ލައިފްސްޓައިލް

މުސްލިމު ފިރިހެނާ ތުނބުޅި ބަހައްޓަން ޖެހޭ

ތުނބުޅިއާ ގުޅިގެން ރާއްޖޭގައި އުފެދިފައިވާ ޚަބަރު ސުރުހީތަކަކުން މި ވާހަކައެއް ފަށައިގަންނަމާ ހިނގާށެވެ.

ބޭނުންވާ ވަރަށް ތުނބުޅި ދިގުކޮށްފައި ނުބެހެއްޓިގެން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް 2007 ވަނަ އަހަރު އެމީހުންގެ ވަޒީފާ ދޫކޮށްލި ޚަބަރަކީ މަޝްހޫރުވި ވާހަކަ އެކެވެ. ވަކި ވަރަކަށް ތުނބުޅި ނުބެހެއްޓޭނެ ކަމަށް އިމިގްރޭޝަންގެ އޭރުގެ ޑްރެސް ކޯޑުގައި ބަޔާންކޮށްފައި އޮތްއިރު އޭރު އެތަނުގެ އަންހެން މުވައްޒަފުން ބުރުގާ އަޅައިގެން ވަޒީފާ އަށް ދިއުން ވެސް މަނަލެވެ.

އެހެންވެ ބުރުގާ ނޭޅިގެންނާއި ތުނބުޅި ނުބެހެއްޓިގެން ބަޔަކު މީހުން އެފަހަރު އެތަނުގެ ވަޒީފާ ދޫކޮށްލީ އެވެ. އެތަނުގެ އަންހެން މުވައްޒަފުންނަށް ބުރުގާ އެޅި ފިރިހެން މުވައްޒަފުންނަށް ތުނބުޅި ދިގުކުރެވުނީ އެއަށް ފަހު ގެނައި އިސްލާހުތަކަށް ފަހު އެވެ.

ތުނބުޅި ބޭލުމަކީ ހަރާމް ކަމެއް ކަމަށް ބުނެ، ހދ. ކުޅުދުއްފުށީގެ "ރަސްމާ ސެލޫން" އިން މީހުންގެ ތުނބުޅި ބާލަދިނުން ހުއްޓާލި ވާހަކައެއް ވެސް 2007 ވަނަ އަހަރު އާންމުންގެ ސަމާލުކަން ހޯދި އެވެ.

"އަޅުގަނޑު މިކަން ހުއްޓާލީ މިކަމަކީ ހަރާމް ކަމެއް ކަމަށް ދީނީ އިލްމުވެރިން ބުނާތީ އެކަމާ ގަންނާކުރައްވާ ބިރުން. އެހެން ނޫނަސް އަޅުގަނޑު ތުނބުޅި ބަހައްޓާފައި ފައިސާ ހޯދަން އެހެން މީހުންގެ ތުނބުޅި ބާލައި ދިނުމަކީ ހަމަޖެހޭ ކަމެއް ކަމަށް ވެސް ނުފެންނާތީ،" ދިގު ތުނބުޅިއެއް ބަހައްޓާފައިހުރި އެ ސެލޫންގެ ވެރިޔާ މޫސާ އަލީ އޭރު ބުންޏެވެ.

ޑީޕީއާރްއެސްގެ މުވައްޒަފުން ތުނބުޅި ބޭލުމަށް ގަވާއިދެއް ހެދި ޚަބަރަކީ ވެސް ހޫނުވި ކަމެކެވެ. ތުނބުޅީގެ މައްސަލާގައި ރާއްޖޭގެ ކޯޓަކުން ނެރުނު ކަމަށް ބުނެވޭ ފުރަތަމަ ހުކުމް ފެނިގެން ދިޔައީ އެފަހަރު އެވެ.

ތުނބުޅި ނުބެހެއްޓޭ ގޮތަށް ގަވާއިދު އިސްލާހްކުރީމަ އެ މައްސަލަ ކ. މާފުށީ ކޯޓަށް ވައްދައިގެން އިއްވި ހުކުމުގައި ބުނެފައި ވަނީ ތުނބުޅި ބެހެއްޓުމަކީ ގާތްގަނޑަކަށް ވާޖިބެއް ކަމަށްވާއިރު ތުނބުޅި ބޭލުމަށް ގަވާއިދެއް ނެހެދޭނެ ކަމަށެވެ.

