ރާއްޖޭގައި ރަޖިސްޓްރީ ވެގެން ހިންގާ 30 ޖަމިއްޔާއެއް އެކުވެގެން އުފައްދާފައިވާ "ރައްޔިތުންގެ އިއްތިހާދު" ން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާ ބައްދަލު ކުރުމަށް އެދި ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް އެ ފުރުސަތު ދީފައިނުވާތީ އެ އިއްތިހާދުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެ އިއްތިހާދުން ބުނީ ތިން ފަހަރެއްގެ މަތިން ސިޓީ ހުށައެޅުންވެސް އެ ފުރުސަތު ދީފައިނުވާ ކަމަަށެވެ.
ރައްޔިތުންގެ އިއްތިހާދުން މިއަދު އިސްލާމިކް މިނިސްޓަރަށް ފޮނުވާފައިވާ ސިޓީގައި ބައްދަލުކޮށްލެވޭނެ ފުރުސަތު ދިނުމަށް އެދި ހަ މަސްތެރޭ ތިން ފަހަރު ސިޓީ ފޮނުވުމުންވެސް އެ ފުރުސަތު ދީފައިނުވާ ކަމަށް ބުނެފައިވެއެވެ. ހައްދުފަހަނައެޅި ލާދީނީ ޖަމާއަތެއް ކަމަށްވާ އެމްޑީއެންއާ އެ ޖަމާއަތަށް ވާގިވެރިވާ އުތެމަ ޖަމިއްޔާއާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މިދިޔަ އަހަރު އޯގަސްޓް މަހު އަދި ސެޕްޓެންބަރު މަހުވެސް ސިޓީ ފޮނުވާފައިވާ ކަމަށް އެ އިއްތިހާދުން ބުންޏެވެ. އެ އިއްތިހާދުން ބުނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ރައީސުލްޖުމްހޫރިއްޔާއާވެސް އެކި ގޮތްގޮތުން އެ އިއްތިހާދަށް މުއާމަލާތް ކުރެވިފައިވާ ކަމަަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓަރާ ބައްދަލްވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަަށެވެ.
"އިސްލާމިކް މިނިސްޓަރުގެ ކިބައިން މިހާތަނަށް ފެނިގެން ގޮސްފައިވަނީ ރައީސްގެ ވައުދުފުޅުތަކާއި މުޅީން އިދިކީލަ އަމަލުތަކެއް ކަމުގައި ބުނަން ޖެހުމަކީ ހިތާމަ ހުރި ކަމެކެވެ. އަދި ވަކިން ހާއްސަކޮށް އެމްޑީއެންއާ އުތެމަ މައްސަލާގައި މަނިކުފާނުގެ ފަރާތްޕުޅުން ފެނި އަޑުއިވިގެން ގޮސްފައި މިވަނީ ބޮނދައި ފިއްލަވާވަޑައިގެން ޖަވާބުދާރީނުވާން އުޅުއްވާފަދަ ފިނޑިކަމުގެ އަމަލުފުޅުތަކާއި ބަސްފުޅުތަކެކެވެ. އަދި އުތެމައިގެ ރިޕޯޓްތަކުގެ ތަހުގީގަށްވެސް އެންމެ އެކަށީގެންވާ ގޮތުގައި ޒިންމާ ނުއުފުއްލަވާ ތަނެވެ،" އަދާލަތުގެ ރައީސް ކަމަށްވެސް ވާދަކުރައްވާ މިނިސްޓަރު ޒާހިރަށް އިއްތިހާދުން ފޮނުވި ސިޓީގައިވެއެވެ.
އެ އިއްތިހާދުގެ ސިޓީގައި ވަނީ މިނިސްޓަރުގެ މެންޑޭޓާ ނުގުޅޭ އެތަށް ދާއިރާއެއްގެ ބޭފުޅުންނާއި ބައްދަލު ކުރަން ވަގުތުވާއިރު މިފަދަ މުހިންމު މައްސަލަތަކުގައި އެ އިއްތިހާދުގެ ޝަކުވާތައް އަޑުއެހުމަށް ވަގުތުކޮޅެއް ނުދީ އާދޭސް ކުރުވާ ކުރުވުމާމެދު ސުވާލު އުފައްދާފައެވެ. އަދި މިނިސްޓަރު ޒާހިރުގެ ކިބައިން ފެންނަ ނެގިމަޑުކަމާއި ފިނޑިކަމުގެ ސަބަބުން ލާދީނީ ޖަމާއަތުގެ ހަރަކާތްތަކަށް ހިތްވަރު ލިބި އެ ޖަމާއަތްތަކުގެ ހަރަކާތްތައް އިތުރު ކުރަމުންދާ ކަމަަށެވެ.