ހަބަރު

ތަހުގީގުގައި ހުރިހާ ސުވާލަކަށް ވީޕީ ޖަވާބު ދެއްވި: ވަކީލް

ތަހުގީގުގައި ނައިބު ރައީސް އަހުމަދު އަދީބާ ފުލުހުން މިއަދު ކުރި ހުރިހާ ސުވާލަކަށް އެމަނިކުފާނު ފުރިހަމަޔަށް ޖަވާބު ދެއްވި ކަމަށް އަދީބުގެ ގާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މޫކައި ސޫޓްސް ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޯޔަރު ޝަމީމް ވިދާޅުވީ ނައިބު ރައީސް އަހުމަދު އަދީބުގެ ތަހުގީގުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 1:30 ގަ ކަމަށެވެ. ގާތްގަނޑަކަށް ހަތަރުގަޑި އިރަށް ކުރިއަށްގެންދިޔަ އެ ތަހުގީގު ސެޝަނުގައި ފުލުހުން އަދީބާ ކުރެއްވީ ވަކި ކަމަކާ ގުޅުވައިގެން ނޫން ކަމަށާއި، ކުރި ހުރިހާ ސުވާލަކަށް ވެސް ނައިބު ރައީސް ޖަވާބު ދެއްވި ކަމަށެވެ.

ޝަމީމް ވިދާޅުވީ، ނައިބު ރައީސް އަދީބުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ފިނިފެންމާ ލޯންޗުގައި ބޮމެއް ގޮއްވާލި ކަމަށް ނޫން ކަމަށެވެ. އެހެންކަމުން ރިޔާސީ ލޯންޗުގައި ހިނގި ހާދިސާއާ ނައިބު ރައީސް އަދީބާ ގުޅުމެއް ނުވާކަން ވަރަށް އަވަހަށް ހާމަކުަރައްވާނެ ކަމަށެވެ.

"ވަރަށް ރަނގަޅަށް މިއަދުގެ ސެޝަން ކުރިއަޑް ދިޔައީ. ފުލުހުންވެސް ފުރުސަތު ދެއްވި އަޅުގަނޑުމެން ވާހަކަދައްކަން، ވަރަށް ރަނގަޅަށް ފުލުހުން ކަންތައް ކުރެއްވީ. އެމީހުން ކުރި ހުރިހާ ސުވާލަކަށް ނައިބު ރައީސް ޖަވާބު ދެއްވި. ވަކި ކަމަކާ ގުޅިގެނެއް ނޫން ސުވާލުކުރެއްވީ. އެދުވަހު ވަޑައިގެންނެވި ތަންތަނާ ކުރެއްވި ކަންކަމާ އެކަހަލަ ސުވާލުތައް ކުރެއްވީ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކަންބޮޑުވެވަޑައިގަންނަވަނީ ތަހުގީގު މިހާރު ކުރިއަދާ މިސްރާބާ ދޭތެރޭގައި ކަމަށެވެ. އިންކުއަރީ ކޮމިޝަންގެ ތަހުގީގަކީ ސީދާ ވަކި މީހަކަށް ނިސްބަތްކޮށްގެން ވަކި މީހެއްގެ މައްޗަށް ހެކި ހޯދަން ކުރާ ތަހުގީގެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މިހާރު މި ފެންނަނީ ނައިބު ރައީސް ކުށްވެރިކުރާތަން. ހޯމް މިނިސްޓަރު އިސްވެ ހުންނަވައިގެން. ގާނޫނީ ނިޒާމް އޮތްގޮތުން ފުރަތަމަ ޖެހޭނީ ހެކި ހޯދަން. އެހެންވީމަ ތަހުގީގު އިންސާފުވެރި އެއް ނޫން، ވަކި މީހެއްގެ ފަހަތުން ގޮސް ވަކި މީހެއްގެ މައްޗަށް ހެކި ހޯދަން މަސައްކަތް ނުކުރާށޭ މި ދަންނަވަނީ. ހެކި ހޯދާފަ ހައްޔަރުކުރާށޭ،" ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެނީ މި ތަހުގީގު ކުރިއަށްދާއިރު ޖިނާއީ އިޖުރާއަތުތައް ފުރިހަމަކުރެއްވުން. އެގޮތަށް ހުރިހާކަމެއް ގެންގޮސްދެއްވައިފިއްާ އަޅުގަނޑުމެން ޔަގީންކޮށްދޭނަން މި މައްސަލަޔަކީ ނައިބު ރައީސާ ގުޅުމެއް ހުރި ކަމެއް ނޫންކަން،"

ޝަމީމް ވަނީ އިއްޔެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ބައެއް ވާހަކަފުޅުތަކަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް ގިނަ ވާހަކަފުޅުތައް ދެއްކެވީ ވަރަށް ބޮޑަށް އޮޅިވަޑައިގެން ހުންނަވައިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނައިބު ރައީސްގެ މުއްދަތު އިތުރުކުރަން ވީޑިއޯ ކޮންފަރެންސް ކޮށް ދޫނިދޫގައި ބޭއްވި ޝަރީއަތުގެ މަޖިލީހަށް ފާޑުވިދާޅުވަމުން ޝަމީމް ވިދާޅުވީ، އެއީ ޝަރީއަތެއް ކަމަށް ވެސް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. ކޮންފަރެންސް މެދު ކެނޑި ހުއްޓުން އަރާތީ ޝަރީއަތް ކުރިއަށް ދިޔަ ގޮތް ފަހުމް ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ވާނުވާ ނޭނގި ކުއްލިއަކަށް ހިނގައި ވެ ނިމުނު ކަމެއް އެއީ. ދޫނިދޫގައި ޝަރީއަތެއް ނުހިނގާ. ވީޑިއޯ ކެނޑޭވަރުން ވާހަކަ ދައްކާ އަޑެއް ނީވޭ. ނައިބު ރައީސަށް ވާހަކަދައްކަން ފުރުސަތެއް ނުލިބޭ. ތިން ފަހަރު އެދިވަޑައިގަތް އިރުވެސް ވީޑިއޯ ފްރީޒް. ދެން ގާޒީ ނިންމެވީ ނައިބު ރައީސް ފުރުސަތަކަށް އެެދިވަޑައިނުގަންނަވާ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫގައި ބަންދުކޮށްފައިވަނީ ގައުމަށް ޣައްދާރުވި ކަމުގެ ތުހުމަތުގަ އެވެ.

އެމަނިކުފާނުގެ ތަހުގީގުގެ ފުރަތަމަ ސެޝަން މިއަދު ބާއްވާފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ތަހުގީގުގެ ގިނަ ސެޝަންތަކެއް ބާއްވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.