަނީ ދިރިއުޅެ، ނިދާ ހިދަމުންނެވެ. އެކަން މިއަދު ހެނދުން ފެށިގެން ސޯޝަލް މީޑިއާގައި އެތަށް ބަޔަކު ދިޔައީ ހިއްސާ ކުރަމުންނެވެ. އަދި ޒުވާނުން ނިދާފައި ތިބޭ މަންޒަރު ފެންނަ ފޮޓޯތައްވެސް އާންމުވެފައިވެއެވެ.

އާންމުންގެ ފާޑުކިޔުން ސަރުކާރާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުންނަށް އަމާޒުވެފައިވަނިކޮށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯހިޔާވަހިކަމަަށް ބޭނުން ޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުން ކުރަމުންދާ މީހުންގެ ތެރެއިން ފަރުވާއަށް ބޭނުންވާ ބަޔަކު ކުރީން މެޓްރޯ ކެފޭ ހިންގި އިމާރާތުގައި ދިރިއުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެ ދެ މުއައްސަސާއިން މިއަދު ހަވީރު އެ ތަނަށް ޒިޔާރަތް ކޮށްފައިވާ ކަމަަށެވެ.

އަދި ފަރުވާއަށް ބޭނުންވާ ތިން މީހަކު ނޭޝަނަލް ޑްރަގް އޭޖެންސީގެ ހަވާލުގައި ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލުކޮށްފައިވެއެވެ. އެ އިމާރާތް ސާފު ކުރުމުގެ މަސައްކަތުގެ ކުރަމުންދާ ކަމަށްވެސް ބުންޏެވެ.