ނޭދެމޭ ވަކިވުމެއް

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް:14)

ލިއުޝާއަށް ވެގެން ދިޔަ ގޮތް އޭނާއަށް ވެސް އޮޅިގެން ދިޔަ ކަހަލައެވެ. މިފްޒާލްގެ ބާރުގެ ދަށަށް ލިއުޝާގެ މުޅި ހަށިގަނޑު ހުށައެޅިގެން ދިޔައެވެ. މިފްޒާލްގެ ދެއަތުން ލިއުޝާގެ ހަށިގަނޑު ވަށައިލައިގެން ހިފަހައްޓާފައި ވަނީ ނުހަނު ބާރަށެވެ.

މިފްޒާލް ވަރަށް ހުށިޔާރެވެ. އިންތިހާއަށް އަތް ވާންކޮށްލަމުން މިފްޒާލް، ނިކަން ބާރަށް ލިއުޝާ ހޫރައިލިއެވެ. ލިއުޝާ ގޮސް ޖެހުނީ ސޯފާ މައްޗަަށެވެ.

"އައްދޯއި.. މީހެކޭ.." ލިއުޝާގެ އަނގައިން ބޭރު ކުރެވުނީ އެވަރަށެވެ. މިފްޒާލް ވަރަށް ބާރަށް ލިއުޝާގެ ކަރުގައި ހިފައި ފިއްތާލުމަށްފަހު، ލިއުޝާގެ ގާތު މަޑުން އޮންނަން އެދުނީ ހަރުކަށި ރާގެއްގައެވެ. ލިއުޝާގެ ދެލޯ ބޮޑުވެ، ނޭވާ ހާސްވަމުން ދިޔައެވެ.

***

"ކިހިނެއްވީ؟" މިފްރާހު ކުއްލިއަކަށް ބަލައިލީ ހައުލާއަށެވެ. ހައުލާގެ އަތުގައި އޮތް ވަޅި ވެއްޓުމުން މިފްރާހަށް ލިބުނީ ހައިރާން ކަމެކެވެ.

"ކަމެއް ނުވޭ! އަތުން ދޫވީ.." ހައުލާ ވާހަކަ އޮޅުވައިލަމުން ކެރެޓު ކޮށަން ފެށިއެވެ. މިފްރާހު މަޑުމަޑުން ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ވަންނާށެވެ. ހައުލާ އެއްވެސް އެއްޗެއް ނުބުނެ މަޑުން ހުރީއެވެ. މިފްރާހަށް ވަރަށް އަސަރުކޮށްފައިވާކަން އެއީ ހައުލާއަށް ޝައްކެތް ނެތް މިންވަރަށް ޔަޤީން ކަމެކެވެ.

ކެރެޓުތައް ކޮށައި ނިންމާލުމަށްފަހު، ހައުލާ ފިޔާގަނޑު ރަތްކޮށް ނޫޑްލިސް ކައްކަން ފެށިއެވެ. އެތަން ދޫކޮށް ދިޔަ މިފްރާހުގެ ޚަބަަރެއް ފަހުން ހައުލާއަކަށް ނުވެއެވެ. ކޮޓަރިއަށް ވަތް ގޮޮތަށް މިފްރާހު އިނީ ކޮޓަރީގައެވެ.

***

މިފްޒާލްގެ އަނިޔާވެރިކަމުގެ ދަންތުރައިގައި ޖެހި، ލިއުޝާއަށް ކުރުކޮށް އަވަސްކޮށް ނޭވާ ލެވެމުން ދިޔައެވެ.

"ކިހިނެއް ވާންވީ؟" ނުލަފާ ވައްތަރަކަށް މިފްޒާލް ހޭންފެށިއެވެ. ލިއުޝާ ވަނީ ވަރުބަލި ވެފައެވެ. ކަރަށް ތަދުވާ ވަރުން ހިކި ކޮށް ލިއުޝާ ކެއްސަމުން ދިޔައީ، އޭނާގެ މޫނު އެއް އަރިޔަކަށް ބާއްވައިގެންނެވެ. މިފްޒާލްގެ މޫނަށް ބަލަން ބޭނުން ނުވާތީއެވެ.

