މި ސަރުކާރުން ރިސޯޓު ހަދަން ހުޅުވާލި ފުރަތަމަ ހަތަރު ރަށަށް ޝައުގުވެރިވެ 65 ފަރާތް ތަކުން މައުލޫމާތު ހޯދައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން އަވަސް އާ ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވި ގޮތުގައި އަލަށް ރިސޯޓު ހަދަން ނެރޭ ރަށްތަކުގެ މައުލޫމާތު ސާފު ކުރަން ބޭއްވި ސެޝަންތަކުގައި 65 ޕާޓީ އަކުން ބައިވެރިވެ މައުލޫމާތު ހޯދި އެވެ. އަދި މިހާތަނަށް ބައެއް ފަރާތްތަކުން ބިޑު ފޮތް ވެސް ގަނެފައިވެ އެވެ.
"މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގައި ބައިވެރި ނުވި ނަމަވެސް މި މަަޝްރޫއަށް ބިޑު ކުރެވޭނެ. ބިޑު ފޮތްތައް މާޗް ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ވިއްކަމުން ގެންދާނެ،" ހުއްސާން ވިދާޅުވި އެވެ.
ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން ރަށްތަކެއް އާންމުކޮށް ވަނީ ޑިސެމްބަރު 27 ވަނަ ދުވަހު އެވެ. ހުޅުވާލާފައި ވަނީ ތިން ރަށަކާއި ރަށެއްގެ ބައެކެވެ. އެއީ ހއ. އަލިދުއްފަރު ފިނޮޅާއި ހދ. އަތޮޅު އަދި ދަނޑުވެރިކަން ކުރާ ރަށެއް ކަމަށްވާ ވައިކަރަމުރައިދޫން 15 ހެކްޓަރުގެ ބިމުން ބައެކެވެ. މީގެ އިތުރުން ށ. އަތޮޅު ކުޑަޅައިމެންދޫ އާއި ނ. އަތޮޅުގެ ކުންނަމެލައި ވެސް ރިސޯޓު ހަދަން ހުޅުވާލި އެވެ.
ހުޅުވާލި ރަށްތައް
- ހއ. އަލިދުއްފަރު
- ހދ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން
- ށ. ކުޑަޅައިމެންދޫ
- ނ. ކުންނަމެލައި
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނީ ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު އަލަށް ރިސޯޓު ހަދަން ދޭ ރަށްތަކަށް ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށެވެ.
ރިސޯޓު ތަރައްގީ ކުރުމަށްޓަކައި 29 ރަށް މި ދައުރު ނިމޭއިރު ނެރޭނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މި ރަށްތައް ހުޅުވުމުން 18،000 ވަޒީފާ އުފެދޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.
މި ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން މިހާތަނަށް އިއުލާނުކޮށްފައި ވަނީ އުލިގަމް ޔޮޓް މެރީނާ އާއި ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއެއްގެ އިތުރުން ކެލާގައި ސިޓީ ހޮޓަލެއް އެޅުމަށް އިއުލާނު ކުރި މަޝްރޫއެކެވެ. ކެލާ ސިޓީ ހޮޓަލުގެ މަޝްރޫއު މިހާރު ވަނީ ފެޑޯ އިންވެސްޓްމެންޓް އާ ހަވާލުކޮށްފަ އެވެ.
ސަރުކާރުން ބނާ ގޮތުގައި މި އަހަރު 15 ރިސޯޓެއް ހުޅުވާނެ އެވެ. މި އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރަން 10 ރަށްތަކެއް ނެރެގެން އެ ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.