އެމެރިކާގައި މައި ސަރުކާރުން މުސާރަ ދޭ މުވައްޒަފުންގެ އަދަދު ހަތަރު މިލިއަނަށް ވުރެ އިތުރެވެ. އެ ހުރިހާ މުވައްޒަފުންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބެނީ ޑރ. އެންތަނީ ފައުޗީއަށެވެ. ތިޔަ ހީކުރީ ރަނގަޅަށެވެ. އެމެރިކާގެ ރައީސް، ބައިޑަންގެ ޗީފް މެޑިކަލް އެޑްވައިޒާ، ފައުޗީ އެވެ.
ފައުޗީ އަދި އެހެން ވަޒީފާއެއް ވެސް އަދާ ކުރައްވަ އެވެ. އެއީ "ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަން ޑިސީޒް" ގެ ޑައިރެކްޓަރު ކަމެވެ. އޭނާއަކީ ވަރަށް މުރާލި އަދި ވަރަށް ގިނަ ވަގުތު އޮފީހުގައި އުޅުއްވާ ބޭފުޅެއް ކަމަށް ބުނެވެ އެވެ.
ފައުޗީގެ މުސާރަ ބޮޑު ވާން ޖެހޭ ސަބަބުތަކުގެ ތެރޭގައި، ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރާ އެ ފެންވަރުގެ ތަޖުރިބާކާރުންނަށް ދޭ މުސާރަ ބޮޑުވުން ހިމެނެ އެވެ. އެމެރިކާގައި މުސާރަ އެންމެ ބޮޑު މީހުންގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި ރިސާޗް ސައިންޓިސްޓުންނެވެ.
އެމެރިކާ ރައްޔިތުން ދުޅަހެޔޮކަމާ މެދު އެންމެ ބޮޑަށް ވިސްނާވަޑައިގަންނަވަން ޖެހިފައިވާ އެކަކީ ފައުޗީ އެވެ. އޭނާ އަށް 2019 ގައި މުސާރައިގެ ގޮތުގައި 417،608 ޑޮލަރު ލިބިލެއްވި އެވެ. އަދި ލަފާ ކުރެވިފައިވާ ގޮތުން 2024 ގެ ނިޔަލަށް އަހަރަކު 2.5 މިލިއަން ޑޮލަރު ލިބިލައް ވާނެ އެވެ.
ފައުޗީގެ މުސާރަ އެމެރިކާ ރައީސްގެ މުސާރައަށް ވުރެވެސް ބޮޑެވެ. ޓްރަމްޕް ސަރުކާރު ހިންގެވީ މުސާރަ ނުނަންގަވާ ކަމަށް ވެ އެވެ. އަހަރަކު 400،000 ލިބިލެއްވިއިރު ބުނެވެނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ކޮންމެވެސް ޖަމިއްޔާއަކަށް ހަދިޔާ ކުރެއްވީ ކަމަށެވެ. އެހެން ނަމަވެސް ރައީސަކަށް ލިބިލައްވާ އެހެން ފަސޭހަތައް އިޚްތިޔާރު ކުރެއްވި ކަމަށް ބުނެވެ އެވެ.
އެމެރިކާގެ ނައިބް ރައީސް، މައިކް ޕެންސްއަށް ލިބިލެއްވީ 235،100 ޑޮލަރެވެ. ސްޕްރީމް ކޯޓް ޗީފް ޖަސްޓިސް ޖޯން ރޮބާޓްސްއަށް 270،700 ޑޮލަރެވެ. ހައުސް ސްޕީކާ ނޭންސީ ޕެލޯސީއަށް 223،500 ޑޮަލަރެވެ.