ދިވެހި ޕްރެމިއާ ލީގް

ޓީސީ ބަލިކޮށް ގްރާންޑޭ ދެވަނަ އަށް ޖެހިލައިފި

ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ދެ ވަނަ މަގާމަށް ދަ ގުރާންޑޭ ސްޕޯޓްސް ކުލަބު ޖެހިލައިފި އެވެ.

ކުރިން ދެ ވަނައިގައި އޮތް ވެލެންސިއާ ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. މެޗަށް ނުކުތް އިރު ވެލެންސިއާ އާއި ދަ ގުރާންޑޭ ޕޮއިންޓްގެ ގޮތުން ހަމަހަމަ އެވެ. އިއްޔަ މާޒިޔާ އާ ދެކޮޅަށް ކުޅުނު މެޗުން ވެލެންސިއާ ބަލިވުމުން އެ ޓީމަށް ވަނީި ދެ ވަނަ މަގާމުގައި ދެމިއޮތުމުގެ ފުރުސަތު ގެއްލިފަ އެވެ. ދަ ގުރާންޑޭ ދެ ވަނަ މަގާމުގައި މިހާރު އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 18 ޕޮއިންޓް ހޯދައިގެންނެވެ. ވެލެންސިއާ އަށް 12 ޕޮއިންޓެވެ.

ފުރަތަމަ ބުރުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުވެސް ކާމިޔާބު ކުރީ ގުރާންޑޭ އެވެ. މިއަދުގެ މެޗަށް ނުކުތް އިރު ޓީސީގެ ބެންޗަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އެ ޓީމުގެ ކޯޗްގެ މަގާމުގައި ހުރި ޝާޒްލީ މުހައްމަދު (ޝާޒް) ވަނީ ކޯޗު ކަމުން އިއްޔަ އިސްތިއުފާ ދީފަ އެވެ. މިއަދުގެ މެޗުގައި ޓީމަށް އިރުޝާދު ދިނީ، އެސިސްޓެންޓް ކޯޗް އަހްސަން ރަޝިދު އެވެ. ޓީސީގެ ކޯޗް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމް އަންނަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

މިއަދުގެ މެޗުގެ ވަރަށް ކުުރީ ކޮޅު ގުރާންޑޭއިން ވަނީ ލީޑް ނަގާފަ އެވެ. އެ ޓީމުގެ ލަނޑު ކެޕްޓަން ޔަޝްފާދު ހަބީބު (މުލަކޭ) ކާމިޔާބު ކުރީ މެޗުގެ އަށް ވަނަ މިނެޓްގަ އެވެ. ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމް ދިފާއު ކުރަން އުޅުނު ބޯޅަ އޭނާ އަށް ރަނގަޅަށް ކްލިއާ ކޮށް ނުލެވުނެވެ. އޭނާގެ ފައިގައި ޖެހިފައި ބޯޅަ އޭރިއާ ބޭރަށް ނުކުތް ނަމަވެސް އެ ބޯޅަ ލިބުނީ އޭރިއާ ބޭރުގައި ހުރި، ގުރާންޑޭގެ ޝިޒާން އަހްމަދަށެވެ. ލިބުނު ބޯޅަ އޭނާ ގޯލަށް އަމާޒުކޮށް ފޮނުވާލުމުން އެ ބޯޅަ ޓީސީގެ ޑިފެންޑަރުންގެ ގައިގައި ޖެހިފައި ރީބައުންސްވެގެން ބޯޅަ ލިބުނީ މުލަކޭ އަށެވެ. އޭނާ ވަނީ އޭރިއާގެ ތެރޭގައި ހުހަށް ހުރެ، ޓީސީގެ ކީޕަރު މަމަދޯވް އާޒާދު ކައިރިން ނައްޓާލުމަށް ފަހު ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

ޓީސީން ނަތީޖާ ހަމަހަމަ ކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގަ އެވެ. ޓީސީގެ މެލްކޮމް ސްޓްވާޓަށް، އެ ޓީމުގެ އިބްރާހިމް އަތީގް ހަސަން ދިން ބޯޅަ ހޯދައި އެރިއާގެ ތެރެއަށް ހުސްކޮށް ވަނުމުން، މެލްކޮމް ހުއްޓުވަން ނުކުތީ ގުރާންޑޭގެ ކީޕަރު އިޔާން އަބްދުލް އަލީމް އެވެ. އިޔާން ބޯޅައަށް ކުރިމަތިލުމުން އޭނާގެ ގައިގައި އަޅައި މެލްކޮމް އޭރިއާ ތެރެއަށް ވެއްޓުނެވެ. ރެފްރީ ދެއްކީ ޕެނަލްޓީއެއް ކަމަށެވެ. އަދި އިޔާން އަށް ރީނދޫ ކާޑު ދެއްކި އެވެ.

މެޗުގެ 22 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ މެލްކޮމް ފޮނުވާލީ ކީޕަރު އިޔާން ޑައިވް ކުރި ފަޅި އަށެވެ. އެހެންނަމަވެސް އޭނާ އަތުގައި ބޯޅަ ލައްވައެއް ނުލި އެވެ.

ގުރާންޑޭއިން އަލުން ލީޑް ނެގީ މުހައްމަދު ޝަހާއު (ބޭލް) އެވެ. އެބޯޅަ ޓީސީގެ ގޯލަށް ވަނީ އެ ޓީމުގެ ކީޕަރު އާޒާދުގެ ބޮޑު މިސްޓޭކަކުންނެވެ. ޓީސީގެ އޭރިއާގެ ބޭރުން، ގުރާންޑޭގެ އަޔާޒު އަހްމަދު (އަޔާ) ބޭލް އަށް އަށް ދިން ބޯޅަ ޓީސީގެ ޑިފެންޑަރުންގެ ކައިރިން ނައްޓާލާފައި އޭނާ ފޮނުވާލީ މަތިންނެވެ. އެ ބޯޅަ ކީޕަރު އާޒާދު ދިފާއު ކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ ވަނީ ގޯލަށެވެ.

މެޗުގެ ކުރިން، އަޔާ އަށް ވަނީ، ލީގްގެ ހަތް ވަނަ ހަފުތާގައި ސަޕޯޓަރުންގެ ފޭވަރިޓް ކުޅުންތެރިޔާގެ އެވޯޑް ދީފަ އެވެ. ދިވެހި ޕްރިމިއާ ލީގް ފޭސްބުކް ޕޭޖުގައި ހުޅުވާލި ޕޯސްޓްގައި ސަޕޯޓަރުންގެ އެންމެ ގިނަ ރިއެކްޝަން ލިބުނީ އަޔާ އަށެވެ. އޭނާއަށް އެވޯޑް ހަވާލު ކުރީ، ގައުމީ ޓީމުގެ ކޯޗް މާޓިން ކޫޕްމަން އެވެ.