"އާނ.. މަރާ.. މަރާލާ.." ލިއުޝާ ހިތްވަރުކޮށްފައި ވަގުތުކޮޅެއް ފަހުން ބުނެލިއެވެ. މިފްޒާލް އިހުނަށްވުރެ ބާރަށް ހިނިގަނޑެއް ޖަހައިލިއެވެ.

"ހައްހައްހާ.. ނޫނޭ.. އޭރުން ކަޑައެއްނު؟ އަހަރެން ބޭނުމީ ލިއު އޭ. ލިއުއާ މެރީ ކުރަން. މިހެން ކަންތައް ވެސް ކުރަން މި ޖެހެނީ ލިއުގެ ސަބަބުން. ލިއުގެ އެއްބާރުލުން ނުލިބޭތީ.." މިފްޒާލްގެ ދެއަތުން ލިއުޝާގެ އިސްތަށިގަނޑު ރީތިކޮށްލަމުން ބުނެލިއެވެ.

"ހާދަ ގޮތްކުޑަ މީހެކޭ.." ލިއުޝާ ވާހަކަދައްކާ އިރު، އޭނާގެ އަރު ތެރެއިން ހިތި ރަހައެއް ލައެވެ.

"ހެހެ. އަދި ކިރިޔާތަ ތި އެނގުނީ؟" މިފްޒާލް ޖެއްސުމުގެ ރާގެއްގައި އަހައިލިއެވެ.

"ކިތަންމެ ވަރެއް ކުރިޔަސް އަހަރެން ނުލިބޭނެ މިފްޒާލަކަށް.. ތިކަމެއް ނުވާނެ.. ކުރިން ވެސް ތީ ކޮންކަހަލަ މީހެއްކަން އެނގޭތީ އަހަރެން މިފްޒާލާ ގާތް ނުވީ.." ލިއުޝާ ވާހަކަދައްކަމުން ދިޔައީ ވަރަށް ހިތްވަރުކޮށްގެންނެވެ.

"ތީ ހީވާ އެއްޗެއް.. ހެހެ." މިފްޒާލްގެ ޖެއްސުމުގެ ރާގަށް އެއްވެސް ބަދަލެއް ނާދެއެވެ. ލިއުޝާ ސޯފާއިން ތެދުވެވޭތޯ މަސައްކަތްކޮށްލިއެވެ. ނަމަވެސް ލިއުޝާގެ ކިބައިގައި ވަނީ ވަރުބަލި ކަމާއި، ބުރަހެލި ކަމެކެވެ.

"އަހަރެން ކަހަލަ އަންހެނަކު.. އެކަނި ގޭގަ އޮއްވާ، ތިޔަ ކަހަލަ ގޮތަކަށް އައިސް ފިރިހެނަކު ނުކުރާނެ އަނިޔާއެއް.. އަންހެނުންނަށް އަނިޔާ ކުރާނީ ފިރިހެނުންނެއް ނޫން. އެއީ ރަނޑުން.. ފިރިހެނުންނަށް ހުތުރު އަރުވަން އުޅޭ ބައެއް.. ތީ އެކަހަލަ މީހެއް.." ލިއުޝާ އެހެން ބުނީ ނުރުހުމުގެ ރާގެއްގައި މިފްޒާލަށް ބަަލައިލަމުންނެވެ. ލިއުޝާ ބޭރު ކުރި ބަސްތައް އަޑުއަހަން މިފަހަރު މިފްޒާލަކަށް ފަސޭހައެއް ނުވިއެވެ. މިފްޒާލްގެ "ކޫލް"ކަން ގެއްލި، އޭނާ ރުޅި އަތުވެއްޖެއެވެ. ދެލޯ ހިމަކޮށްލަމުން، ދެފަރާތަށް ދެލޯ ދަމާލީ އައި ރުޅީގައެވެ. ބުމަ ގޮށްޖެހި، މިފްޒާލްގެ މޫނުމަތީގައިވި ޖެއްސުމުގެ ހިނިތުންވުން ފިލައިގެން ދިޔައެވެ.