"ތުނބުޅި ބެހެއްޓުމަކީ ސުންނަތަކަށްވުރެ މަތީ، ވާޖިބަކާ ގާތްކުރާ ކަމަކަށްވާ އިރު އަދި ބައެއް އިލްމުވެރިން ތުނބުޅި ބެހެއްޓުމަކީ ވާޖިބެއް ކަމަށް ވިދާޅުވާއިރު މާތްވެގެންވާ އިސްލާމް ދީނުގައި މިހާ މަތީ ދަރަޖައެއް ދެއްވާފައިވާ ކަމެއް ނުކުރުމަށް [އެބަހީ ތުނބުޅި ނުބެހެއްޓުމަށް] 100 ޕަސެންޓް އިސްލާމީ ގައުމެއްގައި ވަޒީފާ އަދާކުރާ މުސްލިމުންނަށް ނޭންގޭނެ،" 2011 ވަނަ އަހަރު ކުރި އެ އަމުރުގައިވެ އެވެ.

ނަމަވެސް އެ އަމުރު ވަނީ ފަހުން ހައި ކޯޓްގައި ބާތިލުކޮށްފަ އެވެ.

ތުނބުޅި ބެހެއްޓުމާއި ތުނބުޅި ބޭލުމަށް އަހަރެމެން އަމިއްލަ އަށް ގަވާއިދު ހެދުމުގެ މައްސަލާގައި ހިޔާލުތަފާތުވެފައި އޮތް މިންވަރު މިފަދަ އިޝޫތަކުން ވެސް އެނގިގެން އެބަދެ އެވެ.

ތުނބުޅި އަށް ހަދަންވީ ކިހިނެތް ހެއްޔެވެ؟

އެއް ބަޔަކު އެ ބުނަނީ ތުނބުޅި ބަހައްޓައިގެން ނުވާނެ ވާހަކަ އެވެ. އަނެއް ބަޔަކު އެ ބުނަނީ ތުނބުޅި ބޭލުމަކީ ހަރާމް ކަމެއް ކަމަށެވެ. މިހާ ހިސާބުން މި ޖެހެނީ ދީނީ އިލްމުވެރިންގެ ނަޒަރިއްޔާއަށް ދާށެވެ.

"އިސްލާމީ ޝަރީއަތުގެ ނަޒަރުން ބަލާއިރު ތުނބުޅި ބެހެއްޓުމަކީ ފިރިހެނުންނަށް ޝަރުއުކުރައްވާފައިވާ ކަމެއް. އަދި ހުރިހާ އިމާމްވެރި ބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ތުނބުޅި ބޭލުމަކީ ހަރާމްކަމެއް،" މަދީނާ އިސްލާމިކް ޔުނިވާސިޓީ އިން ދީން ކިޔަވާ ވިދާޅުވެ ވަޑައިގެން ހުންނެވި ޝައިހެއް ކަމުގައިވާ މުހައްމަދު އަނީލް ވިދާޅުވީ މިހެންނެވެ.

"ރަސޫލާގެ އަރިހަށް މަޖޫސީންގެ ބަޔަކު އައި ހިނދު އެމީހުން ތިބީ ތުނބުޅި އާއި ބޯ ބާލައިގެން. އެމީހުންނާ ސުވާލުކުރެއްވުމުން އެމީހުން މި ބުނަނީ ބޯ ބާލައި ތުނބުޅި ބޭލުމަށް އަމުރު ކުރީ އެމީހުންގެ ވެރިމީހާއޭ އެމީހުންގެ މައްޗަށް. އެއަށް ފަހު ރަސޫލާ ހަދީސްކުރެއްވި ކަމަށް ވަނީ ތިމަންނަގެ ވެރި ރަސްކަލާނގެ ތިމަންނަ އަށް އަމުރުކުރެއްވީ ތުނބުޅި ދިގުކޮށް މަތިމަސް ކުރުކޮށްފައި ބަހައްޓާށޭ."

