ހަބަރު

އަދުރޭ އާއި ޝުޖާއު ދޫނިދޫއަށް ގެންގޮސްފި

އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން މިއަދު މާލޭގެ އެކި ދިމަ ދިމާގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާ ދޫނިދޫއަށް ގެންގޮސްފި އެވެ.

އެ ދެ ބޭފުޅުން ހައްޔަރު ކުރީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޑް ވެކްޝިނާ ބެހޭ ގޮތުން އަޑު އުފުލައި ދަރުބާރުގޭ ކުރިމަތީގައި އިހުތިޖާޖުގެ ކުރަމުން ދަނިކޮށް މިއަދު މެންދުރު އެވެ. އެ ދެ ބޭފުޅުން ދޫނިދޫއަށް ގެންގޮސްފައިވަނީ މިރެއެވެ. ހޯމަ ދުވަހުވެސް އެ ދެ ބޭފުޅުން ހައްޔަރުކުރި އެވެ. ނަމަވެސް އެ ރޭ ވަނީ ދޫކޮށްލާފައެވެ.

އަބްދުއްރަހީމް އާއި ޝުޖާއު ދޫނިދޫއަށް ގެން ދިއުމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ. އިދިކޮޅު ކޯލިޝަނުން ބުނީ އެ ދެ ބޭފުޅުން މިރޭ ދޫނިދޫއަށް ގެންގޮސް ބަންދުކޮށްފައިވާ ކަމަށެވެ. އަބްދުއްރަހީމް އާއި ޝުޖާއު އިތުރަށް ބަންދުގައި ބައިތިއްބާނަމަ މާދަމާ ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު ހޯދަން ޖެހޭނެ އެވެ.

އިދިކޮޅުން މިދިއަ ބުރާސްފަތި ދުވަހަށް ފަހު ސިޔާސީ މަގުމަތީ ހަރަކާތް އިތުރުކޮށް ކޮންމެ ދުވަހަކު ވެސް ގެންދަނީ މާލެ އާއި ބައެއް ރަށްރަށުގައި މުޒާހަރާތައް ކުރަމުންނެވެ. އަދި އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ފުޅާ މުޒާހަރާއެއް ކުރާނެ ކަމަށް އިދިކޮޅުން ދެ ޕާޓީން ވަނީ ބުނެފަ އެވެ.

އިދިކޮޅުގެ މަގުމަތީ ހަރަކާްތް އިތުރު ކޮށްފައިވާއިރު މިހާރު ވަނީ އަނެއްކާ ވެސް މާލޭ ސަރަހައްދުގައި ކާފިއުގެ ވަގުތުތަކެއް ކަނޑައަޅާފަ އެވެ.