"ފިރިހެނެއްކަން ދައްކާލާނަން! ޔޫ ވިލް ރިގްރެޓް ފޯރ ޓެލިން ދެޓް.." މިފްޒާލް އޭނާ ލައިގެން ހުރި ގަމީސް ގަޔާއި ވަކިކޮށްލަމުން ވަރަށް އަވަސްކޮށް ލިއުޝާގެ ގައިމައްޗަށް ޖެހިގަތެވެ. އޭގެ ފަހުން ލިއުޝާއަށް ގުނަން ޖެހުނީ އުނދަގު ވަގުތުތަކެކެވެ. ސަލާމަތްވާން ދުއްވައިގަންނަން ވެސް ލިއުޝާ ބޭނުންވިއެވެ. ނަމަވެސް އެހިތްވަރެއް ނުލިބި އުޅެނިކޮށް، މިފްޒާލް ލިއުޝާގެ ފަރާތުން ލިބިގަންނަން ފެށީ އޭނާ ދުވަހަކު ވެސް އުއްމީދު ކުރި ފަދަ ކަމެއް ނޫނެވެ.

***

ނޫޑްލިސް ކައްކައި ނިމުނު އިރުވެސް މިފްރާހުގެ ޚަބަރެއް ނުވިއެވެ. އެންމެފަހުން ހައުލާ ނިންމީ މިފްރާހަށް ގޮވަން ދިޔުމަށެވެ. ދެ ޚިޔާލެއްގައި ހުރެ، މަޑުމަޑުން މިފްރާހުގެ ކޮޓަރީގެ ދޮރުގައި ހައުލާ ޓަކި ދިނެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އިރުކޮޅަކު ދޮރުން ބޭރުގައި މަޑުކޮށްލައިގެން ހުރުމަށްފަހު، ހައުލާ ވަރަށް ޖެހިލުންވެ ހުރެ ދޮރުގެ ތަޅުގައި ހިފައިލިއެވެ. އިސާހިތަކު ދޮރު ހުޅުވުނެވެ. ހައުލާ ހުރި ފިޔަވަޅުމަތީގައި ހުއްޓި ދެލޯ ބޮޑުވިއެވެ. އެނދުގެ ފަނޑީގައި އިށީންދެގެން މިފްރާހު އިނީ އަަންހެން ކުއްޖެއް ފަދައިން މޫނުމަތީގައި އަތް އަޅައިގެން ރޯންށެވެ.

"މިފްރާހު.." ވަރަށް މަޑުމަޑުން ހައުލާ ގޮވައިލީ ކޮޓަރިން ބޭރުގައި ހުރެގެންނެވެ. މޫނުމަތިން އަތް ނަގަމުން މިފްރާހު ބަލައިލީ ހައުލާއަށެވެ. މިފްރާހުގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. މޫނުމަތީގައި އެއްވެސް ތާޒާ ކަމެއް ނެތެވެ.

"އަހަރެން ވަނަސް އޯކޭތަ؟" ހައުލާ ކޮޓަރިއަށް ވަނީ މިފްރާހުގެ ރުހުން ލިބުމުންނެވެ. ހައުލާ ލަސްލަހުން ހިނގާފައި އައިސް އިށީންނީ މިފްރާހާ ޖެހިގެންނެވެ.

"ހުންނާނެ ނޫޑްލިސް ކައްކާފަ.." ހައުލާ އިނީ އިސްދަށަށް ޖަހައިގެންނެވެ. މިފްރާހު އަނެއްކާވެސް މޫނުމަތީގައި އަތް އަޅައި ރޯންފެށިއެވެ.