"މީގެ އިތުރުން ވެސް ސައްހަ އެހެން ބައިވަރު ހަދީސުތަކުން ވެސް އެބަ ހުރި ސާބިތުކުރެވެން ތުނބުޅި ދިގުކޮށްފައި މަތިމަސް ތުނިކޮށްފައި ބެހެއްޓުމުގެ ހުކުމް. އަދި މުޝްރިކުންނާ ތަފާތުވުމަށް ވެސް މުސްލިމުން ތުނބުޅި ދިގުކުރުމަށް ގޮވާލައްވާފައި ހުރިކަން ހަދީސްތަކުން ސާބިތުވޭ"

"ގުނައި އަދަދު ނުކުރެވޭހާ ހަދީސްތަކުގައި މިވާހަކަ އެބައޮތް. ތުނބުޅި ބަހައްޓަން ޖެހޭ ގޮތާއި މަތިމަސް ބަހައްޓަން ޖެހޭ ގޮތުގެ ވާހަކަ."

"އަނެއްކޮޅުން ތުނބުޅި ބޭލުމަކީ ހަރާމް ކަމެއް ކަމަށް ހަތަރު އިމާމުން އިއްތިފާގުވެ ވަޑައިގަންނަވާ."

ގުރުއާނުގައި ތުނބުޅީގެ ވާހަކަ އެބައޮތްތަ؟

އެ ވާހަކައެއް އޮތީ ސޫރަތުލް ތޯހާގައި އެކަންޏެވެ. އެއީ ސޫރަތުގެ 94 ވަނަ އާޔަތެވެ. މިއީ ގުރުއާނުގައި ތުނބުޅީގެ ވާހަކަ އައިސްފައިވާ ހަމައެކަނި ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.

އަނެއްކޮޅުން ތުނބުޅި ބެހެއްޓުމަށް އަމުރުކޮށް ނުވަތަ ތުނބުޅި ބޭލުން ހަރާމްކޮށްފައެއް ވެސް ގުރުއާނަކު ނެތެވެ. އެހެންވީމަ މާތް ﷲ ގެ ކަލާމްފުޅުގައި އެގޮތަކަށް ނެތޭ ކިޔާފައި ހިތު ހުރި ގޮތަކަށް އަހަރެމެން މުސްލިމުންނަށް އުޅެވިދާނެތޯ އެވެ؟

ޝައިހް އަނީލް ވިދާޅުވީ އޭރުން އަޅުގަނޑުމެންގެ މައްޗަށް ފޮނުއްވުނު ރަސޫލު ބޭކަލުން ފޮނުއްވުމުގެ މަގުސަދު ބޭކާރުވީ ކަމަށެވެ.

"ގުރުއާނުގައި ވާ އެއްޗެއް އުނގަންނަވައި ދެއްވުމަށް އަޅުގަނޑުމެންގެ މައްޗަށް ރަސޫލަކު ފޮނުއްވުނީ. އެހެން ނޫން ނަމަ އެކަލޭގެފާނު ފޮނުއްވުމުގެ ބޭނުމެއް ނެތް ނޫންތޯ؟ ފޮތެއް ބާވައިލެއްވީމަ އެ ފޮތަކަށް އުޅުނީމަ ނިމުނީ ނޫންތޯ؟،" ޝައިހް ވިދާޅުވި އެވެ.

"ގުރުއާނުގައި އެބައޮތް ހުރިހާ މައްސަލައެއްގެ އަސާސީ ގާނޫނުތަކުގެ ވާހަކަ ވެސް. ރަސޫލާ ވަޑައިގަތީ އޭގެ ތަފްސީރު އަޅުގަނޑުމެންނަށް އުނގަންނަވައި ދެއްވުމަށް."

