ޓީސީ

ޓީސީގެ ކޯޗް ކަމުން ޝާޒް އިސްތިއުފާ ދީފި

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗް ކަމުން، ޝާޒްލީ މުހައްމަދު (ޝާޒް) އިސްތިއުފާ ދީފި އެވެ.

ޝާޒްގެ އިސްތިއުފާ އާ ގުޅިގެން އޭނާ، މީޑީއާ އަށް ބުނީ މަގާމުން އިސްތިއުފާ ދެނީ އަމިއްލައަށް ކަމަށެވެ. އިސްތިއުފާ ދޭން މެނޭޖުމެންޓުން ޕްރެޝަރު ކުރީތޯ ސުވާލު ކުރުމުން ޝާޒް ބުނީ، އެފަދަ އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ.

ޝާޒްގެ ކޯޗް ކަމުގެ ދަށުން ޓީސީން ވަނީ، ލީގްގެ ފުރަތަމަ ބުރުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ޒުވާން ޓީމަކާ އެކު ނުކުމެ ފުރަތަމަ ބުރު ނިންމާލީ ގަދަ ހަތަރެއްގެ ތެރޭގައި އޮވެގެންނެވެ. ކުޅުނު ހަތް މެޗުން ނުވަ ޕޮއިންޓް ހޯދި އެވެ.

މިދިޔަ ސީޒަންގެ މެދުތެރެއިން ޓީސީ އާ ހަވާލު ވުމުގެ ކުރިން ޝާޒް މަސައްކަތް ކުރީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގަ އެވެ. އެ ޓީމާއެކު 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ބްރޯންޒް މެޑަލް ހޯދި އެވެ.

ޝާޒް އިސްތިއުފާ ދިނުމުގެ ކުރިންވެސް، ޓީސީގެ ކޯޗް ކަމަށް، މާޒިޔާގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. ނިޒާމްގެ ކޯޗް ކަމުގެ ދަށުން، ވަރުގަދަ ސްކޮޑަކާ އެކު 2018 ވަނަ އަހަރު ލީގް ޗެމްޕިއަންކަން ޓީސީން ހޯދި އެވެ.

ޝާޒް އަކީ، މި ސީޒަންގައި މިހާތަނަށް މަގާމު ގެއްލުނު ފަސް ވަނަ ކޯޗެވެ. އެންމެ ފުރަތަމަ ކޯޗް ބަދަލު ކުރީ މާޒިޔާއިންނެވެ. އެއަށް ފަހު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އަދި ސުޕަ ޔުނައިތެޑް ސްޕޯޓްސް އިން ވެސް ކޯޗުން ބަދަލު ކުރި އެވެ.