"ކީއްވެތަ؟ ކީއްވެ؟ އަހަރެން ހައުލާ ދެކެ ވަރަށް ލޯބިވޭ.. ވަރަށް ލޯބިވޭ.. އަހަރެންނަށް ނޭނގެ ހައުލާ އަހަރެން ދޫކޮށްލީ ކީއްވެ ކަމެއް.." މިފްރާހުގެ އަޑު ތުރުތުރު އަޅައެވެ.

"ހިތްވަރު ކުރަން ވާނެ.. ކިހިނެއްތަ ވީ؟" މިފްރާހަށް ހިތްވަރު ދެމުން ހައުލާ އަހައިލިއެވެ. ހުރިހާ ކަމެއް އެނގޭ ހާލުގައެވެ.

"މައު.. އަހަރެން ޙަޤީޤަތުގައި ވެސް ވަރަށް ލޯބިވާ މީހެއް ހައުލާ އަކީ.. ހައުލާ އަކީ.." މިފްރާހުގެ ރިހުމުން ފުރިފައިވާ އަޑު އަހަން ހައުލާއަށް ދަތިވި ކަމަކު، ހައުލާ ގެންދިޔައީ ހިތްވަރާއި އެކު މިފްރާހުގެ ވާހަކަތައް އަޑުއަހަމުންނެވެ.

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މިފްރާހަށް އޭނާގެ ލޯބީގެ ހާދިސާ ހައުލާއަށް ކިޔައިދޭން ފެށުނެވެ. މިފްރާހަށް އެވާހަކަތައް ޙިއްޞާ ކުރެވެނީ އޭނާގެ ލޯބިވާ ހައުލާއަށްކަން ނޭނގުނަސް، އޭނާގެ ހިތުގަައި އަދިވެސް ހައުލާގެ ވިންދު ޖަހާކަމުގެ އިޙްސާސް ހައުލާއަށް ދިޔައީ ކުރުވަމުންނެވެ. މައުރީންގެ ނަމުގައި މިފްރާހުގެ ހަޔާތުގައި ހުންނަން ދަތިވި ހާލަތަށް މިފްރާހުގެ ހިތާމަތައް ހައުލާއަށް ފެނުނެވެ. ނުރޯން ހިތްވަރުކޮށްލައިގެން އިނުން ނޫން ގޮތެއް ހައުލާއަކަށް ނެތެވެ. އެއީ ރޯން ފެށިއްޖެ ނަމަ، ހައުލާގެ ޙަޤީޤަތް މިފްރާހުގެ ކުރިމަތީގައި އެނގިގެން ދާނެތީއެވެ.

ރޭގަނޑުގެ އަނދިރިކަން ފަސްދީ، މުޅިން އައު ދުވަހަކަށް އިރު އުދަރެހުން މަރުޙަބާ ކިޔައިފިއެވެ. ސޯފާގައި އޮތް ލިއުޝާއަށް ވަނީ ގުނޑެލާނެ ހިތްވަރު ވެސް ނެތިފައެވެ. ގައިގެ އެކި ތަންތަނަށް ދިޔައީ ދިލަ އާވި ތަދު ނަގަމުންނެވެ. ދުނިޔެއާ ކުރިމަތި ލާނެ ހިތްވަރެއް މިހާރަކު ލިއުޝާގެ ނެތެވެ. ހައިޝަމަށް ވަފާތެރިވެގެން ހުއްޓަސް، ލިއުޝާގެ އިއްފަތްތެރިކަން ގަދަކަމުން މިފްޒާލް ނަގައިލައިފިއެެވެ. މުޅި ރޭ ހަތަރުދަމު އެކަމާ ހިތާމަކޮށްކޮށް ލިއުޝާ ފަކީރު ވަނީ ހަލާކު ވާން ގާތްވެފައެވެ. މިވާހަކަތައް ހައިޝަމަށް ކިޔާ ދޭނީ ކިހިނެއްކަމެއް ވެސް ލިއުޝާއަކަށް ނޭނގެއެވެ. އަނިޔާވެރި ޖަނަވާރެއް، އައިސް ލިއުޝާގެ މުޅިގައި ކޮށައި މަށައިފައި އެދިޔައީ ލިއުޝާގެ މުޅި ޙަޔާތުގައި ސިއްކަ ޖަހަމުންނެވެ. އަންހެނަކަށްވެ ހުރެ ހިތްވަރުކޮށްފައި ބަސް ބުނެވުނަސް، ރަހުމުކުޑަ ސިންގާއެއްގެ ވަކިތަކުން ކޮންމެ އަންހެނަކަށް ސަަލާމަތެއް ނުވެވޭނެއެވެ. ނަފުސާނީ ބަލިކަށި ކަމުން އެތައް އަންހެނުންނެއްގެ ޙަޔާތް އަނދިރިވާ ހާލަތްތައް ވެސް އާދެއެވެ. ލިއުޝާއަށް ވެސް ވީ ހަމަ އެހެނެވެ. ދިފާޢުގައި ބަސް ބުނެވުނަސް، މިފްޒާލް އަތް އިސްކޮށް، އޭނާގެ ވަކިތަކުގެ ދަށުވުމުން އިތުރަށް އެއްވެސް ގަދައެއް ލިއުޝާއަކަށް ނުދެއްކުނެވެ.