"މިސާލަކަށް ނަމާދުގެ ވާހަކަ. ގުރުއާނުގައި ވަހީކުރައްވާފައި އޮތީ ނަމާދު ގާއިމުކުރާ ވާހަކަ. ނަމާދުތަކެއް ވަކި ވަގުތުތަކެއްގައި ގާއިމުކުރާ ވާހަކަ. އެކަމަކު ނަމާދުކުރާނީ ކިހިނެތްކަން، ނަމާދެއްގައި އޮންނާނީ ކިތައް ރަކުއަތްކަން ނެތް ގުރުއާނަކު."

"ގުރުއާނުގައި ﷲ ތައާލާ ވަހީކުރައްވާފައި ވަނީ ރަސޫލާ އަމުރުކުރައްވައިފި ކަމެއްގައި ތިޔަބައިމީހުން ހިފެހެއްޓުމަށް. ނަހީކުރައްވައިފި ކަމަކުން ދުރުހެލިވެގަތުމަށް. ހަމައެކަނި އީމާންވާނީ ފޮތުގައި އޮތް އެއްޗަކަށޭ ބުނާ ނަމަ ދީނުގެ ބޮޑުބައި އަޅުގަނޑުމެންގެ އަތުން ގެއްލިގެންދާނީ. އެހެންވީމަ ގުރުއާނުގައި މިވެނި ވާހަކައެއް ނެތޭ ބުނެފައި އެކަމެއް ނުކޮށް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން މުސްލިމަކަށް،" ޝައިހް ވިދާޅުވެ ދެއްވި އެވެ.

ތުނބުޅި ބެހެއްޓުމަކީ ސުންނަތެއްތަ؟

މިހައި ހިސާބަށް އައިއިރު އެނގުނު އެއްޗަކީ ކޮބައި ހެއްޔެވެ؟ ތުނބުޅި ބެހެއްޓުމަކީ ރަސޫލާ އެކަމަކަށް އަމުރުކުރައްވާފައިވާ ކަމެއް ކަމެވެ. އެހެން ނަމަވެސް ވަރަށް ގިނަ މީހުން ގަބޫލުކުރާ ގޮތުން ތުނބުޅި ބެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ނުބެހެއްޓިޔަސް ވަރިހަމަ އެވެ.

އެކަމަކު ދުނިޔޭގެ ބޮޑެތި އިލްމުވެރިން އިން ފެށިގެން އަޅުގަނޑުމެންގެ މި ޝައިހް އަނީލް ވެސް އިއްތިފާގުވެ ވަޑައިގަންނަވަނީ ތުނބުޅި ބެހެއްޓުމަކީ ސުންނަތަކަށް ވުރެ ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް ކަމަށެވެ. އަނީލް ވިދާޅުވީ ތުނބުޅި ބެހެއްޓުން ސުންނަތެއްގެ ގޮތުގައި ގިނަ ދިވެހިން ބަލާ ގޮތް ގޯސް ކަމަށެވެ.

"ތުނބުޅި ބެހެއްޓުމަކީ ސުންނަތެއް ކަމަށް ގިނަ ބަޔަކަށް ހީކުރެވިފައި އޮންނަނީ އަޅުގަނޑުމެންގެ ތެރޭގައި ސުންނަތް އާންމުކޮށް މާނަކުރެވިފައި އޮންނަ ގޮތަކުން. އަޅުގަނޑުމެން އާންމުކޮށް އަޑުއަހައި އުޅޭ ސުންނަތަކީ އިސްލާމްދީނުގެ ހުކުމްތަކުގެ ތެރެއިން އަންނަ ސުންނަތުގެ ވާހަކަ،" ޝައިހް ވިދާޅުވި އެވެ.

"އެކަމަކު ތުނބުޅި ބެހެއްޓުމުގެ މައްސަލަ އަކީ އެއްގޮތަކަށް ވެސް އެ ސުންނަތުގެ ތެރެއަށް ދާ ކަމެއް ނޫން. މިއީ ރަސޫލާގެ ސުންނަތެއް. އެކަލޭގެފާނު ކުރައްވާފައިވާ ކަމެއް. އަދި އެ ކަލޭގެފާނުގެ އުއްމަތަށް އެކަލޭގެފާނު އަމުރުކުރައްވާފައިވާ ކަމެއް"

"އެހެންވީމަ މިފަދަ ގޮތްގޮތަށް އެކަލޭގެފާނު ދައްކައި އަމުރުކުރައްވާފައިވާ ސުންނަތްތައް އަދާކުރުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވާނެ."

