ހަބަރު

ތުނބުޅި ދިގު ކުރުމުން ވަކިކުރި ބަޔެއްގެ ވަޒީފާ އިއާދަކޮށްދޭން ޖެހިއްޖެ

Jan 27, 2021
3

ތުނބުޅި ދިގުކޮށް އަދި ފަޓުލޫނުގެ ފައިކުރި ކުރުކޮށްފައި ބެހެއްޓުމުން އިމިގްރޭޝަނުން ވަކިކުރި ހަތަރު މުވައްޒަފެއްގެ ވަޒީފާ އިއާދަކޮށްދޭން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޑިސެމްބަރު މަހު އިމިގްރޭޝަންގެ ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އިމިގްރޭޝަނުން ކަނޑައެޅި ޔުނިފޯމް މިންގަނޑާ ހިލާފަށް އަމަލުކުރާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ އެ މީހުން ވަކިކުރީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، އެ މީހުން ވަކިކުރުމުގެ ކުރިން، ޔުނިފޯމް މިންގަނޑާ ހިލާފަށް އަމަލުކުރާ ކަމަށް ބުނެ އިމިގްރޭޝަނުން އެ މީހުންނަށް ފޮނުވި ލިޔުމުގައި އިސްލާހުކުރަންވީ ކަމެއް ބުނެދީފައި ނުވާ ކަމަށެވެ.

އަދި އެ މީހުންނަށް ފިޔަވަޅު އެޅީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު، މަހުގެ ތެރޭގައި އަމަލުކުރަން ފެށި ޔުނިފޯމް ގަވާއިދާ ހިލާފުވެގެން ކަމަށް ބުނެ ކަމަށާއި ނަމަވެސް، ވަކި ކުރި މީހުންނަށް ލިޔުން ފޮނުވާފައި ވަނީ އެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށެވެ.

އެހެންކަމުން، އަމަލުކުރަން ނުފަށާ ގަވައިދެއްގެ ދަށުން ފިޔަވަޅެއް ނޭޅޭނެކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން، ވަޒީފާއިން ވަކި ކުރެވޭނީ ކުށެއް ތަކުރާރުކޮށްގެން ކަމަށް ވާއިރު، އެ މީހުންނަށް ފިޔަވަޅު އެޅީ އިމިގްރޭޝަންގެ ޔުނިފޯމްގެ އާ ގަވާއިދަށް އަމަލުކުރަން ފެށި ދުވަހު ކަމަށާއި، އެހެންކަމުން، އެ މީހުން ކުށް ތަކުރާރުކުރީ ކަމަށް ބަލާނެ ހަމައެއް ނޯންނާނެ ކަމަށެވެ.

އިމިގްރޭޝަންގެ ޔުނިފޯމް ގަވާއިދަކީ އިސްލާމީ ޝަރީއަތާ ހިލާފު، ބާތިލް ގަވާއިދެއް ކަމަށް އެ މީހުންގެ ފަރާތުން ފާހަގަކޮށްފައި ވީނަމަވެސް، ހައިކޯޓުގެ ހުކުމުގައިވަނީ އެއީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ގަވާއިދެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ސަބަބަކީ ރާއްޖޭގެ ފިގުހު އެކަޑަމީ އާއި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ޓްރައިބިއުނަލަށް ފޮނުވި ސިޓީތަކުގައި ތުނބުޅި ވަކި ވަރަކަށް ބެހެއްޓުމަކީ އިސްލާމްދީނުގެ އަސްލެއް ކަމަށް ނުބެލެވޭ ކަމަށް ބުނެފައިވާތީ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި އަންގާފައިވަނީ އެ މީހުން އަލުން އިމިގްރޭޝަންގެ ވަޒީފާއަށް ނެރުން ހުރަސް އަޅާ ސަބަބެއް ނެތުމުން އެ މީހުން ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމާ އެކު ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ނަގައި ދިނުމަށެވެ.

ނަމަވެސް، އެހެން ވަޒީފާއެއް އެ މުއްދަތުގައި އަދާކޮށްފައިވާ ނަމަ، އެ މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް އުނިކުރަން ޖެހޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.