***

ފެންވަރައިލައިގެން މިފްޒާލް ނުކުތް ގޮތަށް، އެނދުމައްޗަށް ޖެހިގަތެވެ. މިފްޒާލް ވަނީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. މިފްޒާލްގެ ހިތަށް ވަނީ ބުނެދޭން ނޭނގޭ ފަދަ ހިތްހަމަ ޖެހުމެއް ލިބިފައެވެ. އެތައް އަހަރަކު ބޭނުންވި އުފަލާއި އަރާމް، ލޯބިވާ މީހާގެ ފަރާތުން ލިބުނީމައެވެ. ގަދަ ބާރުގައި ނަމަވެސް މިފްޒާލްގެ އެއްވެސް ޝަކުވާއެއް ނެތެވެ. މިފްޒާލްގެ ހިތް ވަނީ އުފަލުން ފުރި ބަންޑުންވެފައެވެ.

މިފްޒާލްގެ ދެލޯ މެރެމެން ދަނިކޮށް، އޭނާއަށް އިވުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިން އަޑެވެ.

"ދޮންބޭ!" ދޮރު ހުޅުވައިލަމުން، މިފްޒާލް ބުނެލިއެވެ. އޭރުވެސް އޭނާގެ ގައިގައި ކޮންމެވެސް ވަރަކަށް ތެތްކަން ހުއްޓެވެ. ފެންވަރައިގެން ރަނގަޅަށް ފެން ނުހިއްކާ ހުރުމުންނެވެ. ކުރު ސޯޓު ކޮޅެއް ލައިގެން ހުރި، މިފްޒާލްގެ މޫނުމަތިން ފެންނަނީ ނިދީގެ އަސަރުތަކެވެ.

"ރޭގަ ނާނަންދޯ ނިދަން؟ ކޮއްކޮގެ ހުރިހާ ކަމެއް ރަނގަޅުތަ؟" މިފްރާހުކޮށްލި ސުވާލުން މިފްޒާލް ހައިރާންވިއެވެ. މިފްރާހު ސުވާލުކޮށްލި ރާގުން ޝައްކުގެ އަސަރުތަކެއް ހުރުމުންނެވެ.

"އާނ ދޮންބޭ.. ހުރިހާ ކަމެއް ވެސް ރަނގަޅު.. ދޮންބެ ވެސް ހިތްވަރު ކުރާތި އިނގޭ.." މިފްޒާލް އެހެން ބުނެ ހިނިތުންވެލިއެވެ. ނަމަވެސް މިފްރާހަށް ވަނީ އޭނާގެ ތުންފަތަށް ހިނިތުންވުމެއް ގެންނަން ވެސް ނޭނގިފައެވެ.