މިއީ ވަރަށް ގިނަ ޝައިހުންނާއި ދީނީ އެހެން ބޮޑެތި އިލްމުވެރިން ވެސް މިކަމުގައި އިއްތިފާގުވެ ވަޑައިގަންނަވާ ގޮތެވެ.

ފިރިހެނާ ރީތީ ތުނބުޅި ބެހެއްޓީމަތަ؟

ބައެއް މީހުންގެ ހިޔާލުގައި ތުނބުޅި އަކީ "ފަކުރު" އެއްޗެކެވެ. ތުނބުޅި ބެހެއްޓުމަކީ މުޑުދާރުކަމެކެވެ. އެކަމަކު ހަގީގަތަކީ ފެންނުވަރައި ހުންނަ ކޮންމެ މީހަކު ވެސް ނިކަން މުޑުދާރުވާނެ ކަމަށެވެ.

ތުނބުޅިއާ މެދު މިފަދަ ހިޔާލުތަކެއް ބައެއް މީހުން ގެންގުޅުނު ނަމަވެސް ރީތިކޮށް ކޮށައި ބަލަހައްޓައިގެން ގެންގުޅޭ ތުނބުޅިއަކީ ކޮންމެ މީހެއްގެ ވެސް މޫނުމަތި ރީތިކޮށްދޭ ނިޝާނެއްކަން ޔަގީނެވެ. ފަހަރެއްގައި ދީނުގައި ތުނބުޅި ބަހައްޓަން ނުވަތަ ގެންގުޅެން އިރުޝާދު ދީފައިވާ ގޮތް ދޫކޮށް ބައެއް މީހުން ތުނބުޅި "ފެޝަނަކަށް" ހަދައިގެން އުޅެނީ ވެސް މި ސަބަބާ ހެދި އެވެ.

މިސާލަކަށް މިފަހުން ތުނބުޅިއަކާ އެކު މަޝްހޫރުވެ ވަޑައިގެންފައިވާ ޖުމްހޫރީ ޕާޓީގެ ވެރިޔާ ގާސިމް އިބްރާހީމް އިހަކަށް ދުވަހު ވިދާޅުވެފައި ވަނީ އެ ބޭފުޅާ ވެސް ތުނބުޅި ހިޔާރުކުރެއްވީ މަޝްހޫރު ސެލެބްރިޓީން ވެސް ތުނބުޅި ބަހައްޓާތީ ފެޝަނަކަށް ނުވަތަ ރީއްޗަކަށް ކަމަށެވެ.

މާލެ އަށް ބަލައިލިޔަސް މި ދުވަސްކޮޅުގެ އެންމެ ބޮޑު އެއް ފެޝަން ޓްރެންޑަކަށް ތުނބުޅިވާނެކަން ޔަގީނެވެ. ވަރަށް ގިނަ ޒުވާނުންނަކީ ނިކަން ބޮޑު ތުނބުޅި ލައިގެން ތިބޭ މީހުންނެވެ. އެމީހުން ތުނބުޅި ދީނީ ގޮތުން މި ބަހައްޓާ މަތިމަސް ތުނި-ތުނބުޅި ދިގު ވައްތަރަކަށް ވެސް ނުދެ އެވެ.

ޒުވާނުންގެ މެދުގައި މި ދުވަސްކޮޅު އެންމެ މަގްބޫލު ތުނބުޅީގެ ވައްތަރަކީ "ހިޕްސްޓާ ތުނބުޅި" އެވެ. އެއީ މަތިމަހާއި ތުނބުޅި އެކުގައި ނިކަން ބޮޑަށް ދިގުކޮށްލާފައި ހުންނަ ސްޓައިލެކެވެ.