ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވާ ކަމަށް ބުނެ އާންމުންގެ ބަޔަކު ނިކުމެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކުރިމަތީ މިއަދު އަޑުއުފުލައިފި އެވެ.
"އިންޑިއާ އަައުޓް" ލިޔެފައިވާ ދިދަތަކަކާއި ދިވެހި ގައުމީ ދިދަ ހިފައިގެން ތިބެ ޝާހިދުގެ ގެކޮޅު ކުރިމަތީ އަޑުއުފުލި މީހުން އިއްޔެ ވަނީ ފޮރިން މިނިސްޓްރީ ހިންގާ އިމާރާތުގެ ބޭރުގައި ތިބެގެންވެސް އަޑުއުފުލާފައެވެ. އިހުތިޖާޖު ކުރި މީހުން ވަނީ ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވެފައިވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުުއުފުލާފައެވެ. އަދި ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ފަރާތުން ދިވެހިންނަށް ތަފާތު ގޯނާތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާ އެކަންކަން ބެލުމަށް ސަރުކާރު "ނުކުޅެދި" ފައިވާ ކަމަށް ބުނެ އެ މީހުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
ރިސޯޓެއްގެ އިސް މަގާމެއްގައި ހުރި އިންޑިއާ މީހަކު ދިވެހި އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައާ ދާދި ފަހުން މިސްކިތެއްގެ ތެރޭގައި ދުވަސްވީ މީހަކާއި މާރާމާރީ ހިންގި އިންޑިއާ މީހާގެ މައްސަލައާ މަސްތުގެ ހާލުގައި މަގުމަތީ ހުރެ ދީނަށް ފުރައްސާރަކުރި އިންޑިއާ މީހާގެ މައްސަލަވެސް ސަރުކާރުން ބަލާފައިނުވާ ކަމަށް އެ މީހުން ބުނެ އަޑުއުފުލާފައިވެއެވެ.
އިންޑިއާއާ ދެކޮޅަށް މި ދެ ދުވަހު ކުރި އިހުތިޖާޖަކީ އިދިކޮޅުން އިންތިޒާމު ކުރި ހަރަކާތަކަށް ނުވި ނަމަވެސް މުޒާހަރާގައި ތިބީ އިދިކޮޅު އެއްވުންތަކުން އާންމުކޮށް ފެންނަ ބައެކެވެ. މީޑިއާއަށް އެ ހަރަކާތުގެ މައުލޫމާތު ދިނީވެސް އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅޭ ބައެއް އެކްޓިވިސްޓުންނެވެ. ޝާހިދުގެ ގެކޮޅު ކުރިމައްޗަށް އެއްވި މީހުން ފޮނުވާލާފައިވަނީ ފުލުހުން އެ ސަރަހައްދަށް ގޮހެވެ.