"ކޮއްކޯ.. މިގެއަށް މައުރީން އަންނާނެ. މިގޭގަ ކައްކަން އަންނާނީ.. ކޮއްކޮ ވެސް ކަމެއް ބޭނުން ވަންޏާ މައުރީން ގާތު ބުނޭ. އޭނާއަށް ހެޔޮވާތި.. އިނގޭ!" މިފްރާހުގެ އަޑުގައި އެއްވެސް ހަމަޖެހުމެއް ނެތެވެ. "އާނ އޯކޭ." ބުނެ މިފްޒާލް ހިނިތުންވުމަކާއި އެކު ކޮޓަރީގެ ދޮރު ލެއްޕިއެވެ.

****

ދުވަސްތައް ވޭތުވަމުން ގޮސް ހަފުތާއެއް ފާއިތު ވެއްޖެއެވެ. މިފްޒާލާއި އެކު ވީ ކަމަކީ، ނުވާ ކަމެއް ކަމަށް ބަލައިގެން ލިއުޝާ މަސައްކަތް ކުރަމުން ދިޔައީ ހައިޝަމް ސަލާމަތް ކުރެވޭތޯއެވެ. އެކަން ސިއްރުކޮށްގެން ހުންނަން އުނދަގޫ ވިޔަސް އެކަންތައް ވެސް ލިއުޝާގެ ހިތުގައި އޮވެއެވެ. ލިއުޝާގެ މިހާރުގެ މަޤުޞަދަކީ ހައިޝަމް ސަލާމަތް ކުރުމެވެ. އެކަން ހާސިލު ކުރަން ލިއުޝާ ވަނީ ނުހަނު ބޮޑު އުއްމީދެއް ކަނޑައަޅައިފައެވެ. އެރެޔަށްފަހު، ލިއުޝާއަށް އެއްވެސް ވަރަކަށް މިފްޒާލްގެ ޚަބަރެއް ވެސް ނުވެއެވެ.

ޒީނާއާ އެކު މިފްޒާލް މަސައްކަތް ކުރަމުން ދިޔައީ ފުލުހުން ބަލަމުންގެންދާ މައްސަލަ އެމީހުންނަށް ކާމިޔާބު ކުރެވޭނެ ގޮތެއް ހޯދާށެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް މިފްޒާލް ބޭނުން ވަނީ ހައިޝަމް މުޅި އުމުރަށް ޖަލުގެ ތޭރިތަކުގެ ތެރެއަށް ލާށެވެ. އަދި އެޔަށްފަހު، ލިއުޝާ މުޅި އުމުރަށް ހާސިލު ކުރާށެވެ.

ހައުލާ އާއި މިފްރާހުގެ ގުޅުން މިވޭތުވެގެން ދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަރަށް ރަނގަޅު ވެއްޖެއެވެ. ދެމީހުން ގިނަ ވަގުތުތައް އެކަކު އަނެކަކާ ވާހަކަދައްކަން ހޭދަކުރެއެވެ. ނަމަވެސް މިފްޒާލްގެ އެއްވެސް ސަމާލު ކަމެއް ހައުލާއަކަށް ނެތެވެ.

***

މުޅިން އައު ދުވަހަކަށް ދުނިޔެއަށް މަރުޙަބާ ކިޔައިފިއެވެ. ލިއުޝާ ކޮޓަރިން ނުކުތީ މީހަކު ގޭގެ ދޮރުގައި ޓަކިދޭ އަޑަށެވެ. ލިއުޝާ ދޮރު ހުޅުވައިލީ ގޭގެ އެހެން ފުލޯއެއްގެ ބަޔަކު ދޮރު ކުރިމަތީގައި ތިބުމުންނެވެ.

"އަހަރެމެން މިއައީ ކޯޓުގަ ހެކި ބަސް ދީފަ.." އެތަނުން އެކަކު ބުނެލިއެވެ. ލިއުޝާ ހިތް ތެޅެން ފެށިއެވެ. އެ އެންމެންނަށް ބަލައިލަމުން، ލިއުޝާ ހިންދިރުވައިލިއެވެ.

"އަހަރެމެން ހެކި ބަސް ދިނީ.." (ނުނިމޭ)